22 Jan 2017, 18:10
ތެލެސީމިއާ ހުންނަ ކުދިންނަށް ބޭނުންވާ ތަފާތު ދެ ބޭހަކާއި އިތުރު ވަސީލަތްތަކެއް މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީގެ ފަރާތުން މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) އަށް ހަދިޔާކޮށްފި އެވެ.
އެމްބީއެސްގެ ފަރާތުން އެތަކެއްޗާ ހަވާލުވެވަޑައިގަތީ އެމްބީއެސްގެ ޑިރެކްޓާ ޖެނެރަލް ޑރ. އަސްމާ ސުލައިމާނެވެ. އެތަކެތި ހަވާލުކޮށްދެއްވީ ތެލެސީމިއާ ސޮސައިޓީގެ މެންބަރު އިބްރާހިމް ޝަމްމޫނެވެ.
ތެލެސީމިއާ ސޮސައިޓީގެ ފަރާތުން މިއަދު ހަދިޔާކޮށްފައި ވަނީ "ފެރިޕްރޮކްސް" ނަމަކަށް ކިޔާ ބޭހެކެވެ. ފެރިޕްރޮކްސް އަކީ ލޭއެޅުމުގެ ސަބަބުން ތެލެސީމިއާ ކުދިންގެ ހަށިގަނޑުގައި އިތުރުވާ ދަގަނޑުގެ ބައި ނައްތާލުމަށް ބޭނުންކުރަންޖެހޭ ބޭހެކެވެ.
ފެރިޕްރޮކްސް ސިރަޕް ފުޅި ތަކެއް --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
އެގޮތުން 120 ފެރިޕްރޮކްސް ސިރަޕް ފުޅި އަދި 185 ގުޅަ ބޭސް ފުޅި މިއަދު ހަދިޔާކޮށްފައިވެ އެވެ. އެއިން ކޮންމެ ބޭސް ފުޅިއެއްގެ އަގަކީ 75 ޑޮލަރު ކަމަށް ތެލެސީމިއާ ސޮސައިޓީން މައުލޫމާތުދެ އެވެ.
ފެރިޕްރޮކްސް ގެ އިތުރުން ޑެސްފަރޯލް ގުޅުމަށް ބޭނުންކުރާ 18 ޕަންޕުވެސް ވަނީ މިއަދު އެމްބީއެސްއާ ހަވާލުކޮށްފައެވެ.
ތެލެސީމިއާ ސޮސައިޓީން ބުނީ ފެރިޕްރޮކްސް ގަތުމަށްޓަކައި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ސީ.އެސް.އާރް. ފަންޑުން މޯލްޑިވިއަން ތެލަސީމިއާ ސޮސައިޓީއަށް މި ވޭތުވެދިޔަ ހަތަރު އަހަރު ވަނީ އެހީތެރިކަން ފޯރުކޮށްދީފައި ކަމަށެވެ.
ޑެސްފަރޯލް ގުޅުމަށް ބޭނުންކުރާ ޕަމްޕެއް --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
މިއީ ތެލެސީމިއާ ސޮސައިޓީގެ ފަރާތުން މިގޮތަށް ބޭސް ހަދިޔާކުރާ ހަތަރު ވަނަ އަހަރެވެ.
މޯލްޑިވްސް ބްލަޑް ސާވިސްގައި 800 އަށްވުރެ ގިނަ ލޭއަޅާކުދިން ރަޖިސްޓްރީކޮށްފައިވާ އިރު، އެ ސާވިސް ރަޖިސްޓަރީކޮށް ހިދުމަތްދޭން ފަށާފައިވަނީ 1994 ވަނަ އަހަރު އެވެ.