22 Jan 2017, 16:51
ބްރެޒިލްގެ ފުޓްބޯޅަ ކްލަބު ޗަޕެކޮއެންސް ދަތުރުކުރަމުންދިޔަ ބޯޓު ވެއްޓުނު ހާދިސާގައި، ސަލާމަތްވި އެޓީމުގެ ތިން ކުޅުންތެރިން ކޮޕާ ސުޑަމެރިކާނާގެ ތަށި އުފުއްލާލައި، މުޅި ދުނިޔެ ރޮއްވާލައިފިއެވެ.
ފްލައިޓް ވެއްޓުނު ހާދިސާއަށްފަހު ޗަޕެކޮއެންސް ޓީމު ވަނީ ފުރަތަމަ ފަހަރަށް މެޗެއް ކުޅެފައެވެ. އިއްޔެ ބްރެޒިލްގެ ޗެމްޕިއަން ޕަލްމޭރާސްއާއި ޗަޕެކޮއެންސް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 2-2 ލަނޑުން އެއްވަރުވެގެންނެވެ.

ބްރެޒިލްގެ ފުޓްބޯޅަ ކްލަބު ޗަޕެކޮއެންސް ދަތުރުކުރަމުންދިޔަ ބޯޓު ވެއްޓުނު ހާދިސާގައި ސަލާމަތްވި އެޓީމުގެ ތިން ކުޅުންތެރިން ކޮޕާ ސުޑަމެރިކާނާގެ ތަށި އުފުލާލުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އޭޕީ
ޗެރިޓީ މެޗެއްގެ ގޮތުގައި ކުޅުނު އެމެޗުގެ ނަތީޖާއަށްވުރެ ފާހަގަކޮށްލެވެނީ އެމެޗު ފެށުމުގެ ކުރިން ކުރިއަށްދިޔަ ރަސްމިއްޔާތެވެ. ކޮލަމްބިއާއަށް ދަތުރުކުރަމުންދަނިކޮށް ވެއްޓުނު ފްލައިޓުން ޗަޕެކޮއެންސްގެ 22 މެންބަރަކު ދަތުރުކުރިއެވެ. އެޓީމު ފްލައިޓުގައި ދަތުރުކުރަމުންދިޔައީ ކޮޕާ ސުޑަމެރިކާނާގެ ފައިނަލުގައި ކޮލަމްބިއާގެ އެތުލެޓިކޯ ނޭސިއޮނަލްއާ ދެކޮޅަށް ކުޅުނު މެޗުގައި ވާދަކުރުމަށެވެ.
ފްލައިޓުން ދަތުރުކުރި ޗަޕެކޮއެންސް ޓީމު މެންބަރުންގެ ތެރެއިން 19 މެންބަރުން މަރުވިއިރު، ސަލާމަތްވެފައިވަނީ ތިން ކުޅުންތެރިއެވެ. އެ ތިން ކުޅުންތެރިން ވަނީ އިއްޔެގެ ޗެރިޓީ މެޗު ފެށުމުގެ ކުރިން ކޮޕާ ސުޑަމެރިކާނާގެ ތަށި އުފުލާލައިފައެވެ.
އިއްޔެގެ މެޗުގެ ކުރިން ތަށި އުފުލާލުމަށް ބޭއްވި ރަސްމިއްޔާތުގައި އެންމެ ގިނަ ބައެއްގެ ނަޒަރު ހުއްޓިފައިވަނީ އެޓީމުގެ ފްލައިޓް ވެއްޓުނު ހާދިސާގައި ސަލާމަތްވި ޖެކްސަން ފޯލްމަންއަށެވެ. އެ ހާދިސާއަށްފަހު އޭނާގެ ކަނާތު ފަޔަށް ލިބުނު އަނިޔާއާ ގުޅިގެން، ކަނާތު ފައި ވަނީ ބުރިކޮށްލައިފައެވެ. އޭނާ ތަށި އުފުލައިލީ، ފުރޮޅުލީ ގޮނޑިއެއްގައި އިށީނދެ އިނދެއެވެ.

ބްރެޒިލްގެ ފުޓްބޯޅަ ކްލަބު ޗަޕެކޮއެންސް ދަތުރުކުރަމުންދިޔަ ބޯޓު ވެއްޓުނު ހާދިސާގައި ސަލާމަތްވި އެޓީމުގެ ތިން ކުޅުންތެރިން ކޮޕާ ސުޑަމެރިކާނާގެ ތަށި އުފުލާލުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އޭޕީ
އެ ހާދިސާގައި ސަލާމަތްވި އިތުރު ދެ ކުޅުންތެރިޔަކު ވެސް ފުން އަސަރާއެކު ޗަޕެކޮއެންސްގެ ދަނޑު އެރީނާ ކޮންޑޯގައި ކޮޕާ ސުޑަމެރިކާނާގެ ތަށި އުފުލައިލިއެވެ. މެޑެލްއާ ހަވާލުވެ ކޮޕާ ސުޑަމެރިކާނާގެ ތަށްޓާ ހަވާލުވިއިރު، ގޯލްކީޕަރު ޖެކްސަން ފޯލްމަންއާއި ޑިފެންޑަރު ނޭޓޯ އަދި ވިންގާ އެލަން ރުޝެލްގެ ލޮލުން ކަރުނައިގެ އަސަރު ފެނިގެންދިޔައެވެ. އޭގެ އިތުރުން މަރުވެދިޔަ ޓީމު މެންބަރުންގެ އާއިލާތަކާއި ސަލާމަތްވި ތިން ކުޅުންތެރިންގެ އާއިލާ އަދި ދަނޑަށް ހާޒިރުވި 20،000 ސަޕޯޓަރުންގެ ލޮލުން ވެސް ކަރުނައިގެ އަސަރު ފެނިގެންދިޔައެވެ.
ކޮޕާ ސުޑަމެރިކާނާގެ ތަށި ޗަޕެކޮއެންސްއަށް ލިބިފައިވަނީ އެމުބާރާތުގެ ފައިނަލުގައި އިދިކޮޅަށް ނުކުންނަން ހަމަޖެހުނު އެތުލެޓިކޯ ނޭސިއޮނަލްގެ އެދުމުގެ މަތިންނެވެ. އިއްޔެ ކުޅުނު އެމެޗުގައި ދަނޑުތެރެއިން ކޮލަމްބިއާގެ ދިދަތަކާއި އެތުލެޓިކޯ ނޭސިއޮނަލްގެ ގިނަ އަދަދެއްގެ ޖާޒީތަކެއް ފެނިގެންދިޔައެވެ.

ބްރެޒިލްގެ ފުޓްބޯޅަ ކްލަބު ޗަޕެކޮއެންސް ދަތުރުކުރަމުންދިޔަ ބޯޓު ވެއްޓުނު ހާދިސާގައި ސަލާމަތްވި އެޓީމުގެ ތިން ކުޅުންތެރިން ކޮޕާ ސުޑަމެރިކާނާގެ ތަށި އުފުލާލުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އޭޕީ
އިއްޔެ ކުޅުނު އެކުވެރިކަމުގެ މެޗުގެ އެނައުންސަރަކަށް ހުރީވެސް ފްލައިޓް ވެއްޓުނު ހާދިސާގައި ސަލާމަތްވި ނޫސްވެރިއެއް ކަމަށްވާ ރަފައެލް ހެންޒެލްއެވެ. މެޗު ކުރިއަށްދިޔައިރު، މުޅި ދަނޑު ގުގުމާލާފައިވަނީ "ވަމޯސް، ވަމޯސް ޗާޕޭ"ގެ ލަވަތަކާއި އަޑުތަކުންނެވެ.
ބޯޓު ވެއްޓުނު ހާދިސާގައި 71 ފަސިންޖަރުން މަރުވިއިރު، ސަލާމަތްވެފައިވަނީ ހަ ފަސިންޖަރުންނެވެ.