22 Jan 2017, 16:22
މުސްކުޅިން ބުނެ އުޅޭ ގޮތުގައި ލ. ގަމު، "ޕަރީ ފެންގަނޑު" އޮންނަނީ ބިމުއަޑިން ކަނޑާ ގުޅިފަ އެވެ. ވަށައިގެން ބިޔަ ގަސްތަކުން ހިޔާވެފައިވާ އެ ފެންގަނޑަކީ ރާއްޖޭގައި އާންމުކޮށް އޮންނަ ކުޅިތަކަށް ވުރެ ރީތި ތަނެކެވެ. އެ ފެންގަނޑަކީ ގަމު "ކުރުހިންނައިގެ" އިރުމަތީ ފަރާތުގައި ގޮނޑުދޮށުން ފެށިގެން 70 ފޫޓް ހުޅަނގަށް އޮންނަ ފެންގަނޑެކެވެ.
މި ފެންގަނޑަށް ވެއްޓޭ އެއްޗެހި ދެން ފެންނާނީ ހައްދޫ ކަނޑުގެ މެދުންނޭ ބުނެ އުޅެ އެވެ. އެ ފެންގަނޑުގެ ފުންމިން ނޭނގޭ ވާހަކައަކީ އާންމު ވާހަކައެކެވެ.

ދަންވަރު ޕަރީ ފެންވަރާ ފެންގަނޑު ކަމަށް ބުނާ އެ ފެންގަނޑުގެ ފުންމިން ބެލުމަށް ފްރީ ޑައިވަރެއް ކަމަށްވާ މުހައްމަދު ރަޝީދު (ޕިންޑޯ) އިއްޔެ ވަނީ އެ ފެންގަނޑަށް ފީނައި ފެންގަނޑުގެ އެންމެ އަޑިއަށް ގޮސްފަ އެވެ. އަދި އެންމެ އަޑީގެ މަންޒަރުތައް ވީޑިއޯކޮށްފައިވެ އެވެ.
"އެހާ ފުނެއް ނޫން އެންމެ ފުން ހިސާބުގައި ވެސް އުޅެނީ 12 މީޓަރު [39 ފޫޓް]، އަނެއް ބައި ހިސާބުގައި 9 މީޓަރު، އެންމެ ތިލަ ހިސާބުގަ ހަތަރު މީޓަރު،" ޕިންޑޯ ބުންޏެވެ.
އިއްޔެ މެންދުރު އޭނާ އެ ފެންގަނޑުގެ އެންމެ ފުނަށް ގޮސް ވީޑިއޯ ކޮށްފައިވާއިރު އެންމެ އަޑިން ފެންނަނީ ކިސަޑެވެ. މެންދުރު ބާރު އަވިގަނޑުގައި އެ ފެންގަނޑުގެ އެންމެ އަޑީގައި އެއްވެސް އަލި ކަމެއް ނުހުރެ އެވެ.
"ގަހުގެ ފަތާއި ގޮފިކޮޅު ކޮޅު ހުރީ، ކިސަޑު ފުދޭ ވަރަކަށް. އެކަމަކު އެހާ ޗަކައެއް ނޫން، ވަރަށް އަނދިރި، އަލީގެ އެއްވެސް ކަމެއް ނުހުރޭ، މަ އަޑިއަށް ދިޔައީ ވަރަށް އަވިގަދަ ގަޑިއެއްގަ،" ޕިންޑޯ ބުންޏެވެ.

ކޯރުގެ އެންމެ އަޑިޔަށްގޮސް ވީޑިއޯކުރި ޕިންޑޯ--
ޕިންޑޯ ބުނި ގޮތުގައި އެ ފެންގަނޑުގެ މައްޗާއި އަޅާބަލާއިރު އެންމެ އަޑީގެ ފެން ވަރަށް ލޮނެވެ. އަދި ފެންގަނޑު ވަރަށް ފިންޏެވެ.
ގަމު ކައުންސިލްގެ ނައިބް ރައީސް އަބްދުﷲ ނާފިޒް ސަންއަށް ވިދާޅުވި ގޮތުގައި މިހާތަނަށް އެ ފެންގަނޑުގެ އެންމެ ފުނަށް މީހަކު ފީނިކަން އެނގެން ނެތް ކަމަށެވެ.
"އެނގިފައެއް ނެތް، ރަށުތެރޭ ކިޔާއަޑެއްވެސް ނާހަން، ކުރިންސުރެ ވެސް އަޑުއިވޭ ގޮތުގައި އެތަނުގެ ފުންމިނެއް ނޭނގޭ،" ނާފިޒް ވިދާޅުވިއެވެ.

ވަށަމިނުގައި ގާތްގަނޑަކަށް 953 މީޓަރު ހުންނަ އެ ފެންގަނޑު ވަށައިގެން ކަހަލަ ގޮތަކަށް އޮންނަނީ ކަނޑޫގަސްތަކެވެ. ވަށައިގެން އެއްވެސް ހިސާބަކުން މޫދާއި ގުޅިފައެއް ނުވެ އެވެ.
ކޮންމެ އަކަސް އަޑި ނޭނގޭ ކަމަށް ބުނާ ފެންގަނޑުގެ އަޑީގެ މަންޒަރުތައް ވީޑިއޯކޮށް ދެކެވެމުން އައި ފުލޯކް ވާހަކަތަކަށް މި ވަނީ ނިމުމެއް ގެނެސްފަ އެވެ.