23 Jun 2011, 18:24
ހދ. ކުޅުދުއްފުށިން ފުރައިގެން ހދ. ކުމުންދުއަށް ދަތުރުކުރި ދޯންޏެއް ކުމުންދޫ ނެރުންމައްޗަށް އަރައި ދޯނި އަޑިއަށްގޮސް ދޯންޏަށް ވަރަށް ބޮޑަށް ގެއްލުންވެއްޖެ އެވެ.
ކުމުންދޫ ރަށު ކައުންސިލްގެ މެންބަރު ފަޒީލު އަބްދުލްގައްޔޫމް މިއަދު ވިދާޅުވީ، އެ ހާދިސާގައި ދަތުރުކުރި މީހުންނަށް ގެއްލުމެއް ލިބިފައިނުވި ނަމަވެސް ދޯނި ވަނީ ބޭނުން ނުކުރެވޭ ވަރަށް ފަޅަޅައިގެން ގޮސް ހަލާކުވެފައި ކަމަށެވެ. އަދި ދޯނީގައި ހުރި ގިނަ ސާމާނުތައް ވަނީ އަޑިއަށް ގޮސް، ގެއްލިފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިއްޔެ ހެނދުނު 7:30 އެހާކަންހާ އިރު ހިނގި އެ ހާދިސާގައި ނެރުމައްޗަށް އަރައި އަޑިއަށް ދިޔައީ ކުމުންދޫ "ރޭސް" ނަމަކަށް ކިޔާ ދޯންޏެކެވެ.
ފަޒީލު ވިދާޅުވީ، އެ ދޯނި އަޑިއަށް ދިޔައިރު ފަސް ފިރިހެނުންނާއި އަންހެނަކު އެ ދޯނީގައި އިން ކަމަށެވެ. ނަމަވެސް، ދޯނި އަޑިއަށްދިއުމުން އެމީހުން ވަނީ ރަށު ރައްޔިތުންގެ އެހީތެރިކަމާ އެކު ފަތާފައި އެއްގަމަށް އަރައިފަ އެވެ.
ކުމުންދޫ ކައުންސިލަރު ވިދާޅުވި ގޮތުގައި، އެ ހާދިސާ ހިނގިކަން އެމްއެންޑީއެފަށް ހެނދުނު 8:00 ޖަހަން އުޅެނިކޮށް ރިޕޯޓްކޮށްފައިވީ ނަމަވެސް، އެމްއެންޑީއެފްގެ ލޯންޗު އެ ރަށަށް ދިޔައީ އޭގެ ދެ ގަޑިއިރެއްހާއިރު ފަހުންނެވެ. އޭރު ރަށު ރައްޔިތުން ވަނީ ފީފާ އައްސައިގެން ކުމުންދޫ ބަނދަރަށް ދޯނި ވައްދާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޯސްޓްގާޑު ލަސްވި މައްސަލާގައި ރަށު ބަޔަކު ވަނީ ހިތްހަމަނުޖެހުން ވެސް ފާޅުކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ ކުމުންދޫ ބަނދަރު ހެދިފަހުން މިގޮތަށް ދިމާވި ތިން ވަނަ ހާދިސާ. ބަނދަރު ހަދައިފައި އޮތްލެއް ފަރުވާ ކުޑަކަމުން މިހާގިނަ ހާދިސާ މި ހިނގަނީ. ބަނދަރު ހެދީ ވެސް މިދިޔަ އަހަރު ހެވީލޯޑް މޯލްޑިވްސް އިން. އެކަމަކު ރަސްމީކޮށް ބަނދަރާ އަޅުގަނޑުމެން ހަވާލެ ނުވާ ސަބަބަކީ ބަނދަރު ހަދާފައި އޮތްލެއް ފަރުވާ ކުޑަކަމުން." ފަޒީރު ވިދާޅުވި އެވެ.