ގައުމީ ދެވަނަ ޑިވިޝަން ވޮލީ ލީގުގެ ޗެމްޕިއަންކަން ސީ ލައިފް ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗު ސީލައިފް ސްޕޯޓްސް ކްލަބުން ކާމިޔާބު ކުރީ ސީދާ ތިން ސެޓުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ސީ ލައިފް ސްޕޯޓްސް އިން މެޗުގެ ސެޓްތަށް ގެންދިޔައީ 25-17، 25-20 އަދި 25-17 އިންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މުޅި މުބާރާތުގެ ވެސް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ސީ ލައިފް ސްޕޯޓްސް ކްލަބުގެ ބިދޭސީ ކުޅުންތެރިޔާ މަންޑީޕް ސިންހެވެ.

މަންޑިޕްގެ އިތުރުން ޑްރީމް ޓީމުގައި ދެން ހިމެނުނީ މާޒިޔާގެ ލުގުމާން ލަތީފާއި އަހުމަދު މުހައްމަދާއި މުހައްމަދު އަލީ އާއި ސީ ލައިފްގެ އަހުމަދު އަލީ އާއި މުހައްމަދު ނިހާދު އާއި އަބްދުﷲ ހަސަންގެ އިތުރުން އިސްމާއީލް ރަޝީދެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް މާޒިޔާގެ ކޯޗު އަލީ އަޝްރަފް ހޮވުނުއިރު، 21 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައި ވަނީ ސީއެޗްއެލް އިސްމާއީލް ނާސިރެވެ. އަދި 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ މާޒިޔާގެ ހުސައިން ރަޒާން އެވެ.

މުބާރާތުގެ ތިން ވަނަ ޓީމުގެ މަގާމު ލިބުނީ ސްޕޯޓްސް ކްލަބް ސިޓީ އެވެ. އެ ޓީމަށް ތިން ވަނަ ލިބުނީ އިއްޔެ ހަވީރު ކުޅުނު ތިން ވަަނަ ހޮވި މެޗުގައި ތިން ސެޓު އެއް ސެޓުން ގޫޑީސް ބަލިކޮށްގެންނެވެ.