22 Jan 2017, 13:05
ވޮޮޝިންޓަން (ޖެނުއަރީ 22): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ދިޔަ މީހުންގެ އަދަދާ ބެހޭ ގޮތުން މީޑިއާ އިން ރިޕޯޓުކޮށްފައި ވަނީ ތެދުވެރިކޮށް ނޫން ކަމަށް ބުނެ މީޑިއާ ދެކެ ޓްރަމްޕް ކޯފާވެއްޖެ އެވެ.
އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭއަށް ޒިޔާރަތް ކުރެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި ޓްރަމްޕް ވަނީ ޓީވީ އާއި ފޮޓޯތަކުން އޭނާގެ ހުވާ ކުރުމުގެ ރަސްމިއްޔާތު ދައްކާފައި ވަނީ ނުބައިކޮށް ކަމަށާއި 'ދުނިޔޭގެ އެންމެ ދޮގުވެރި އިންސާނުންގެ ތެރޭގައި' ރިޕޯޓަރުން ހިމެނޭ ކަމަށް ވިދާޅުވެފަ އެވެ.
އަދި ހުކުރު ދުވަހު އޮތް ހުވާ ކުރުމުގެ ރަސްމިއްޔާތަށް ހާޒިރުވީ 25،000 ވަރަކަށް މީހުން ކަމަށް ބުނެފައިވާ މީޑިއާ ރިޕޯޓުތައް ދޮގު ކުރައްވާ ޓްރަމްޕް ވަނީ އެރަސްމިއްޔާތަށް ދޮޅު މިލިއަނެއްހާ މީހުން ދިޔަ ކަަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން އޭނާ ހުވާ ކުރެއްވި ވަގުތު ގާނޫނު ހަދާ މަޖިލީހުން ފެށިގެން ވޮޝިންޓަން މޮނިއުމެންޓާ ހިސާބަށް މީހުން އެއްވެފައި ތިބި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ނަމަވެސް މަތިން ނަގާފައިވާ ފޮޓޯތަކުން އެހާ ގިނަ އަދަދެއްގެ މީހުން ހުވާ ކުރުމުގެ ރަސްމިއްޔާތަށް ހާޒިރު ނުވާކަން އެނގިގެންދެ އެވެ.
ޓްރަމްޕުގެ ބަސްފުޅަށް ތާއިދު ކުރައްވައި ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ޝޯން ސްޕައިސާ ވަނީ ހުކުރު ދުވަހު ފެނިގެން ދިޔައީ މިހާތަނަށް ހުވާ ކުރުމުގެ ރަސްމިއްޔާތަކަށް ހާޒިރުވި އެންމެ ބޮޑު އޯޑިއެންސް ކަމަށް ވިދާޅުވެފަ އެވެ. (ބީބީސީ)