ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް އެއްބާރުލުން ދިނުމަށް ލޭބާ ޕާޓީން އެމްޑީޕީއާ އެކު ހެދި އެއްބަސްވުން އުވާލީ އެގްރިމެންޓާ ހިލާފަށް އެމްޑީޕީން އަމަލްކޮށްފައި ވާތީ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް )ރެޑްވޭވް ސަލީމް( މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީއާ އެކު ލޭބާޕާޓީން ހެދި އެއްބަސްވުން އުވާލި ސަބަބުތަކާ ބެހޭ ގޮތުން ސަން އަށް ދެއްވި އިންޓަވިއުއެއްގައި ސަލީމް ވިދާޅުވީ އެ އެއްބަސްވުން އުވާލީ މަޖިލީހުގައި ނަގާ ވޯޓްތަކުގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ވޯޓް ދޭ ގޮތަށް، ވޯޓް ދިނުމަށް އޭނާ އަށް މަޖުބޫރު ކުރަމުންދާތީ ކަމަށެވެ. ނަމަވެސް ވޯޓް ދިނުމަށް މަޖުބޫރު ނުކުރެވޭނެ ކަމަށް އެމްޑީޕީއާ އެކު ލޭބާ ޕާޓީން ހެދި އެއްބަސްވުމުގައި ބުނެފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ލާދީނީ ފިކުރަށް އަމަލް ކުރަމުންދާ ކަމަށް އިޝާރާތް ކުރާއްވައި ސަމީލް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން އިސްލާމްދީނާ ދެކޮޅު ވިސްނުންތައް ގެންގުޅެމުންދާ ކަމަށެވެ. އެ ގޮތުން ޒަޔަނިސްޓުންނާ މި ސަރުކާރުން ގުޅުން ބަދަހި ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ މިދިޔަ އަހަރުގެ މެއި މަހުގެ 30 ގައި ލޭބާ ޕާޓީން ވެފައިވާ އެއްބަސްވުން މިއަދު އުވާލީ އެފަދަ ސަބަބުތަކާ ހުރެ ކަމަށެވެ.

އެ ޕާޓީން އެއްބަސްވުން އުވާލި ސަބަބުތަކާ ގުޅޭ ގޮތުން މިރޭ ނޫސްބަޔާނެއް ނެރޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރަށް އެއްބާރުލުންދިނުމަށް ލޭބާ ޕާޓީން ވެފައިވާ އެއްބަސްވުން އުވާލަން ނިންމީ އެ ޕާޓީގެ ފަސް މެންބަރުންގެ ކައުންސިލުގައި މިއަދު ބޭއްވި ބައްދަލުވުގައި ނެގި ވޯޓުންނެވެ. ފަސް މެންބަރު ވެސް އިއްތިފާގުވެފައި ވަނީ އެއްބަސްވުން އުވާލުމަށެވެ.

ލޭބާ ޕާޓީން މިގޮތަށް ނިންމާފައި ވަނީ އެ ޕާޓިގެ ރައީސް ރެޑް ވޭވް ސަލީމްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާއެއް ކްރިމިނަލް ކޯޓުގައި ކޮށްފައިވަނިކޮށެވެ. އޭނާގެ މައްޗަށް ދައުލަތުން ދައުވާކޮށްފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖައިޒް ފައިދާ ހޯދައިދިން ކަމުގެ ތުހުމަތުގަ އެވެ. ނަމަވެސް އެ ދައުވާ އަށް އިންކާރުކޮށް ސަލީމު މިއަދު ކޯޓުގައި ވިދާޅުވީ އޭނާގެ މައްޗަށް ދައުލަތުން ކުރާ ދައުވާއަކީ ޕްރެސިކިއުޓާ ޖެނެރަލް އަށް ރައީސް ނަޝީދު ބާރުފޯރުވައިގެން ކުރާ ދައުވާއެއް ކަމަށެވެ.