22 Jan 2017, 11:25
ޕަޕުއާ ނިއު ގިނީގެ ބޯގަންވިލް އައިލެންޑުގެ ހުޅަނގުން 47 ކިލޯމީޓަރު ދުރަށް އަދި 153.8 ކިލޯމީޓަރު އަޑިއަށް 7.9 މެގްނިޓިއުޑުގެ ބިންހެލުމެއް އަތުވެއްޖެ ކަމަށް ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ބުނެފި އެވެ.
އެންމެ ފުރަތަމަ 8.0 މެގްނިޓިއުޑުގެ ބިންހެލުމެއް ކަމަށް ބެލެވުނު އެބިންހެލުމުގެ ސަބަބުން 0.3 މީޓަރާއި 1 މީޓަރުގެ ސުނާމީއެއް ސޮލޮމޮން އައިލެންޑްސް ނުވަތަ ޕަޕުއާ ނިއު ގިނީގެ އައްސޭރިފަށުގައި އުފެދުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޕެސިފިކް ސުނާމީ ވާނިން ސެންޓާ (ޕީޓީޑަބްލިއުސީ) އިން ވަނީ ބުނެފަ އެވެ.
ސުނާމީ އެއް އުފެދުމުގެ އިންޒާރު މީގެ ކުރިން އެހެން ގައުމުތަކަކަށް ދިން ނަމަވެސް އެއިންޒާރު މިހާރު ވަނީ ބާތިލުކޮށްފަ އެވެ.
އެބިންހެލުމުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާވިކަމުގެ ނުވަތަ ގިނީއަށް އެއްވެސް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓު އަދި ކޮށްފައި ނުވެ އެވެ.
ރާއްޖޭގެ މެޓް އޮފީހުން ވަނީ އެބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް ބުނެފަ އެވެ.