މިދިޔަ އަހަރު ގައުމީ ފުޓްބޯޅަ ދަނޑުގައި ހުންނަ އެކޮމޮޑޭޝަން ބްލޮކުން ޖުމްލަ 1268 މީހުންނަށް ޖާގަ ދީފައިވާނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާ އިން ބުނެފި އެވެ.

އެކޮމޮޑޭޝަން ބްލޮކްއަކީ އަތޮޅުތެރެއިން އެކި ކުޅިވަރުތައް ކުޅުމަށް އަންނަ ފަރާތްތައް ތިބުމަށް ކުޅިވަރާ ބެހޭ ވުޒާރާ އިން ގާއިމްކޮށްފައިވާ ތަނެކެވެ.

ކުޅިވަރާ ބެހޭ ވުޒާރާ އިން ބުނީ، މިދިޔަ އަހަރުގެ ހިދުމަތް ހޯދި 1268 މީހުންގެ ތެރޭގައި ހިމެނެނީ 1047 ފިރިހެނުންނާއި 221 އަންހެނުން ކަމަށެވެ. މިހާރު ވެސް ބައެއް މީހުން އެތަނުގެ ހިދުމަތް ހޯދަމުންދާ ކަމަށް ވެސް އެ ވުޒާރާ އިން ބުނެފައިވެ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ހުންނަ އެކޮމޮޑޭޝަން ބްލޮކް: އެތަން މަރާމާތު ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުން --- ފޮޓޯ/ ޔޫތު މިނިސްޓްރީ

ކުޅިވަރާބެހޭ ވުޒާރާގެ އިންފޮމޭޝަން އޮފިސަރު ހުސައިން އަމީން ވިދާޅުވީ، އެކޮމޮޑޭޝަން ބްލޮކްގައި ތިބުމުގެ އިންތިޒާމް އެ ވުޒާރާ އިން ހަމަޖައްސައިދެނީ ކުޅިވަރު އެސޯސިއޭޝަންތަކުން އެކަމަށް އެދުމުން ކަމަށެވެ. އެގޮތުން ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވުމަށް އަތޮޅުތެރެއިން އަންނަ ކުޅުންތެރިންނާއި އޮފިޝަލުން ތިބުމުގެ އިންތިޒާމް އެ ވުޒާރާ އިން ހަމަޖައްސައިދެ އެވެ.

މިދިޔަ އަހަރު ފެށި އެކޮމޮޑޭޝަން ބްލޮކް މަރާމާތުކުރުމުގެ މަސައްކަތް އަދި ވެސް ދަނީ ކުރެވެމުންނެވެ. އެތަން މަރާމާތުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ބުނެ އެވެ. އެކޮމޮޑޭޝަން ބްލޮކްއަކީ އެތަން ބޭނުންކުރާ ފަރާތްތަކުގެ އަތުން އެއްވެސް ފީއެއް ނެގުމަކާނުލައި ހިލޭ ހިދުމަތް ދެމުންދާތަނެކެވެ.