22 Jan 2017, 10:24
ހައިދަރުއާބާދު (ޖެނުއަރީ 22): އިންޑިއާގެ އަންދުރަ ޕްރަދޭޝްގައި ރޭލެއް ދަގަނޑު މަތިން ކައްސާލުމުގެ ސަބަބުން 32 މީހަކު މަރުވެ، 54 މީހަކަށް އަނިޔާވެފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.
ޗައްތިސްގަރުން އޮޑީޝާއަށް ދަތުރު ކުރަމުން ދަނިކޮށް އަންދްރަ ޕްރެދޭޝްގައި ރޭލު ފުރޮޅާލުމުގެ ސަބަބުން ރޭލު ދަށުގައި އަދި ވެސް ގިނަ ބަޔަކު ތާށިވެފައި ތިބި ކަމަށާއި އެހެންކަމުން މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޮފިޝަލުން ބުނެ އެވެ.
އެ ރޭލު ދަގަނޑު މަތިން ކައްސާލަން މެދުވެރިވި ސަބަބު އަދި ޔަގީންވެފައި ނުވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. ނަމަވެސް އެ ހާދިސާ މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ރެއިލްވޭ މިނިސްޓްރީން ބުނެ އެވެ.
އަދި ރެއިލްވޭ މިނިސްޓަރު ސުރޭޝް ޕުރަބޫ ވަނީ އެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ދެ ލައްކަ ރުޕީސް (2936 ޑޮލަރު) ދެއްވާނެ ކަމަށާއި އަނިޔާވި ފަރާތްތަކަށް 50،000 ރުޕީސް (734 ޑޮލަރު) ދެއްވާނެ ކަން އިއުލާން ކުރައްވާފަ އެވެ.
އެހާދިސާގައި އަނިޔާވި މީހުންނަށް މިހާރު ދެ ހޮސްޕިޓަލަކުން ފަރުވާ ދެމުންދާ ކަމަށް ހާދިސާގެ ހިނގި އީސްޓް ކޯސްޓް ރެއިލްވޭގެ ވެރިޔާ ޖޭޕީ މިޝްރާ ވިދާޅުވި އެވެ.
އިންޑިއާގެ ރެއިލްވޭ ސްޓޭޝަންތަކަކީ ދުވަސްވެފައިވާ ސްޓޭޝަންތައް ކަމުން އެގައުމުގައި ރޭލު އެކްސިޑެންޓުތައް ވުމަކީ އާއްމު ކަމެކެވެ. މިދިޔަ މަހު އުއްތަރަ ޕްރެދޭޝްގައި ރޭލެއް ފުރޮޅާލުމުގެ ސަބަބުން 140 މީހަކު މަރުވެފައިވެ އެވެ. (އެންޑީޓީވީ)