22 Jan 2017, 10:31
ޑިފެންޑަރު ސާޖިއޯ ރާމޯސް ކާމިޔާބްކޮށްދިން ދެ ގޯލާ އެކު 2-1ގެ ނަތީޖާ އަކުން މަލާގާ ބަލިކޮށް ސްޕެނިޝް ލީގް ތާވަލުގެ އެއްވަނާގައި ރެއާލް މެޑްރިޑް ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.
ރޭގެ މޮޅާ އެކު ތާވަލުގެ އެއްވަނާގައި ރެއާލް އޮތީ 43 ޕޮއިންޓާ އެކު އެވެ. ދެވަނާގައި އޮތް ސެވިއްޔާ 39 ޕޮއިންޓް ލިބޭ އިރު މިރޭ އެޓީމް އޮސަސޫނާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ ރެއާލްއާ އެއް ޕޮއިންޓަށް ލީޑް ކުޑަކުރެވޭނެ އެވެ. ނަމަވެސް އެއީ ރެއާލަށް ވުރެން އެއް މެޗު އިތުރަށް ކުޅެގެންނެވެ. ދެވަނާގައި އޮތް ބާސެލޯނާ އަށް ލިބެނީ 38 ޕޮއިންޓެވެ.
ރެއާލްގެ ސެންޓިއާގޯ ބެރްނެބުއޭި ރޭ ކުޅުނު މެޗުގައި އެޓީމްގެ ދެ ގޯލު ވެސް ކާމިޔާބް ކުރީ ޓޮނީ ކްރޫސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ރާމޯސް އެވެ. ފުރަތަމަ ގޯލު 35 ވަނަ މިނެޓްގައި ކްރޫސް ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން ރާމޯސް ކާމިޔާބްކޮށްދިިން އިރު ދެވަނަ ގޯލު 43 ވަނަ މިނެޓްގައި ރާމޯސް ކާމިޔާބްކޮށްދިނީ އެޓީމަށް ލިބުނު ހިލޭ ޖެހުމެއް ކްރޫސް ނަގައިދިނުމުން ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.
މަލާގާއަށް ސުން ކަނޑުވާލަ ދިން ގޯލު 63 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބްކޮށްދިނީ ހުއާން ޕަބްލޯ އެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ވަނީ ޑިފެންޑަރު މާސެލޯއަށް އަނިޔާވެގެން ބަދަލުކޮށްފަ އެވެ. މާސެލޯ އާ އެކު ރެއާލްގެ އަނިޔާގެ ލިސްޓް މި ވަނީ ހަތަރަކަށް އަރާފަ އެވެ. އެއީ ޖޭމްސް ރޮޑްރިގޭޒް އާއި ގަރެތު ބޭލްގެ އިތުރުން ޕެޕޭ އަދި ޑެނީ ކަރްވަހާލް އެވެ.