22 Jan 2017, 09:52
ވޮޝިންޓަން (ޖަނަވަރީ 22): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ވަރަށް ރުޅި އަންނަ ބޭފުޅެއް ކަމަށާއި އޭނާ އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރައްވައިގެން ވައިޓް ހައުސް އަށް ވަޑައިގެންނެވި ވަގުތު ވައިޓް ހައުސްގައި ބޮމެއް ގޮއްވާލުމުގެ ޚިޔާލުކުރިކަމަށް އެމެރިކާގެ މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ މެޑޯނާ ބުނެފިއެވެ.
ޓްރަމްޕަށް މެސެޖެއް ދިނުމުގެ ގޮތުން ކަމަށްބުނެ އެމެރިކާގެ ކަންކޮޅު ތަކުގައި އަންހެނުންގެ ޖަމާއަތްތަކުން އިއްޔެ ކުރިޔަށްގެންދިޔަ މުޒާހަރާތަކުގައި ވާހަކަ ދައްކަމުން މެޑޯނާ ވަނީ ޓްރަމްޕަށް ވަރަށް ހުތުރު ބަހުން ފާޑުކިޔައި އޭނާއަކީ އަންހެނުންނަށް ހުރި ބިރެއް ކަމަށް ސިފަކޮށްފަ އެވެ. ޓްރަމްޕާ މުޚާތަބުކޮށް މެޑޯނޯ ބޭނުން ކުރި ބަދުއަޚްލާގީ އަދި ލަދުވެތި ހުތުރުބަސްތަކުގެ ސަބަބުން އެމެރިކާގެ ފުލުހުން ވަނީ މޭޑޯނާގެ ވާހަކަތައް ލައިވް ކުރުން ވެސް ކުޑަ ވަގުތުކޮޅަކަށް ހުއްޓުވާފަ އެވެ.
ވައިޓް ހައުސްގައި ބޮމެއް ގޮއްވާލުމުގެ ޚިޔާލު ކުރެވުނީ ޓްރަމްޕް ދެކެ އަންނަ ރުޅިއެއްގެ ބޮޑުކަމުން ކަމަށްވެސް މެޑޯނާ ބުންޏެވެ.
"ވިމެންސް މާޗް" ގެ ނަމުގައި އަންހެނުންގެ ޖަމާއަތްތަކުން ކުރިޔަށްގެންދިޔަ އެ މުޒާހަރާތަކުގެ ފަހަތުގައި ވަނީ އެމެރިކާގެ ނުފޫޒުގަދަ ވިޔަފާރި ވެރިއެއް ކަމަށްވާ ޖޯޖް ސޯރަސް އެވެ. އޭނާއަކީ ހަތިޔާރުގެ ވަގު ވިޔަފާރިކޮށްގެން ނަހަމަ ގޮތުގައި މުއްސަނދިކަން ހާސިލްކޮށްފައިވާ މީހެއް ކަމަށް ތުހުމަތު ކުރެވޭ ހަރުކަށި ވިސްނުމުގެ މީހެކެވެ.
ޖޯޖް ސޯރަސް އަންހެނުންގެ ޖަމާއަތްތައް ޓްރަމްޕާ ދެކޮޅަށް ހަރަކާތް ކުރުވީ ސިޔާސީ ބޭނުމެއްގައި ކަމަށާއި އެކަމުގައި އިސްކޮށް ހަރަކާތްތެރިވި އަންހެން އެކްޓިވިސްޓުންނަށް ސޯރަސް މިލިޔަނުން ފައިސާ ދީފައިވާ ކަމަށް ޓްރަމްޕަށް ތާއީދު ކުރާ ފަރާތްތަކުން ދެކެއެވެ.
ރިޔާސީ ކޭންޕޭންގެ ދުވަސްވަރު ޓްރަމްޕް ވަނީ އަންހެނުންގެ ކަރާމާތަށް އުނިކަން އަންނަ ފަދަ ވާހަކައެއް ވިދާޅުވެފަ އެވެ. ނަމަވެސް އެކަމަށް ޓްރަމްޕް ވަނީ ފަހުން މައާފަށް އެދިވަޑައިގެން އެވާހަކަތައް އަނބުރައި ގެންދަވާފައެވެ.
"ވިމެންސް މާޗް" ގެ ނަމުގައި އަންހެނުންގެ ޖަމާއަތްތަކުން ކުރިޔަށް ގެންދިޔަ މުޒާހަރާތައް ހުއްޓުވުމަށްޓަކައި އެމެރިކާގެ ސަލާމަތީ ބާރުތަކުން ވަނީ 300 އެއްހާ އަންހެނުން ހައްޔަރުކޮށްފަ އެވެ. އަންހެނުންގެ ނަމުގައި ކުރިޔަށް ގެންދިޔަ ނަމަވެސް އެ މުޒާހަރާތަކުގެ ފަހަތުގައި ތިބީ ޓްރަމްޕާ އިދިކޮޅު ފިރިހެނުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެމެރިކާގެ 300 ސަރަހައްދެއްގައި "ވިމެންސް މާޗް" ކުރިޔަށް ގެންދިޔައިރު މިއީ ޓްރަމްޕް ހުވާކުރުމުގެ ރަސްމިއްޔާތާ ދެކޮޅަށް ކުރި މުޒާހަރާތަކަށްވުރެ މާބޮޑު މުޒާހަރާތަކެކެވެ. މި މުޒާހަރާތައް އެންމެ ވަރުގަދައަށް ކުރިޔަށް ގެންގޮސްފައި ވަނީ އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީސީ ގައެވެ. ޚާއްސަކޮށް ކޮންގްރެސްގެ އިމާރާތް ކަމަށްވާ ކެޕިޓޯލްގެ ކުރިމަތީގައެވެ. (ޓާސް ނޫސްއެޖެންސީ)