22 Jan 2017, 09:29
ބަންޖުލް (ޑިސެމްބަރު 22): ގެމްބިއާގެ ވެރިކަމުން ފައިބައިވަޑައިގަތް ޔަހުޔާ ޖަމޭހް ގައުމު ދޫކުރައްވައި ވަޑައިގެންފި އެވެ.
ހުޅަނގު އެފްރިކާގެ ގައުމުތައް ހިމެނޭ އިކޮނޮމިކް ކޮމިއުނިޓީ އޮފް ވެސްޓް އެފްރިކަން ސްޓޭޓްސް (އިކޯވޯސް) އިން ބުނި ގޮތުގައި ޖަމޭހް އަމިއްލައަށް އަރުވާލެވިގެން ހުންނަވާނީ އިކުއިޓޭރިއަލް ގިނީގަ އެވެ.
ގެމްބިއާގައި ވެރިކަން ކުރައްވާތާ 22 އަހަރުވެފައިވާ ޖަމޭހް ވަނީ މިދިޔަ މަހު އޮތް ރިޔާސީ އިންތިހާބުން ނާކާމިޔާބުވެފަ އެވެ. އަދި އިންތިހާބުގެ ނަތީޖާ ފުރަތަމަ ގަބޫލު ކުރެއްވި ނަމަވެސް ފަހުން އޭނާ ވަނީ ވޯޓުގައި މައްސަލައެއް އުޅޭ ކަމަށް ބުނެ ވެރިކަމުން ފައިބައިވަޑައިގަންނަވަން ދެކޮޅު ހައްދަވައިފަ އެވެ. އަދި އެގައުމުގެ އަސްކަރިއްޔާ އިން އެނިންމުމަށް ތާއިދު ކުރުމުގެ އިތުރުން ޖަމޭހް އަށް އިތުރު ތިން މަހަށް ވެރިކަމުގައި ހުރެވޭނެ ކަމަށް ގާނޫނު ހަދާ މަޖިލީހުން ނިންމި އެވެ.
އޭގެ ސަބަބުން ގައުމުގައި ހަމަނުޖެހުން އުފެދި ފުރާނައަށް ނުރައްކާވެދާނެތީ ގެމްބިއާ ދޫކޮށް ސެނެގާލްއަށް ދިޔަ އެތައް ހާސް މީހުންގެ ތެރޭގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އެޑަމާ ބަރޯ ވެސް ހިމެނެ އެވެ. ބަރޯ ރައީސް ކަމުގެ ހުވާ ކުރެއްވީ ވެސް ސެނެގާލްގައި ހުންނަ ގެމްބިއާގެ އެމްބަސީގައި ހުންނަވައިގެންނެވެ.
އޭގެ ފަހުން ހުޅަނގު އެފްރިކާގެ ބައެއް ގައުމުތަކުގެ އަސްކަރީ ފައުޖުތަކުން ވަނީ ގަދަކަމުން ނަމަވެސް ޖަމޭހް ވެރިކަމުން ދުރުކުރާނެ ކަމަށް ބުނެ އެ ގައުމަށް އަރައިފަ އެވެ.
އަދި އެ މައްސަލައާ ގުޅިގެން ހުޅަނގު އެފްރިކާގެ ގައުމުތަކުގެ ބައެއް ރައީސުންނާ މަޝްވަރާތައް ބޭއްވުމަށް ފަހު ޖަމޭހް ވަނީ ވެރިކަން ދޫކޮށްލަން ނިންމަވާފައިވާ ކަމަށާއި އޭގެ ސަބަބުން ލޭ އޮހޮރުވުމަކަށް ގޮސްގެން ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިހާރު ގައުމަށް ކުރިމަތިވެފައިވާ ހުރިހާ މައްސަލައެއް ސުލްހަވެރިކަމާ އެކު ހައްލު ވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. (ބީބީސީ)