ޓްވިޓާ ބޭނުންކުރާ ގިނަ ބަޔަކަށް މި ޖެނުއަރީ މަހުގެ 20 ވަނަ ދުވަހަކީ އާދައިގެ ދުވަކަށް ނުވިއެވެ. ސޯޝަލް މީޑިއާގެ ވަސީލަތްތަލުގެ ތެރޭން، ގިނަބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޓްވިޓާގެ ޔޫޒަރުންނަށް މިއަދު ލިބުނީ ވަރަށް ބޮޑު ހައިރާންކަމެކެވެ. އެއީ އެމީހުން ފޮލޯ ނުކުރާ ދެ ޓްވިޓާ އެކައުންޓަކަށް ފޮލޯކުރަން ފެށިފައިވުމެވެ. އެ ދެ އެކައުންޓަކީ POTUS@ (ޕްރެޒިޑެންޓް އޮފް ދަ ޔުނައިޓެޑް ސްޓޭޓްސް) އަދި FLOTUS@ (ފަސްޓްލޭޑީ އޮފް ދަ ޔުނައިޓެޑް ސްޓޭޓްސް) މި ދެ އެކައުންޓެވެ.

އެމެރިކާގެ ވެރިކަމުގެ ބާރުތައް، އާ ރައީސް ޑޮނަލްޑް ޓްރަމްޕާ ހަވާލުކުރުމާއެކު ޓްވިޓާއިން ވަނީ، އެމެރިކާގެ ރައީސަށް ހާއްސަކުރެވިފައިވާ ޓްވިޓާ އެކައުންޓުވެސް އާ ރައީސާ ހަވާލުކުރުމުގެ މަސައްކަތް ފަށައިފައެވެ.

މިކަމާގުޅިގެން ޓްވިޓާ ބޭނުންކުރާ ގިނަ ބަޔަކުވަނީ، އެކަމުގެ ޝަކުވާ ޓްވިޓާއަށް ހުށަހަޅައިފައެވެ. އަދި ބައެއް މީހުން ވަނީ، އެ ދެ އެކައުންޓް އަންފޮލޯކުރަންވެސް ފަށައިފައެވެ.

ޓްވިޓާގެ ސީއީއޯ ޖެކް ޑޯސީ ވިދާޅުވީ، އެމެރިކާގެ އާ ރައީސް، ރައީސްކަމުގެ ހުވާކުރެއްވުމާއެކު، POTUS@ އަދި FLOTUS@ އަށް ފޮލޯކުރަމުން ދިޔަ ޔޫޒަރުން، މައިގްރޭޓްކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ.

އެ މަސައްކަތް ކުރަމުން ދިޔަ އިރު، މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށާއި ބައެއް ފަރާތްތަކުން އެކަމުގެ ޝަކުވާތައް ހުށަހަޅަމުން އަންނަކަމަށް ވެސް ޖެކް ވިދާޅުވިއެވެ.

މި ދެ ޓްވިޓާ ހެންޑްލްއަށް އަންފޮލޯކުރި ބައެއް ޔޫޒަރުން ވަނީ، އެ ފަރާތްތަކުގެ ޓްވިޓާ އެކައުންޓްތަކުން އަލުން POTUS@ އަދި FLOTUS@ އަށް ފޮލޯކުރަން މަޖުބޫރު ވެފައިވާ ކަމަށް ބުނެ، ޓްވީޓްކޮށްފައެވެ.

ޓްވިޓާއިން ޕްލޭންކޮށްފައި ވަނީ، މިހާރު POTUS@ އަށް ފޮލޯކުރަމުން ދިޔަ ފަރާތްތައް، ކުރީގެ ރައީސް ބަރަކް އޮބާމާއަށް ހާއްސަކޮށްފައިވާ POTUS44@ އަށް އަދި FLOTUS@ އަށް ފޮލޯކުރަމުން ދިޔަ ފަރާތްތައް، ކުރީގެ ފަސްޓްލޭޑީ މިޝޭލް އޮބާމާއަށް ހާއްސަކޮށްފައިވާ FLOTUS44@ އަށް މައިގްރޭޓްކުރުމަށެވެ.

މީގެ އިތުރުން POTUS@ އަދި FLOTUS@ ޓްރަމްޕާއި އޭނާގެ އަނބިކަނބަލުން މެލާނިއާ ޓްރަމްޕަށް، އަދި VP@ ހޭންޑްލް، އާ ނައިބުރައީސް މައިކް ޕެންސްއަށް ހާއްސަކުރުމަށެވެ.

ޓްވިޓާ ސަޕޯޓް އެކައުންޓް Support@ އިން ވަނީ، އެކައުންޓުގެ ވެރިފަރާތް ބަދަލުކުރުމުގެ މަސައްކަތުގައި ދިމާވި މައްސަލަތައް ވީ އެންމެ އަވަހަކަށް ހައްލުކުރުމަށް ޓްވިޓާ ޓީމުން މަސައްކަތްކުރަމުން އަންނަކަމަށް ބުނެފައެވެ.