11 May 2010, 10:24
14:30
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، ދެ ބޭފުޅަކު ޢައްޔަން ކުރައްވައިފި އެވެ.
އެގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ފުލްޓައިމް މެންބަރުންގެ ގޮތުގައި އައްޔަން ކުރެއްވި ބޭފުޅުންނަކީ ޅ.ހިންނަވަރު ބުރެވިމާގޭ މުޙަންމަދު އަޙްމަދުފުޅާއި، ރ. ކަނދޮޅުދޫ ހުސްނުހީނާގޭ މޫސާ ޢަލީ ކަލޭފާނު، ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި ވަޒީފާއާބެހޭ ޤާނޫގައިވާ ގޮތުގެ މަތިން އެ ދެބޭފުޅުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވާ، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި މިއަދު ވަނީ ކުރައްވާފަ އެވެ. އެ ދެ ބޭފުޅުންނަށް ހުވާލައިދެއްވީ، ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޢަރީފެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް އެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެބޭފުޅުން ކުރެއްވި ހުވައާ އެއްގޮތަށް ޓްރައިބިއުނަލްގެ މަސައްކަތްތައް ވަރަށް އެދެވޭ ގޮތެއްގައި ގެންގޮސްދެއްވުމަށް އެދިވަޑައިގެންނެވި އެވެ.