22 Jan 2017, 09:07
ގޭގައި ދިރިއުޅެން ފަށާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބިރުވެރި އަޑުފައްގަނޑުތަކާ އެކު ގޭގެ މުށިތައް ތަޅުމުން އެރުމާއި ފާރުތަކުން ފެން ލީކްވުމަކީ މިއަދު ރާއްޖޭގެ އިމާރާތްތަކުގައި އާންމު މައްސަލައެކެވެ. ހަތަރު ފާރުގައި ބޮޑެތި ރެނދުތައްލައި ކޮންކުރިޓީޓުގެ އެކިބައިތައް ވެއްޓުމަކީ ހިތާމަވެރި ހާދިސާއަކަށް މަގުފަހިވާނެ ބިރުވެރި ކަންކަމެވެ. އިމާރާތްކޮށް ނުނިމެނީސް އެކި ފުލޯތައް ކުއްޔަށްދީގެން ގެއަށް މީހުން ވައްދާ އިރު ރައްކާތެރި ފިޔަވަޅުތައް އެޅިފައި ނެތުމުން 2015 ވަނަ އަހަރު އެކަނި ވެސް ފަސް މީހެއްގެ ފުރާނަ ގެއްލިފައިވެ އެވެ.
މާލޭގައި އިމާރާތްކޮށް ކުއްޔަށް ދިނުމަކީ އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ދާއިރާއަށްވާ އިރު ގިނަ ބަޔަކު އެކަމުގައި ގެންގުޅެނީ ފައިދާ ބޮޑު ވިޔަފާރި އުސޫލެވެ. ދިގު މުއްދަތަށް ބިން ނަގައި އިމާރާތްކުރާ އިރު ހަރަދު ކުޑަކޮށް ބޮޑު އާމްދަނީ ހޯދުމަށް އިމާރާތްތައް ކޮށްފައި ހުންނަނީ މުއްދަތު ހަމަވާ އިރު ކިރިޔާ ހުންނަ ވަރަށެވެ. ނަތީޖާއެއްގެ ގޮތުން އިމާރާތްތަކުގައި ޖެހޭ މައްސަލަތައް އިތުރެވެ.

ކޮންކުރިޓްގެ ބައިތައް ވެއްޓުމަކީ އާންމުކޮށް ދިމާވާ މައްސަލައަކަށްވާ އިރު އޭގެ ސަބަބަކީ އިމާރާތްކުރާ އިރު މާހައުލާ ގުޅޭ މިންވަރަށް ކޮންކުރިޓް ނޭޅުމެވެ. އަދި އިމާރާތްކުރުމަށް ބޭނުންކުރަން ޖެހޭ މިންގަނޑަށް ވުރެ ދަށްކޮށް ތަކެތި ބޭނުންކުރުމަކީ ވެސް އެފަދަ މައްސަލަތަކަށް އޮތް ފުރުސަތެއް ކަމަށް އެދާއިރާގެ ތަޖުރިބާކާރުން ބުނެ އެވެ.
"އަޅުގަނޑުމެންގެ ރަށްތަކަކީ ކުދި ރަށްތަކަކަށްވެފައި ވަށައިގެން ކަނޑުހުރުމުގެ ސަބަބުން ވައިގެ ތެތްކަމުގެ ތެރޭގައި ލޮނުގެ އަސަރު ވަރަށް ގަދަޔަށް ހުރޭ، އެހެންވީމާ ވައިގެ ތެރޭގައި ކުރޯޔައިޑް އަޔަންސް ވަރަށް ގަދަޔަށް ހުރުމުގެ ސަބަބުން މިވާގޮތަކީ ކޮންކުރީޓުގެ ތެރޭގައި ހުންނާނެ ކުދިކުދި ލޯވަޅުތަކެއް، އެހެންވީމާ އެ ލޯވަޅުތަކުގެ ތެރެއިން އެއްކަލަ ކުރޯޔައިޑް އަޔަންސް ވަދެ މަޑުމަޑުން ފޭދިގެންގޮސް ދަގަނޑާ ހަމައަށް ވާސިލް ވަނީ، ދެން ދަގަނޑުގެ މައުދަނާއި ފެނާއި އޮކްސިޖަން ރިއެކްޓްވެގެން ދަބަރު ޖަހަން ފައްޓަނީ،" ސިވިލް އިންޖީނިއަރެއް އަދި ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއެއް ކަމަށްވާ މުހައްމަދު ހައިކަލް އިބްރާހިމް ވިދާޅުވި އެވެ.
ދަބަރު ޖެހުމާ އެކު ދަގަނޑު ފުފެން ފަށަ އެވެ. އެއާ އެކު އަސްލު ދަގަނޑު ސައިޒުގެ ހަ ގުނައަށް ދަގަނޑު ފުފޭ ފަހަރުއާދެ އެވެ. ނަތީޖާއެއްގެ ގޮތުން ބެރީގައި ރެނދުލައި ދަގަނޑާއި ކޮންކުރިޓާއި ވަކިވެ ކޮންކުރިޓް ގަޑު ވެއްޓެނީ އެވެ. މިއީ އިމާރާތް ބަލިކަށިވެ އަދި އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް ފުރާނައަށް ނުރައްކާވާ ފަދަ ކަންކަން ދިމާވެދާނެ ސަބަބެކެވެ.
ބިމުގެ ޑިމާންޑް ބޮޑު މާލޭގެ އިމާރާތްތަކަކީ އެކަށޭނަ ޖާގަ ލިބޭގޮތަށް ހަދާފައި ހުންނަ ތަންތަނެއް ނޫނެވެ. އިމާރާތަކަށް ބަލާއިރު އެންމެ މުހިންމު ކަމަކީ އެތަނުގައި އުޅޭ ބަޔަކަށް ހިތްހަމަޖެހުން ލިބުމެވެ. އެކަން ވާނީ އެކަށޭނަ ޖާގައާއި އަލިކަން ލިބުމާއި ވައި ދައުރުކުރުމެވެ. ނަމަވެސް ބޮޑު ފައިދާ ހޯދުމަށް އިމާރާތްތަކަށް ގެންނަ ބަދަލުތަކާ އެކު އެ އުފާވެރިކަން ލިބިގެން ނުދާފަހަރު ގިނަ އެވެ.
"މިހާރު ރާއްޖޭގައި ގިނަ މީހުން ގެންގުޅޭ ގޮތެއް އެއީ ފައިސާ ހޯދުމުގެ ގޮތުން ގެދޮރު އިމާރާތްކުރަމުން ދަނީ، އޭގެ ނަތީޖާއަކަށް މިވަނީ ކުދިކުދި ކޮޓަރިތަކަކާއި ކުދިކުދި އެޕާޓްމަންޓްތަކެއް ހަދައިގެން މީހުންނަށް އެތަންތަން ކުއްޔަށް ދިނުން. އަސްލު އެގޮތަށް ހެދުމުގެ ސަބަބުން ވާގޮތަކީ ކޮންފާޓްގެ [އަރާމުގެ ބައި] ބައި މަޑުމަޑުން ގެއްލިގެންދަނީ، ހަމަ ވަރަށް ދަތި ތަންކޮޅުކޮޅަށް ބަދަލުވެގެން މިދަނީ ރަނގަޅު ގޮތެއްގައި ފަރުމާ ކުރެވެން ހުއްޓައި ވެސް އިތުރަށް ފައިސާ ހޯދުމުގެ ގޮތުން ކުރާކަމެއްގެ ސަބަބުން އެތަނުގައި އުޅޭ މީހުންނަށް ހިތްހަމަޖެހުން ނުލިބުން،" ގައުމީ ޔުނިވާސިޓީގެ އާކިޓެކްޗުރަލް ލެކްޗަރާއެއް ކަމަށްވާ ހަސަން އަޒާން ވިދާޅުވި އެވެ.

ފާހަގަކުރި މައްސަލަތަކަށް ބަލާއިރު ރާއްޖޭގެ ގިނަ އަދަދެއްގެ އިމާރާތްތަކަކީ ދިރިއުޅެން ނުރައްކާތެރި ތަންތަނެވެ. އިމާރާތްކުރުމުގެ ދާއިރާގެ އިލްމުވެރިންގެ އިރުޝާދަކީ އިމާރާތްތަކުން ފެންނަ ހެކިތަކަށް ބަލައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމެވެ.
"ސްޓްރެކްޗަރަލް ޑިޒައިންގެ ފަލްސަފާ އިންނަ ގޮތުން އިމާރާތެއް ފެއިލްވެގެން ޓަސްލާފައި ނޭންގި ހުއްޓާ ވެއްޓުމަކީ ވަރަށް ނާދިރުކަމެއް، އިމާރާތެއް އޯވަ ލޯޑްވެގެން ވެއްޓޭ އިރު ވެސް ފުރަތަމަ ރެނދުތަކެއް މިއަޅަނީ ދެން އެ ރެނދުތައް ބޮޑުވެ ފުޅާވަމުން މުޅި ޝީޓަށް ނުވަތަ ބެރިއަށް ފެތުރެމުން ގޮސް ބެރި އެއްޗިސް ވަރަަށް ބޮޑަށް ލެނބުމަށް ފަހު މެނުވީ ކޮންކުރީޓް ގަނޑު ފުނޑުފުނޑުވެގެން ނުވެ ވެއްޓޭނެ، އެހެންވީމަ އިމާރާތްތަކުން އެބަދައްކާ ނިޝާންތަކެއް އިމާރާތް ސޭފް ނޫންކަމުގެ،" ހައިކަލް ވިދާޅުވި އެވެ.
އެފަދަ މައްސަލަތައް ފާހަގަކުރެވޭތީ ހައުސިން މިނިސްޓްރީން މިހާރު އަންނަނީ އިމާރާތްތައް ބަލައި ގަވައިދާ ހިލާފަށް ހުންނަ ތަންތަން އިސްލާހްކުރަން އަންގަމުންނެވެ. އަލަށް އިމާރާތްކުރުމަށް ހުށައަޅާ ކުރެހުންތަކުގައި މައްސަލަތައް ހުންނަކަން ފާހަގަކުރެވޭތީ ކުރަހާ މީހާ ބައިންދައިގެން ކުރެހުން ބަލައި ފާސްކުރުމުގެ މަސައްކަތް ވެސް އެމިނިސްޓްރީން ވަނީ ފަށައިފަ އެވެ.
"ހައުސިން މިނިސްޓްރީން ގައިޑް ލައިންތަކެއް އެކުލަވާލެވިގެން އިމާރާތްތައް ބެލުމުގެ މަސައްކަތްތަކެއް ކުރަމުން އެބަގެންދަން. މިހާހިސާބަށް އަޅުގަނޑުމެންނަށް ގިނަ އަދަދެއްގެ ތަންތަން ބެލިފައިވަނީ. އޭގެ ނަތީޖާ ވެސް ރަނގަޅު، 2015 ވަނަ އަހަރު ކޮންޓުރަކްޝަން ދާއިރާއާ ގުޅުން ހުރި ފަސް މަރުގެ ހާދިސާ ހިނގި އިރު އަޅުގަނޑުމެން ކުރި މަސައްކަތުން 2016 ވަނަ އަހަރު ވެގެން ދިޔައީ މާލޭގައި ކޮންސްޓުރަކްޝަން އިންޑަސްޓްރީއާއި ރިލޭޓެޑް މަރުގެ ހާދިސާއެއް ހިނގާފައެއް ނެތް،" ހައުސިން މިނިސްޓްރީގެ ނައިބު ހަސަން ޒަރީރު ވިދާޅުވި އެވެ.
މިއީ އެތައް ބައެއްގެ ފުރާނައާ ގުޅިފައިވާ ކަމަކަށްވާ އިރު ހަމައެކަނި ފައިދާއަށް ނުވިސްނައި ރައްކާތެރި ކަމަށް ވިސްނަން ޖެހެ އެވެ. އެކަން ވާނީ ހަރަދެއްކޮށްގެން ކޮންކުރީޓްގެ ފެންވަރު ރަނގަޅުކޮށްގެންނެވެ.
"ކޮންކުރީޓުގެ ސްޓްރެންތު ވަރުގަދަކުރުން، ދެވަނަ ކަމަކަށް ކޮންކުރީޓުގެ ކަވާ ބޮޑުކުރުން، އޭރުން ކޮންކުރީޓުގެ ޕާމިއޮބިލިޓީ[ފެންވަރު] ދަށްވެގެން މިދަނީ. އެދަށްވީމާ އެއްކަލަ ކުލޯޔައިޑް އަޔަންސްއަށް ދަގަނޑާ ހަމައަށް ވާސިލްވާން އުނދަގޫވާނެ،" ސިވިލް އިންޖީނިއާ ހައިކަލް ވިދާޅުވި އެވެ.

ކޮންކުރިޓްގަނޑުގެ ފެންވަރު ރަނގަޅުކުރުމަށް ކޮންކުރިޓުގައި ފެން ބޭނުންކުރުމާއި ހިލަފަދަ ތަކެތި ބޭނުންކުރާއިރު ރަނގަޅު މިންގަނޑަށް ބޭނުން ކުރުން މުހިންމު ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.
"ކޮންސްޓުރަކްޝަންގައި ކޮންކުރީޓުގެ ފެން މަދުކުރުން އެއީ ކުރެވިދާނެ ކަމެއް، އެއީ ކޮންކުރީޓުގެ ފެން ގިނަ ކުރާވަރަކަށް އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ ކޮންކުރީޓުގެ ސުޓުރެންތު އެބަ ދަށްވެގެންދޭ، އޭގެ ސަބަބުން ޕާމިއޮބިލިޓީ މަތިމިވަނީ، އެމަތިވީމާ އަނެއްކާ ވެސް ކުލޯރައިޑް އަޔަންސްއަށް ފަސޭހައިން ދަގަނޑު ކުރޯޑް ކޮށްލުމުގެ ޗާންސް އިންނާނެ،" ހައިކަލް ވިދާޅުވި އެވެ.
އެތައް ބަޔަކު ދިރިއުޅޭ އިމާރާތަކީ އަނދިރި ހޮހަޅައެއްގެ ބަދަލުގައި ހިތްއުފާވެރި އިމާރާތަކަށް ހެދުމަށް ޓަކައި ޖާގަ ތަނަވަސްގޮތަކަށް ޑިޒައިން ކުރުން މުހިންމެވެ.
"މާލޭގައި ހުރި އިމާރާތްތައް ރަނގަޅުކުރެވޭނެ ގޮތަކީ ވިސްނުން ބަދަލުކޮށްގެން، އެތަނަކީ އެމީހަކަށް އަރާމުތަނަކަށްވުން މުހިންމު، އެހެންވީމަ ކުއްޔަށް ދޭން ހެދި ނަމަވެސް އަމިއްލަ މީހާ ދިރިއުޅެން ހެދިނަމަވެސް އެތަނަކީ އެމީހާ ވަރަށް ގިނަ ވަގުތު ހޭދަކުރާނެ ތަނެއްކަން ދަނެގެން އެގޮތަށް ފަރުމާކުރުން، އެހެންވީމަ މީހަކަށް އެތަނުގައި އުޅެން ވަރަށް ފަސޭހަ ވާނެ އެތަނަށް ބޭނުންވާވަރަށް އަލި ވަދެފައި އެތަނަށް ވައި ދައުރުވެފައި އެގޮތަށް ހުންނަ ކަމުގައި ވެއްޖެ ނަމަ، ކޮންމެހެން ޓާގެޓަކަށް ނުހަދާށޭ ގިނަކުރުން،" އަޒާން ވިދާޅުވި އެވެ.

ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި އިމާރާތްތައް ބިނާ ކުރުމާ ބެހޭ ގޮތުން ހަރުދަނާ ގާނޫނުތައް ހަދާފައި ހުރެ އެވެ. އެއީ އެތައް ބައެއްގެ ރައްކާތެރި ކަމަށެވެ. ނަމަވެސް ރާއްޖޭގައި އެފަދަ ގާނޫނެއް އަދިނެތެވެ.
"ރާއްޖޭގައި އަޅުގަނޑުމެން ޕުރެކްޓިސް ކުރަމުންދާ އިރު ނުހުރޭ ވަކި ގަވައިދުތަކެއް ހެދިފައެއް، މިކަހަލަ ކަންކަން ކޮންޓުރޯލް ކުރުމުގެ ގޮތުން ބައެއް ކަހަލަ ގަވައިދުތައް މުހިންމު." އަޒާން ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި އިމާރާތްކުރުމުގެ ދާއިރާއަށް އަމާޒުކޮށްގެން ވަރަށް އަވަހަށް ގާނޫނެއް ހަދާނެ އެވެ.
"ކޮންސްޓުރަކްޝަން ދާއިރާއަށް ގާނޫނެއްނެތް، އަޅުގަނޑަށް ހީވަނީ މިސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދަވާހެން، އަޅުގަނޑަށް މައުލޫމާތު ލިބޭ ގޮތުގައި އެކަންކަން އުޅެނީ އެންމެ ފައިނަލް ސުޓޭޖްގައި،" ހައުސިންގެ ނައިބް ޒަރީރު ވިދާޅުވި އެވެ.
އިންސާނުންގެ ދިރިއުޅުމާއި ފުރާނައާ ގުޅިފައިވާ ކަމެއްގައި މިގޮތަށް ކަންކަން ވާފެށުމުން މިއީ ނުރައްކާތެރި ކަމެކެވެ. އަވަށްޓެރި ގައުމުތައް ފަދައިން އިމާރާތްތައް ވެއްޓި އެތައް ބައެއްގެ ފުރާނަ ނުގެއްލެނީސް ހަރުދަނާ ފިޔަވަޅުތައް އަޅަން ޖެހެ އެވެ. އެކަންވާނީ ރަނގަޅު ގާނޫނެއް ހަދައި ތަންފީޒު ކޮށްގެންނެވެ. އަދި އިމާރާތްކުރާ ފަރާތްތަކުން ވެސް ހަމައެކަނި ފައިދާއަށް ނުވިސްނައި ރަނގަޅު ހިދުމަތަކަށް ފޯކަސްކޮށްގެނެ އެވެ.