ދެހާސް އަށާރަވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ނެރެންޖެހޭނީ އިދިކޮޅު ހުރިހާ ފަރާތްތަކުން އެއްބަސްވާ، އެއް ކެންޑިޑޭޓު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ޔޫޓާގައި ކުރިޔަށްދާ ި ބައިވެރިވެވަޑައިގަތުމަށް ޔޫޓާއަށް ވަޑައިގެން ހުންނެވި ރައީސް ނަޝީދު، އޭއެފްޕީ ނިއުސް އޭޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި، މިވަގުތު އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ ރާއްޖޭގެ ސަރުކާރު ވައްޓާލުން ނޫން ކަމަށާއި، އޭގެ ބަދަލުގައި ބޭނުންވަނީ މިނިވަން، އިންސާފުވެރި އިންތިޚާބެއް ކަމަށެވެ.

ރައީސް ނަޝީދު އޭއެފްޕީއަށް ވިދާޅުވީ، މިނިވަން އިންސާފުވެރި އިންތިޚާބެއް ރާއްޖޭގައި ބޭއްވުމަށް ބޭނުންވި ނަމަވެސް މިވަގުތު ކަން ހުރި ގޮތުން ރާއްޖޭގައި އެއީ ވާނެ ކަމެއް ކަމަށް ނުބެލެވޭ ކަމަށެވެ.

"މިވަގުތު ކަން ހުރި ގޮތުން މިކަން ވާނެ ހެނެއް ހިއެއް ނުވޭ. އެހެންކަމުން، އިދިކޮޅު ފަރާތްތައް އެކުވެ، އެންމެން އެއްބަސްވާ އާންމު އެއް ކެންޑިޑޭޓަކު އިންތިޚާބަށް ނެރެން ޖެހޭނެކަމަށް ގަބޫލުކުރަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް އެދިވަޑައިގަންނަވާ ކަމަށާއި، ނަމަވެސް އެއީ ނުރައްކާ ކަމެއް ކަމަށެވެ.

"އަޅުގަނޑަކަށް ހިއެއް ނުވޭ ނުރައްކާތަކަކާ ނުލާ އެނބުރި ގައުމަށް ދެވޭނެހެން. އަދި ނުރައްކަލާ ނުލައި ގައުމަށް ދެވޭނެ ދުވަހެއް އަންނާނެހެނެއް ވެސް ހިއެއް ނުވޭ. އެކަމަކުވެސް އެއީ ކުރަންޖެހިއްޖެ ކަމެއް ނަމަ އެ ރިސްކުވެސް ނަގައިގެން އެކަމެއް ކުރާނަން،" ނަޝީދު ވިދާޅުވިއެވެ.

ޖަލުގައި ހުންނަވަނިކޮށް، ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ އިނގިރޭސިވިލާތަށް ވަޑައިގެން ހުންނެވި، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ އަހަރުގެ ތެރޭގައި ވަނީ، އެގައުމުގެ ސިޔާސީ ހިމާޔަތް ހޯއްދަވައިފައެވެ.