ކޮރަޕްޝަނަކީ އިންސާނުންގެ ތަބީޢަތުގައި ހުންނަ ކަމެއް ކަމަށް ވިދާޅުވެ، ކޮރަޕްޝަނާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްކެވި ވާހަކަފުޅުގެ މާނަ އޮޅޭގޮތަށް އެމްޑީޕީން އެ ވާހަކަތައް ފަތުރާފައިވާ ކަމަށް ބުނެ، ވެރިކަންކުރާ ޕީޕީއެމްއިން އެކަން ކުށްވެރިކޮށްފިއެވެ.

މުލަކަތޮޅުގެ ބައެއް ރައްޔިތުން ޕީޕީއެމްއާ ގުޅުމަށް، ދަރުބާރުގޭގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހަފްލާއެއްގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ، ކޮރަޕްޝަނަކީ އިންސާނީ ތަބީއަތުގައި ހުންނަ ކަމެއް ކަމަށާއި، ސަރުކާރުގައިވެސް ކޮރަޕްޝަނަށް ޖާގަ އޮންނަ ކަމަށެވެ. އެހެން ނަމަވެސް ހުރިހާ ސަރުކާރަކުންވެސް މަސައްކަތް ކުރަނީ އެ ޖާގަ ކުޑަކުރަން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ އެ ވާހަކަފުޅާ ގުޅިގެން އިދިކޮޅު އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ރައްޔިތުން ސިއްސައިގެންދާ ފަދަ ބޮޑެތި ވައްކަންތަކާ ޚިޔާނާތްތައް ރައީސް ޔާމީންގެ ސަރުކާރުން ހިންގާފައިވާ ކަމަށާއި އެ މައްސަލަތަކުގެ ފުރިހަމަ ތަހުގީގެއް ނުހިންގައި، އެކަން ތަބީއަތާ ގުޅުވުމަކީ ބިރުހުރި ކަމެއް ކަމަށެވެ.

މި ވާހަކަތައް ކުށްވެރިކޮށް، ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް މިހާ ފާޅުކަންބޮޑު ގޮތެއްގައި މަސައްކަތް ކުރެއްވި ރައީސަކު ދިވެހި ތާރީޚުގައި ވެސް ފެނިފައި ނުވާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ވިދާޅުވޭ އެއްވެސް ކަހަލަ ކޮރަޕްޝަނުގެ ޖަރީމާއެއް ހިންގާނަމަ އެކަމުގެ ޒިންމާ އެފަރާތަކުން ނަގަން ޖެހޭނެކަމަށް. މިހާ ބޮޑަށް ކުރައްވާ މަސައްކަތުގެ މަގްސަދު ރައްޔިތުންނަށް އޮޅުވާލާތީ މި ވާހަކަ ދައްކަން ޖެހެނީ. އެމަނިކުފާނުގެ ވާހަކަފުޅު ތަރުޖަމާކުރި އިރު އެ މެސެޖު ނުބައިކޮށް ރައްޔިތުންނަށް ފަތުރާފައިވާތީ އެކަން ޕީޕީއެމްއިން ކުށްވެރިކުރަން،" އަޒްލީން ވިދާޅުވިއެވެ.

އަޒްލީން ވިދާޅުވީ، ސަރުކާރުގެ އެއްވެސް ވަޒީރަކު، މުއައްސަސާއެއްގެ އެއްވެސް ވެރިއަކު، ކުންފުންޏެއްގެ އެއްވެސް މެނޭޖިންގް ޑިރެކްޓަރަކު ވިޔަސް ވައްކަންކޮށްފިނަމަ ޝަރީޢަތާ ކުރިމަތިނުލައި ނުހުރެވޭނެ ކަމަށާއި، ސަރުކާރު ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ އެއްވެސް ކަމަކަށް ޖާގަ ނުދޭނެ ކަމަށެވެ.

"އިންސާނުންނަށް ވީތީ ކަމެއް އައިސްފާނެ. އެފަދަ ކަމެއް އައިސްފި ނަމަ އެކަން ހުއްޓުވޭނެ، އަދި މައްސަލަތައް ޝަރީއަތަށް ފޮނުވައި، ޖަލަށް ދާންޖެހޭ މީހަކު ވިއްޔާ ޖަލަށް ވެސް ދާނެ،" އަޒްލީން ވިދާޅުވިއެވެ.

އިދިކޮޅު އެމްޑީޕީއިން މިއަދު ނެރުނު ބަޔާނުގައި ބުނީ، އިންސާނާއަކީ ތަބީޢީގޮތުން މައުސޫމުކަމާއި ހެޔޮ ސިފަތައް ލިބިފައިވާ ފަރާތެއް ކަމަށާއި، ހިޔާނާތްތެރިއަކަށް ނުވަތަ ވަގަކަށް އޭނާ ވަނީ އަމިއްލައަށް ކަމަށެވެ. އަދި ކަން މިހެން އޮތް އިރު، ގައުމުގެ އެންމެ މަތީ ވެރިޔާ "ޣާފިލުވެވަޑައިގެން ހުންނަވައި"، އެފަދަ ވާހަކަތައް ދެއްކުމަކީ ރައްޔިތުންނާއި މުޅި ދައުލަތަށް އޮތް ނުރައްކަލެއް ކަމަށެވެ.