21 Jan 2017, 18:14
އިސްލާމްއާބާދު(ޖެނުއަރީ 21): ޕާކިސްތާނުގެ ހުޅަނގު އުތުރުގައި އޮންނަ ޕަރާޗިނާރު ސިޓީގެ ތަރުކާރީ މާކެޓެއްގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން 20 މީހަކު މަރުވެ، 40 މީހަކަށް އަނިޔާވެއްޖެ އެވެ.
ގިނަ އަދަދެއްގެ ޝީޢީން ދިރިއުޅޭ ޕަރާޗިނާރުގެ މާކެޓުގައި ބޮމެއް ގޮއްވާފައި ވަނީ އެސަރަހައްދަށް ގިނަ ބަޔަކު އެއްވެފައިވާ ދަނޑިވަޅެއްގައިކަމުން އެހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޮފިޝަލުން ބުނެ އެވެ.
ބައެއް ރިޕޯޓުތަކުގައިވާ ގޮތުން މާރުކޭޓުގައި ގޮވާފައި ވަނީ ތަރުކާރީ ފޮއްޓަކަށް އަޅާފައި އޮތް އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސެއް (އައިއީޑީ)އެކެވެ. ނަމަވެސް އެހެން ރިޕޯޓުތަކުގައިވާ ގޮތުން ބޮމުގެ ހަމަލާދީފައި ވަނީ އަމިއްލައަށް މަރުވެގެންނެވެ.
ޕަރާޗިނާރުގެ މައި ހޮސްޕިޓަލުގެ ޑޮކްޓަރެއް ކަމަށްވާ ސާބިރު ހުސެއިން ވިދާޅުވި ގޮތުގައި އެހާދިސާގައި މަރުވި މީހުންގެ ތެރެއިން 11 މީހަކު މަރުވެފައި ވަނީ އެމީހުންނަށް ލިބުނު ޒަހަމްތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ.
ޕާކިސްތާނުގެ ތާލިބާނުންގެ ފެކްޝަނަކުން ވަނީ އެ ހަމަލާގެ ޒިންމާ ނަގައި، ހަމަލާ ދީފައި ވަނީ ޝީއީން، ސީރިއާގެ ރައީސް ބައްޝާރުލް އަސަދަށް ކުރާ ތާއީދުގެ ސަބަބުން ކަމަށް ބުނެފައެވެ. އަދި ސީރިއާގައި ކުރިއަށްދާ ދާހިލީ ހަނގުރާމައިގައި ރައީސް އަސަދަށް ތަރުހީބު ދެމުންދާ ނަމަ އިތުރު ހަމަލާތައް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.
ދެހާސްފަނަރަ ވަނަ އަހަރުގެ ޑިސެމްބަރު މަހު ހަމަ އެމާކެޓުގައި އައިޑީއެއް ގޮއްވާލުމުގެ 23 މީހަކު މަރުވެ 30 މީހަކަށް އަނިޔާވި އެވެ. (ބީބީސީ)