ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް މާލެ އެއާޕޯޓް އޮޕަރޭޓްކުރާ ޖީއެމްއާރުން ދިން ކަމަށް ބުނާ ޓިކެޓަކީ އެކުންފުނިން ދިން ޓިކެޓެއްކަން އެނގެން ނެތް ކަމަށާއި އަދި އެ ދެ ބޭފުޅުން ޖީއެމްއާރުގެ އިސްބޭފުޅަކާ ބައްދަލުކުރެއްވުމަށް ކޮލޮމްބޯ އިން ދިއްލީ އަށް ދަތުރުކުރެއްވިކަން ސާބިތުކުރެވޭނެ އެއްވެސް ހެއްކެތް ގަރީނާއެއް ލިބިފައި ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޮކްޓޯބަރު 30، 2010ގައި ކޮލޮމްބޯ މަގުން ދިއްލީއިން މާލެ ވަޑައިގަތުމަށް އެފްސީއެމް ޓްރެވެލް ސޮލިއުޝަނުން ޝާހިދާއި ތަސްމީނުގެ ނަންފުޅުގައި ދޫކޮށްފައިވާ ދެ ޓިކެޓުގެ މައްސަލަ އުމަރު ނަސީރު އޭސީސީއަށް ހުށަހަޅުއްވާފައި ވަނީ ޑިސެމްބަރު 13، 2010ގަ އެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު އޭސީސީން މިއަދު ނެރުނު ހުލާސާ ރިޕޯޓުގައި ބުނަނީ، އެ ބުނާ ޓިކެޓުތަކަކީ ޖީއެމްއާރުން ދިން ޓިކެޓުތައް ކަން އެނގެން ނެތުމުންނާއި ޝާހިދާއި ތަސްމީން ޖީއެމްއާރުގެ އިސްބޭފުޅަކާ ބައްދަލުކުރެއްވުމަށް ކޮލޮމްބޯ އިން ދިއްލީ އަށް ދަތުރުކުރެއްވިކަން ސާބިތުކުރެވޭނެ އެއްވެސް ހެއްކެއް ގަރީނާއެއް ލިބިފައިނުވާތީ މައްސަލަ މިހާ ހިސާބުން ނިންމާލާފައިވާ ކަމަށެވެ.

ޓިކެޓް ދިނީ ޖީއެމްއާރުންކަން އެނގެން ނެތް ކަމަށް ބުނެ އޭސީސީން މައްސަލަ ނިންމާލާފައި މިވަނީ، އެ ޓިކެޓު ދޫކުރި ކަމަށް ބުނާ އެފްސީއެމް ޓްރެވެސް ސޮލިއުޝަނުގެ އެއްވެސް ބަހެއް ނުލިބުމުންނެވެ.

އޭސީސީން ބުނީ، އެ ޓިކެޓު ނެގީ އެފްސީއެމް ޓްރެވެލް ސޮލިއުޝަނުން ކަމާއި އެ ޓިކެޓުގައި ބަޔަކު ދަތުރުކޮށްފައި ނުވާ ކަމާއި އެ ޓިކެޓު ރީފަންޑުކޮށްފައިވާކަން ސްރީ ލަންކަން އެއާލައިންސް އިން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. ނަމަވެސް، އެ ފައިސާ އަނބުރާ ނެގި ފަރާތާ ބެހޭ މައުލޫމާތު ސާފުކުރުމަށް އެކޮމިޝަނުން މިހާތަނަށް ކުރި މަސައްކަތުން އެއްވެސް ޖަވާބެއް އެފްސީއެމް ޓްރެވެލް ސޮލިއުޝަނުން ދީފައެއް ނުވެ އެވެ. އެހެންކަމުން، ޓިކެޓް ރިފަންޑްކޮށް ފައިސާ ނެގި ފަރާތުގެ ތަފުސީލެއް ލިބިފައި ނުވާ ކަމަށް ވެސް އޭސީސީން ބުނެ އެވެ.

އަޑުފެތުރިފައިވާ ގޮތުގައި ޖީއެމްއާރުގެ އިސްބޭފުޅުންނާ ބައްދަލުކުރެއްވުމަށް ދިއްލީއަށް ވަޑައިނުގެން ޝާހިދާއި ތަސްމީން އެނބުރި ރާއްޖެ ވަޑައިގަތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެބޭފުޅުންނަށް ގުޅުއްވައި އެކަމާ ބެހޭ ގޮތުން ސުވާލުކުރެއްވުމުންނެވެ. އެހެންކަމުން އޭސީސީން މައުމޫނާ ވެސް ސުވާލުކޮށްފައިވެ އެވެ.

ނަމަވެސް، އެމަނިކުފާނު އޭސީސީއަށް ދެއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ، ޝާހިދާއި ތަސްމީނަށް ޖީއެމްއާރުން ރިޝްވަތު ދިން ކަމެއް އެނގިވަޑައިގެންފައިނުވާ ކަމަށާއި "އެބޭފުޅުންނާ ޖީއެމްއާރު ކުންފުންޏާ ދެމެދު އެއްވެސް ގުޅުމެއް އޮތް ކަމެއް ނުވަތަ އެއްވެސް ކަމެއް ހިނގި ކަމެއް އެނގިވަޑައިގެންފައިނުވާ" ކަމަށެވެ.

އޭސީސީގެ ރިޕޯޓުގައި ބުނެފައިވެ އެވެ: "އަބްދުﷲ ޝާހިދާއި އަހުމަދު ތަސްމީން އަލީ އެއްވެސް ދަތުރެއް ކުރެއްވުމަށްޓަކައި ޖީއެމްއާރް ކުންފުނިން އެބޭފުޅުންނަށް ޓިކެޓް ނަގައިދިންކަމެއްވެސް މައުމޫން އަބްދުލް ގައްޔޫމަށް އެނގިވަޑައިގެންފައިނުވާ ކަމަށާއި އެފަދަ ވާހަކައެއް މައުމޫން އަބްދުލް ގައްޔޫމަށް އިވިވަޑައިގެންފައިވަނީ މީޑިއާގެ ޒަރީއާ އިން ކަމަށާއި ޝާހިދުއާއި ތަސްމީން އަލީ ދިއްލީއަށް ފުރާވަޑައިގަތުމަށް އުޅުއްވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންނެވީ ލަފާކުރެވޭ ގޮތުގައި އެސްއެމްއެސް އަކުން ކަމަށާއި އަދި އެސްއެމްއެސް ފޮނުވީ ކޮން ފަރާތަކުން ކަމެއް މިހާރު ހަނދުމަފުޅު ނެތް ކަމަށް މިކޮމިޝަނަށް ދެއްވާފައިވާ ބަޔާނުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެފައިވެ އެވެ،"

ަނަމަވެސް، ދެވޭފުޅުން ކޮލޮމްބޯއަށް ފުރިދުވަހުގެ ޖެހިގެން އައި ދުވަހު )އޮކްޓޯބަރު 28، 2010 (ގައި އެދެބޭފުޅުން ދިއްލީއަށް ވަޑައިގަންނަވަން އުޅުއްވާކަމުގެ މައުލޫމާތު ލިބުމުން، އެއީ ކުރިން ލިބިފައިނުވާ މައުލޫމާތަކަށްވާތީ އެކަން ސާފުކޮށްލުމުގެ ގޮތުން ޝާހިދަށް މެސެޖް ކުރެއްވި ކަމަށް މައުމޫން ވިދާޅުވެފައިވެ އެވެ. އަދި އެ މެސެޖަށް ދެގަޑިއިރުފަހުން ޝާހިދު ފޮނުއްވި ޖަވާބުގައި ދެބޭފުޅުން ތިއްބެވީ ކޮޅުނބުގައި ކަމަށާއި އެއްވެސް ތަނަކަށް ވަޑައިގަތުމަށް ގަސްތުނުކުރައްވާ ކަމަށް އޭނާ ވިދާޅުވެފައިވާ ކަން މައުމޫން ދެއްވި ބަޔާނުގައި ފާހަގަކުރެއްވި ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.