މިދިޔަ އަހަރު ޗައިނާގެ އިގްތިސާދު 6.7 ޕަސެންޓު ކުރިއަރައިފި އެވެ.

ޗައިނާގެ ރަސްމީ އިދާރާތަކުގެ ތަފާސް ހިސާބުތަކާ ހަވާލާދީ ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު އެ ގައުމުގެ އިގްތިސާދު 6.7 ޕަސެންޓުގައި ކުރިއެރި ނަމަވެސް އޭގެ ކުރީ އަހަރު (2015 ވަނަ އަހަރު) އެގައުމުގެ އިގްތިސާދު ވަނީ 6.9 ޕަސެންޓުގައި ކުރިއަރާފައެވެ. އަދި މިދިޔަ އަހަރަކީ މިދިޔަ 20 ވަރަކަށް އަހަރު ތެރޭގައި އެންމެ ދަށުން އެގައުމުގެ އިގްތިސާދު ކުރި އެރި އަހަރު ކަމުގައި ވެސް ރިޕޯޓުތައް ބުނެއެވެ.

ޗައިނާއަކީ ދުނިޔޭގެ އިގްތިސާދުގައި ވެސް ބޮޑު ރޯލެއް އަދާ ކުރާ ގައުމެކެވެ. އެހެން ކަމުން ޗައިނާގެ އިގްތިސާދަށް އަންނަ ބަދަލުތަކާއި ލޮޅުންތަކުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް އަސަރު ކުރާނެ އެވެ. މިދިޔަ އަހަރުގެ އިގްތިސާދީ ކުރިއެރުމުގެ ފިގާސްތަކުގެ ސަބަބުން ބޮޑެތި އިންވެސްޓަރުންނަށް ވެސް އޭގެ އަސަރު ކުރާނެ އެވެ.

މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކުން އިގްތިސާދީ ކުރިއެރުން މަޑުޖެހެމުންދާ ކަމަށް ދެއްކި ނަމަވެސް ކުރިއަރާފައިވާ މިންވަރަކީ ކުރިން ލަފާކޮށްފައިވާ މިންވަރާ އަޅާބަލާއިރު ބަލައިގަނެވޭ ޕަސެންޓޭޖެކެވެ. ކުރިން ލަފާކޮށްފައިވާ ގޮތުން ނަމަ މިދިޔަ އަހަރު އެ ގައުމުގެ އިގްތިސާދީ ކުރިއެރުން ހުންނާނީ 6.5 ޕަސެންޓާއި ހަތް ޕަސެންޓާ ދެމެދުގައި އެވެ.

ޖުމްލަކޮށް މިދިޔަ އަހަރު ތެރޭގައި އެ ގައުމުގެ އިގްތިސާދު ދަށްވެފައިވި ނަމަވެސް، މިދިޔަ އަހަރުގެ ފަހު ތިން މަސްދު ވަސްތެރޭގައި އިގްތިސާދު އައީ ރަނގަޅުވަމުންނެވެ. އެގޮތުން އެ ތިން މަސްތެރޭގައި އެކަނިވެސް އެވްރެޖްކޮށް އިގްތިސާދު 6.8 ޕަސެންޓަށް ކުރިއަރާފައިވެ އެވެ. ނަމަވެސް މި ޓްރެންޑް އެގޮތުގައި ދެމެހެއްޓޭނެ ކަމަކަށް އެ ގައުމުގެ އިކޮނޮމިސްޓް އިންޓެލިޖެންސް ޔުނިޓުން ނުދެކެ އެވެ. އެއާ އެކު މިއަހަރު އެ ގައުމު ކުރިއަރާނެ ކަމަށް އެ ޔުނިޓުން ލަފާކޮށްފައިވަނީ 6.2 ޕަސެންޓެވެ.