23 Jun 2011, 16:00
މިހާރަކަށް އައިސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހާބަލް މެޑިސިންއާއި އޯލްޓަރނޭޓިވް މެޑިސިން އާއި މެޑިކަލް އެހެނިހެން ނަންނަން ބޭނުންކޮށްގެން ހިންގާ މަސާޖް ޕާލާތަކުގައި ހަށިވިއްކުމުގެ ފާހިޝް އަމަލު ބޮޑުވެގެންދަނީ "ބާރުގަދަ ފަރާތްތަކެއް" އެފަދަ ތަންތަން ހިންގުމުގެ ފަހަތުގައި ތިބުމުން ކަމަށް ހެލްތު މިނިސްޓްރީން ބުނާ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
ރާއްޖޭގައި ހަށިވިއްކުމުގެ ފާހިޝް އަމަލު ހުއްޓުވުމަށް ދާއިމީ ހައްލެއް ހޯދުމަށް ކަމަށް ބުނެ އަދާލަތު ޕާޓީން އިއްޔެ ހެލްތު މިނިސްޓްރީއާ އެކު ބޭއްވި ބައްދަލުވުމަށް ފަހު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ އެފަދަ ފާހިޝް އަމަލު ހިންގާ ތަންތަނުގެ ފަހަތުގައި "ބާރުގަދަ ފަރާތްތަކެއް" ތިބި ކަމަށާއި އެކަމުގެ ސަބަބުން އެ މައްސަލައަށް ހައްލު ހޯދުމަށް ވަރަށްބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައި ކަމަށެވެ.
އެކަންކަމަށް އަވަސް ހައްލެއް ހޯދުމަށް ޢަދާލަތު ޕާޓީ އާއި އެނޫން ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށް ހެލްތު މިނިސްޓްރީން ބުނާ ކަމަށް ވެސް އަދާލަތު ޕާޓީން ބުނެފައިވެ އެވެ.
އޯލްޓަރނޭޓިވް މެޑިސިން ފަދަ ތަންތަނުގެ ނަމުގައި ހިންގާ އެފަދަ ތަންތަން ރެގިޔުލޭޓުކުރާނޭ ގޮތުގެ ޤަވާޢިދެއް އެކުލަވާލުމަށް ޓަކައި ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކާ އެކު ބައްދަލުވުންތަކެއް 2010 ވަނަ އަހަރު ބޭއްވި ކަމަށާއި ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ އެ މަސައްކަތް ނިންމާލެވޭ ގޮތް ވެފައިވާ ނުވާ ކަމަށް ހެލްތުން ބުނާ ކަމަށް އަދާލަތުން ބުނެފައިވެ އެވެ.
ހެލްތު މިނިސްޓްރީއާ ހަވާލާދީ އަދާލަތުން ބުނީ އޯލްޓަރނޭޓިވް މެޑިސިން ފަދަ ހިދުމަތްދޭ ތަންތަނުގައި މަސްކަތްކުރުމަށް ގެނެސްފައި ތިބޭ މީހުންނަކީ ހެލްތު މިނިސްޓްރީގެ ހުއްދައެއް ހޯދައިގެން ގެނެސްފައިތިބޭ ބައެއްނޫން ކަމަށެވެ.
"އެންމެ ކަންބޮޑުވާ އެއްމައްސަލައަކީ މިފަދަ ތަންތަނުގެ ޒަރީއާއިން އެޗްއައިވީ (އެއިޑްސް) ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވުން،" ހެލްތާ ހަވާލާދީ އަދާލަތު ޕާޓީން ބުންޏެވެ.