ވޮޝިންޓަން (ޖެނުއަރީ 21): ދުނިޔެއިން 'ހަރުކަށި އިސްލާމީ ޓެރަރިޒަމް' ފޮހެލާނެ ކަމަށް އެމެރިކާގެ 45 ވަނަ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

"ހަރުކަށި އިސްލާމީ ޓެރަރިޒަމާ ދެކޮޅަށް ތަހުޒީބުވެފައިވާ ދުނިޔެ އެއްބައިކޮށް، އިސްލާމީ ޓެރަރިޒަމް ދުނިޔެއިން ނައްތާލާނަން،" ވެރިކަމުގެ ހުވާ ކުރައްވަން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.

ރިޔާސީ ކެމްޕެއިން ތެރޭގައި ޓްރަމްޕް ވަނީ ހައްދުފަހަނައެޅުމާ ދެކޮޅަށް ހަނގުރާމަކުރައްވާނެ ގޮތުގެ ރޭވުމެއް އޮތް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެރޭވުމާ ބެހޭ ތަފްސީލު އޭނާ ނުދެއްވަ އެވެ.

އަދި ރިޔާސީ ކެމްޕެއިން ތެރޭގައި ހިލަރީ ކްލިންޓަންއާ އެކު ބޭއްވި ރިޔާސީ ބަހުސެއްގައި ޓްރަމްޕް ވަނީ 'އައިއެސްއާ ހަނގުރާމަ ކުރަން އުމުރުގެ ދެބައިކުޅަ އެއްބައި ހިލަރީ ހޭދަ ކުރެއްވި ނަމަވެސް އެހަނގުރާމަ ނާކާމިޔާބުވީ އެމެރިކާ އިން އަމަލު ކުރާނެ ގޮތް ހާމަ ކުރުމުން" ކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން އޭނާގެ ވެރިކަމެއްގައި ޓެރަރިސްޓު ޖަމާއަތްތަކާ ދެކޮޅަށް ހަނގުރާމަ ކުރައްވާނެ ގޮތް ހާމަ ނުކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

އެމެރިކާގެ ރައީސްގެ ގޮތުގައި ޓްރަމްޕް ދެއްވި ި އޭނާ ވަނީ މީގެެ ކުރިން ކެމްޕޭނުގައި ވެސް ވައުދުވެފައިވާ ގިނަ ކަންކަން ތަކުރާރު ކުރައްވައިފަ އެވެ. އެގޮތުން ޓްރަމްޕް ގެންގުޅުއްވާނީ 'އެމެރިކާ ފުރަތަމަ' ސިޔާސަތު ކަމަށާއި ގައުމުގެ ބޯޑަރުތައް ރައްކާތެރި ކުރުމަށް އިސްކަން ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. (އިންޑިޕެންޑެންޓް)