ފިޓްނަސް ކޯޗާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުން ޑިއެގޯ ކޮސްޓާ ޗެލްސީ ދޫކޮށް ދާން އުޅޭ ޚަބަރުތަކަކީ ދޮގު ހަބަރުތަކެއް ކަމަށާއި އޭނާ ބޭނުން ވަނީ ޗެލްސީއާއެކު ކާމިޔާބީ ހޯދަން ކަމަށް އެޓީމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

މިދިޔަ ހަފްތާގައި ލެސްޓާ ސިޓީ އަތުން 3-0ގެ ނަތީޖާ އަކުން ޗެލްސީ މޮޅުވި މެޗުގައި ކޮސްޓާ ވަނީ ބުރަކަށްޓަށް އަނިޔާވެފައި ކަމަށް ބުނެ ކުޅުމަށް ދެކޮޅު ހަދާފަ އެވެ. ނަމަވެސް ފިޓްނަސް ކޯޗު ވަނީ އޭނާގެ އެއްވެސް އަނިޔާއެއް ނެތް ކަމަށާއި މުޅިން ފިޓް ކަމަށް ބުނެފަ އެވެ.

އިނގިރޭސި މިޑިއާތަކުން ވަނީ ކޮސްޓާ ޗެލްސީ ދޫކޮށްލަން ބޭނުން ވެގެން އުޅެނީ ޗައިނާގެ ކްލަބަކުން ބޮޑު މުސާރައެއް ހުށަހެޅުމުން ޗައިނާއަށް ބަދަލުވާން ކަމަށް ބުނެ ރިޕޯޓްކޮށްފަ އެވެ.

"އަހަރެންނަށް ވަނީ ކޮސްޓާއާ ގުޅޭ ގޮތުން ވަރަށް ގިނަ ހަގީގަތެއް ނެތް ވާހަކަތަކެއް އަޑުއަހާފައި. ނަމަވެސް މިހާރު އޭނާ އަންނަނީ ޓީމާ އެކު ފަރަތަކުރުންތަކުގައި ބައިވެރިވަމުން. އަދި މިހާރު އެއްވެސް ގޮތަކަށް ބުރަކަށްޓަށް ވެސް ތަދެއް ނުވޭ،" ކޮންޓޭ ބުންޏެވެ.

މާދަމާ ރޭ ހަލް ސިޓީއާ ދެކޮޅަށް ކުޅޭ މެޗަށް ކޮސްޓާ ފިޓްވާނެ ކަމަށާއި އޭނާ އަކީ ޗެލްސީއަށް ނުލާހިކު މުހިންމު ކުޅުންތެރިއެއް ކަން އެންމެނަށް ވެސް އިނގޭނެ ކޮންޓޭ ބުންޏެވެ.

ރިޕޯޓްތަށް ބުނާ ގޮތުން ކޮސްޓޭއަށް ވަނީ ޗައިނާގެ ޓިއާންޖިއަން ކުއާންޖިއަންއިން އިން އަހަރަކު 30 މިލިއަން ޕައުންޑްގެ މުސާރައެއް ހުށަހަޅާފަ އެވެ. ނަމަވެސް ޗެލްސީއިން ކޮސްޓާ ދޫކޮށްލަން ބޭނުންނުވުމުގެ އިތުރުން އެޑީލަށް އިތުރު ހުރަސްތަކެއް ކުރިމަތިވީ ދާދި ފަހުން ޗައިނާ އެފްއޭއިން ބޭރު ތިން ކުޅުންތެރިންނަށް ކުޅެވޭ ގޮތަށް ގަވައިދަށް ބަދަލު ގެނައުމުންނެވެ.