ބަންޖުލް (ޖެނުއަރީ 21): ގެމްބިއާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރައްވާނެ ކަމަށް ވިދާޅުވެ ވެރިކަމުން އިސްތިއުފާ ދެއްވަން ދެކޮޅުހެއްދެވި ޔަހުޔާ ޖަމޭހް މަގާމުން އިސްތިއުފާ ދެއްވާނެ ކަން އިއުލާން ކުރައްވައިފި އެވެ.

ހުޅަނގު އެފްރިކާގެ ގައުމުތަކުގެ ރައީސުންނާ މަޝްވަރާތައް ބޭއްވުމަށް ފަހު ޖަމޭހް ވަނީ ވެރިކަން ދޫކޮށްލަން ނިންމަވާފައިވާ ކަމަށާއި އޭގެ ސަބަބުން ލޭ އޮހޮރުވުމަކަށް ގޮސްގެން ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިހާރު ގައުމަށް ކުރިމަތިވެފައިވާ ހުރިހާ މައްސަލައެއް ސުލްހަވެރިކަމާ އެކު ހައްލު ވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

ގެމްބިއާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އެޑަމާ ބަރޯ ވަނީ ސެނެގާލްގައި ހުންނަވައިގެން ވެރިކަމުގެ ހުވާ ކުރައްވާފައި -- ފޮޓޯ: ރޮއިޓާސް

ރައީސް ޖަމޭހް އެއިއުލާން ކުރެއްވުމުގެ ކުރިން ގެމްބިއާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި، ސެނެގާލްގައި ހުންނަވައިގެން ގެމްބިއާގެ ވެރިކަމުގެ ހުވާ ކުރެއްވި އެޑަމާ ބަރޯ ވަނީ ރައީސް ޖަމޭހް މަގާމުން އިސްތިއުފާ ދެއްވައި، ގައުމު ދޫކުރައްވާ ވަޑައިގަންނަވަން އެއްބަސްވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ގެމްބިއާގައި ވެރިކަން ކުރައްވާތާ 22 އަހަރުވެފައިވާ ޖަމޭހް ވަނީ ޑިސެމްބަރު އޮތް ރިޔާސީ އިންތިހާބުގެ ނަތީޖާ ފުރަތަމަ ގަބޫލު ކުރެއްވުމަށް ފަހު، ނަތީޖާ ގަބޫލު ނުކުރައްވާނެ ކަމަށާއި މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އޭގެ ސަބަބުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ބަރޯ ވެރިކަމުގެ ހުވާ ކުރައްވަން ހަފްތާއެއް ވެފައި ވަނިކޮށް ސެނެގާލްއަށް ވަޑައިގަތެވެ. އަދި ބުރާސްފަތި ދުވަހު އޭނާ ވެރިކަމުގެ ހުވާ ކުރެއްވީ ވެސް ސެނެގާލްގައި ހުންނަ ގެމްބިއާގެ އެމްބަސީގަ އެވެ.

މީގެ އިތުރުން ޖަމޭހް މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލަމުން ދިޔަ ހުޅަނގު އެފްރިކާގެ ގައުމުތަކުގެ އަސްކަރިއްޔާ އިން ވަނީ ގަދަކަމުން ނަމަވެސް ޖަމޭހް ވެރިކަމުން ދުރުކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ. (ބީބީސީ)