21 Jan 2017, 10:03
ކުރީގެ އިނގިރޭސި އަދި ލިވަޕޫލްގެ ކެޕްޓަން ސްޓީވަން ޖެރާޑް ލިވަޕޫލްގެ ޒުވާން ޓީމްގެ ކޯޗުގެ މަގާމަށް ހަމަޖައްސައިފި އެވެ.
އުމުރުން އެންމެ ހަތް އަހަރުގައި ލިވަޕޫލް އެކަޑާމީއާ ގުޅުނު ޖެރާޑް ވަނީ 1998 އިން 2014-15 ވަނަ އަހަރުގެ ސީޒަނާއި ހަމައަށް ލިވަޕޫލްއަށް 504 މެޗު ކުޅެދީ 120 ގޯލު ކާމިޔާބްކޮށްދީފަ އެވެ. ލިވަޕޫލްގެ ލެޖެންޑެއްގެ ގޮތުގައި އެޓީމްގެ ސަޕޯޓަރުން ގަބޫލު ކުރާ ޖެރާޑް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފުޓްބޯޅަ ކުޅުން ހުއްޓާލި އިރު އޭނާ ކުޅެމުންދިޔައީ އެމެރިކާގެ މޭޖާ ލީގް ސޮކާގެ އެލްއޭ ގެލެކްސީއަށެވެ.
"އަހަރެންގެ މަސަތްކަތް ފެށި ތަނަށް އަލުން އާދެވުމުން އިހްސާސު ކުރެވެނީ ބުރު ހަމަ ކުރެވޭހެން. މިއީ ހަމައެކަނި އިހްސާސްތަކެއްގެ ސަބަބުން ނިންމި ނިއްމުމެއް ނޫން. މިއީ އަހަރެންނަށް ހުށަހެޅުނު އޮފާއެކަށް ބުރަވެ މަސަތްކަތްތަކެއް ފުރިހަމަކުރުމަށް ހަވާލުވި ވަޒީފާއެއް،" ކޯޗުގެ މަގާމާއި ހަވާލުވުމަށް ފަހު ޖެރާޑް ބުންޏެވެ.
ޖެރާޑް ބުނީ ލިވަޕޫލްގެ ޒުވާން ޓީމުގެ ކޯޗުގެ މަގާމާއި ހަވާލުވާން މި ލިބުނީ ވަރަށް ރަނގަޅު ދުވަސަވަރެއްގައި ކަމަށާއި އެކަމުގެ ސަބަބުން ގިނަ އެއްޗިސްތަކެއް ދަސްވެގެން ދާނެ ކަމަށެވެ.
ލިވަޕޫލްގެ ޒުވާން ޓީމާއި ހަވާލުވުމުގެ ކުރިން ޖެރާޑްއަށް ވަނީ އެމެރިކާގެ ބައެއް ކްލަބްތަކަށް ކޯޗުކޮށްދިނުމަށް ހުށަހަޅައިފަ އެވެ. ނަމަވެސް އޭރު އޭނާ ބުނީ ކޯޗެއްގެ ގޮތުގައި މަސަތްކަތް ފެއްޓުމަށް "އަދި މާ އަވަސް" ކަމުގައި ކަމަށެވެ.
ޖެރާޑް މިހާރު އަންނަނީ ޔުއެފާ އޭ ކޯޗިން ލައިސެންސް ހޯދުމަށް ކިޔަވަމުންނެވެ. އެއާއެކު އޭނާ އަށް ޕްރިމިއާ ލީގްގެ ކްލަބްތަކަށް ވެސް ކޯޗުކަން ކޮށްދެވޭނެ އެވެ.