ލިޔޯންގައި މޮޅު ކުޅުމެއް ދައްކައިފިނަމަ، މެންޗެސްޓާ ޔުނައިޓެޑުން އަލުން މެމްފިސް ޑިޕާއީ ފެނުމަކީ ގާތްކަމެއް ކަމަށް އެކްލަބުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

ޔުނައިޓެޑުން ލިޔޯންއަށް ޑިޕާއީ ސޮއިކުރިއިރު، އެއްބަސްވުން ހަދާފައި ވަނީ އަލުން ޔުނައިޓެޑަށް އޭނާ ގެނެވޭނެ ގޮތަށެވެ. އެގޮތަށް ޔުނައިޓެޑުން ގެންނަނަމަ، ޑިޕާއީއަށް 25 މިލިއަން ޔޫރޯ ހަރަދުކުރަން ޖެހޭނެ ކަމަށް ހަބަރުތައް ބުނެއެވެ.

މިސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑްގެ ފުރަތަމަ 11އިން ޑިޕާއީ ފެނިފައެއް ނުވެއެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ވެސް، ޕްރިމިއާ ލީގުގައި ޔުނައިޓެޑަށް ކުޅެން އޭނާއަށް ލިބުނީ 20 މިނެޓެވެ.

"ލިޔޯންގައި ޑިޕާއީ ކުޅޭ ކުޅުމަށް ބަލާފައި ފަހަރެއްގައި އަލުން އޭނާ މިކްލަބަށް ގެނެސްދާނެ. މަސައްކަތަށް ބަލާނަމަ، އޭނާއަކީ ވަރަށް ރަނގަޅު ކުޅުންތެރިއެއް. ލުއިސް ވެން ހާލް އޭނާ ގެނައުމަށް ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް. އޭރު އޭނާ ރަނގަޅު ކުޅުމެއް ދައްކާ. ވެންހާލް ނެދަލެންޑްސް ގައުމީ ޓީމާ ހަވާލުވެ ހުރުމުން އޭނާއަށް ޑިޕާއީގެ ކުޅުން ވަރަށް ރަނގަޅަށް އެނގޭނެ،" ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ، ކުރިން ނެދަލެންޑްސްގައި އޭނާ ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި ނެދަލެންޑްސްގެ ލީގާއި ޕްރިމިއާ ލީގަކީ މުޅިން ތަފާތު ދެ ލީގު ކަމަށެވެ. ޔުނައިޓެޑުގައި ކާމިޔާބު ކުޅުންތެރިޔަކަށް ނުވި ނަމަވެސް، ޑިޕާއީއަކީ އަދި ވަރަށް ޒުވާން ކުޅުންތެރިއެއް ކަމަށް ވެސް އޭނާ ބުންޏެވެ.