21 Jan 2017, 08:29
މަޝްހޫރު ފަރާތްތައް ހަމަ ލޮލުން ދެކިލުމަށް، ނުވަތަ މަޝްހޫރު ފަރާތްތަކާ ބައްދަލު ކޮށްލުމަށް ތަފާތު ކަންކަން ކުރާ މީހުން އުޅެ އެވެ. ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އަކްޝޭ ކުމާރަށް ވެސް މި ވަނީ އެކަހަލަ ސަޕޯޓަރަކާ ބައްދަލުވެފަ އެވެ.
މިއީ ފަހަރުގައި އަކްޝޭގެ އެންމެ ބޮޑު ސަޕޯޓަރު ކަމަށް ވެސް ވެދާނެ އެވެ. އޭނާ މި ވަނީ އިންޑިއާގެ ސިޓީއެއް ކަމަށްވާ ހަރިދްވާރުން ފެށިގެން ބައިސްކަލެއްގައި މުމްބާއީ އަށް ގޮސްފަ އެވެ.
ހަރިދްވާރު އަދި މުމްބާއީ އާ ދެމެދު 1335 ކިލޯމީޓަރު ހުރެ އެވެ. އޭނާ ބައިސްކަލެއްގައި މުމްބާއީ އަށް ދިޔައީ 'އެއާލިފްޓް'ގެ ތަރި އަކްޝޭ އާ ބައްދަލު ކުރުމަށެވެ.
އަކްޝޭ އާ ބައްދަލު ކޮށްލުމަށް އޭނާ ކުރި މަސައްކަތުގެ ސަބަބުން އަކްޝޭ ވަނީ އޭނާ އާ ބައްދަލުކޮށް ފޮޓޯ ވެސް ނަގާފަ އެވެ. އިންސްޓަގްރާމްގައި ޝާއިއު ކުރި ފޮޓޯ އާއެކު އަކްޝޭ ވަނީ އެފަދަ ކަންކަން ކުރުމަށް އޭނާ އެއްވެސް ވަރަކަށް ހިތްވަރު ނުދޭ ކަމަށް ބުނެފަ އެވެ.
"ފޭނުން އަހަރެން ދެކެ ވާ ލޯބި އަހަރެން ވެސް ފޭނުން ދެކެ ވޭ. ނަމަވެސް މި ކަހަލަ ކަންތައް ނުކުރާތި،" އަކްޝޭ ބުންޏެވެ.
އަކްޝޭ އާ ބައްދަލު ކުރަން ދިޔަ ފިރިހެން މީހާގެ މައުލޫމާތު އަދި އެއްވެސް މީޑިއާ އަކުން ހާމަކޮށްފަ އެއް ނުވެ އެވެ.
އަކްޝޭ އަކީ ގިނަ ބަޔަކު އިހުތިރާމް ކުރާ އަދި ލޯބިވާ ފަންނާނެކެވެ. ހުސްވި އަހަރު އަކްޝޭގެ ކާމިޔާބު ތިން ފިލްމެއް ބެލުންތެރިންނާ ހަމައަށް އައެވެ. އެއީ 'އެއާލިފްޓް'، 'ހައުސްފުލް 3' އަދި 'ރުސްތަމް' އެވެ.
މި އަހަރު ވެސް އަކްޝޭގެ ދެ ފިލްމެއް ބެލުންތެރިންނާ ހަމައަށް އަންނާނެކަން ވަނީ ޔަގީންވެފަ އެވެ. އެީ 'ޖޮލީ އެލްއެލްބީ 2، އަދި ،2.0، އެވެ.