ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި ކުރީގެ އެޓޯލްސް މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި އަހުމަދު ސަލީމް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖައިޒް ފައިދާ ހޯދައިދިން ކަމަށް ބުނެ، ޕޮރޮސެކިއުޓާ ޖެނަރަލްގެ )ޕީޖީ( އޮފީހުން އުފުލާފައިވާ ދައުވާއަށް އޭނާ އިންކާރުކުރައްވައިފި އެވެ.

ސަލީމްގެ މައްޗަށް ޕީޖީން އުފުލާފައިވާ ދައުވާގައި ބުނެފައި ވަނީ ކުރީގެ އެޓޯލްސް މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަގާމުގައި ސަލީމް ހުންނެވި އިރު، 2003 އަހަރު އަތޮޅު މިސްކިތްތަކަށް ބޭނުންވާ ސައުންޑު ސިސްޓަމް ގަތުމުގެ ޕްރޮޖެކްޓެއް އިއުލާން ކުރުމަކާ ނުލައި ނޭޒާ އެންޓާޕްރައިޒަސް ކިޔާ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ ޕްރޮޖެކްޓްގެ 50 ޕަސެންޓް ފައިސާ ދީފައި ވަނީ ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި ހޭދަކުރުމާއި ހިސާބުތައް ބެލެހެއްޓުމުގެ ގަވާއިދާ ހިލާފަށް ކަމަށް ދައުވާގައި ބުނެފައިވެ އެވެ. އެހެން ކަމުން ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ )ހ(ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒް ފައިސާއެއް ހޯދައިދިނުމުގެ ދައުވާ ސަލީމްގެ މައްޗަށް އުފުލާ ކަމަށް ޕީޖީން ޝަރީއަތުގައި ބުނެފައިވެ އެވެ.

ދައުލަތުން ކުރާ ދައުވާއަށް އިންކާރު ކުރައްވައި ސަލީމް ޝަރީއަތުގައި ވިދާޅުވީ އިއުލާން ނުކޮށް ޕްރޮޖެކްޓެއް ހަވާލު ކުރި ކަމަށް ބުނާ ބުނުމަކީ ދޮގެއް ކަމަށެވެ. އަދި ޕްރޮޖެކްޓް ހަވާލު ކުރި ކުންފުންޏަށް އޭނާ ފައިސާ ދޫނުކުރައްވާ ކަމަށާއި އެ ފައިސާ ދޫކޮށްފައި ވަނީ 2003 އަހަރު އެޓޯލްސް މިނިސްޓަރަކަށް ހުންނެވި އަބްދުﷲ ހަމީދު ކަމަށެވެ.
ސަލީމްގެ ވާހަކައަށް ރައްދުދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ ކުރީގެ އެޓޯލްސް މިނިސްޓަރު އަބްދުﷲ ހަމީދު ކުންފުންޏަށް އެޑްވާސް ފައިސާއެއް ދިނުމަށް ޗެކްތަކެއްގައި ސޮއިކުރި ނަމަވެސް ޕްރޮޖެކްޓްގެ 50 ޕަސެންޓް ފައިސާ ދީފައި ވަނީ ސަލީމް ކަމަށެވެ. އަދި އެ ފައިސާ ދޫކޮށްފައި ވަނީ ކުންފުންޏާ ހަވާލު ކުރި ޕްރޮޖެކްޓްގެ މުދާ ވެސް ނުލިބެނީސް ކަމަށް ވަކީލް ވިދާޅުވި އެވެ.

ދައުލަތުން ކުރާ ދައުވާގައި ސަލީމްގެ ދިފާއުގައި ޝަރީއަތުގައި މިއަދު ވަކާލާތު ކުރެއްވީ މަޖިލީހުގެ ގުރައިދޫ ދައިރާގެ މެންބަރު އިބްރާހިމް ރިޒާ އެވެ. އޭނާ ވިދާޅުވީ ޕްރޮޖެކްޓް އިއުލާން ކުރުމަކީ ސަލީމް ކުރައްވަން ޖެހޭ ކަމެއްކަން ލިޔެކިޔުންތަކުން އެނގެން ނެތް ކަމަށެވެ. އަދި އެ ޕްރޮޖެކްޓާ ގުޅިގެން އިއުލާނެއް ކުރިކަމެއް ވެސް އަދި ނުކުރާ ކަމެއް ވެސް އެނގެން ނެތް ކަމަށް ރިޒާ ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގައި ސަލީމް ވަނީ ރުޅިއިސްކުރައްވައި ވާހަކަފުޅު ދައްކަވައި ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ސަލީމް ވިދާޅުވީ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ އަކީ ރައީސް ނަޝީދުގެ ރޭވުމަކުން ޕްރޮސެކިއުޓާ ޖެނެރަލްއަށް ބާރު ފޯރުވައިގެން ކުރާ ކަމެއް ކަމަށެވެ.

ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ ޝަރީއަތުގައި ރައީސްގެ ވާހަކަ އާއި ސިޔާސީ ވާހަކަ ނުދެއްކުމަށާއި ކޯފާއިސްނުކުރައްވާ ސީދާ ދައުވާއަށް ޖަވާބު ދާރީވުމަށް އެދިވަޑައިގެންނެވި އެވެ.

ދައުލަތުން ސަލީމްގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ވުމުން ސަލީމްގެ ވަކީލް މިއަދު ކޯޓްގައި އެދިފައި ވަނީ އޭނާގެ ޕާސްޓޯ ދޫކޮށްދިނުމަށެވެ.

ދައުލަތުން މިއަދު ވަނީ އެ މައްސަލާގައި ސަލީމާ ދެކޮޅަށް ހަތަރު ހެކީންގެ ނަން ޝަރީއަތަށް ހުށަހަޅާފަ އެވެ. އަދި ސަލީމްގެ ފަރާތުން ވެސް ހެކިންގެ ނަން ޝަރީއަތަށް ހުށަހަޅާނެ ކަމަށް ބުންޏެވެ. ގާޒީ ވަނީ އެ ދެ ފަރާތަށް ވެސް އެ ފުރުސަތު ދެއްވާފަ އެވެ.