Last Updated: 9 year 10 month ago

ދުނިޔޭގެ އެންމެ ބާރުގަދަ ގައުމު ނުވަތަ ސުޕަރ ޕަވަރުގެ ގޮތުގައި މަޝްހޫރުވެފައިވާ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ (ޔޫއެސްއޭ)ގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންފައިވާ ޑޮނަލްޑް ޓްރަމްޕް އެގައުމުގެ 45 ވަނަ ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ލައިވް ކަވަރޭޖަށް މަރުހަބާ.

ޓްރަމްޕްގެ ދަރިކަނބަލުން އިވާންކާ ޓްރަމްޕާއި، ޓިފަނީ ޓްރަމްޕް އަދި ބެރޮން ޓްރަމްޕާއި، އެރިކް ޓްރަމްޕް ރަސްމިއްޔާތައް ވަޑައިގެންފި. މިހާރު ޓްރަމްޕްގެ އަނބިކަނަބަލުން އަދި ފަސްޓްލޭޑީކަން ކުރައްވާ މެލެނިއާ ޓްރަމްޕްވެސް ވަނީ ރަސްމިއްޔާތައް ވަޑައިގެންފައި

ރައީސް ބަރަކް އޮބާމާގެ "ވައިޓްހައުސް"އިން ފޮނުވި އެންމެ ފަހުގެ ޓްވީޓް.
އެމެރިކާގެ މިހާރުގެ ރައީސް ބަރަކް އޮބާމާގެ ޒައާމަތުގައި ރިޔާސީ ގަނޑުވަރު ވައިޓްހައުސްއިން ފޮނުވި އެންމެ ފަހުގެ ޓްވީޓްގައި ބުނެފައި ވަނީ "އަހަރެމެންނަށް ކުރެވޭނެ. އަހަރެމެން ކޮށްފިން" ކަމަށް. އަދި ފާއިތުވެދިޔަ އަށް އަހަރު ދުވަހު އެކުގައިވީތީ ޝުކުރު އަދާކުރާ ކަމަށް.
Yes we can.
Yes we did.
Thank you for being a part of the past eight years.pic.twitter.com/mjmr4RkxpV— The White House (@WhiteHouse)January 20, 2017
ވައިޓް ހައުސްގައި އޮބާމާ އަދި ޓްރަމްޕް ކުރިއަށް ގެންދިޔަ ބައްދަލުވުން ނިންމަވާ ލައްވައިފި، މިހާރު އެބޭފުޅުން ދަތުރު ކުރައްވަމުން ގެންދަވަނީ ހުވާކުރުމުގެ ރަސްމިއްޔާތަށް ތައްޔާރު ކޮށްފައިވާ ކެޕިޓޯލް ހިލްއާ ދިމާލަށް.
ވެރިކަމާ ހަވާލެ ވަޑައިގަންނަވާތާ ދެތިން ދުވަހުގެ ތެރޭގައި މުހިއްމު ނިންމުންތަކެއް ނިންމަވާނެ ކަމަށް ޓްރަމްޕްވަނީ ވިދާޅުވެފަ. ޓްރަމްޕް ނިންމަވާ ނިންމެވުންތަކުގެ ތެރޭގައި އޮބާމާގެ ސަރުކާރުން ފާއިތުވި އަހަރު ނިންމާފައިވާ ގިނަ ނިންމުންތައް މުޅިން އެކޮޅުކޮޅުން ޖަހާލާ ވަރުގެ ނިންމުންތައް ހިމެނޭނެ ކަމަށް ޓްރަމްޕްގެ ޓީމުންވަނީ ހާމަކޮށްފަ.

ހުވާ ކުރުމުގެ ރަސްމިއްޔާތު ކުޑަ އިރުކޮޅެއްގެ ތެރޭގައި ފެށުމަށް ތައްޔާރުވެފައިވާއިރު ނައިބު ރައީސް ކަމުގެ ހުވާ ކުރައްވާ މައިކް ޕެންސް އަދި އަނބިކަނބަލުން ކަރެން ޕެނެސްވެސް މިހާރު ވަނީ ވައިޓްހައުސްއަށް ވަޑައިގެންފައެވެ.
މިހާރު ޑޮނަލްޑް ޓްރަމްޕާއި އެމަނިކުފާނުގެ އަނބި ކަނބަލުން މެލެނިއާ ޓްރަމްޕް ވަނީ ވައިޓް ހައުސްއަށް ވަޑައިގެންފަ އެވެ. ވައިޓް ހައުސްއިން ޓްރަމްޕްގެ ދެކަނބަލުންނަށް މަރުހަބާ ކީ އެމެރިކާގެ މިހާރުގެ ރައީސް ބަރަކް އޮބާމާ އަދި އަނބިކަނބަލުން މިޝޭލް އޮބާމާ އެވެ.

ހުވާކުރުމުގެ ރަސްމިއްޔާތުގެ ކުރިން ޓްރަމްޕާއި އަނބިކަނބަލުން އަދި އާއިލާ ވަނީ ޗާޗަށް ގޮސް ގިނަ އިރުތަކެއް ހޭދަކުރައްވާފައެވެ. ޗާޗުގައި ޓްރަމްޕްގެ އަނބިކަނބަލުން މަލާނިއާ ޓްރަމްޕް އަދި ދަރިކަނބަލުން އިވާންކާ ޓްރަމްޕާއި އާއިލާގެ އެހެން މެމްބަރުންވެސް ވަގުތު ހޭދަ ކުރެއްވިއެވެ.

ޓްރަމްޕް ވަނީ، އެމެރިކާގެ ރައީސްކަމުގެ މަސައްކަތް މިއަދު ރަސްމީކޮށް ފައްޓަވައި އެމެރިކާއަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދެއްވާނޭކަމަށް ވައުދުވެވަޑައިގެންފައި. އެގޮތުން ހުވާކުރެއްވުމުގެ ރަސްމީ މަސައްކަތް ފެއްޓެވިކަން އޭނާ ހާމަކުރެއްވީ، އާދައިގެ މަތީން ކުރައްވާ ހެނދުނުގެ ޓްވީޓަކުން.
It all begins today! I will see you at 11:00 A.M. for the swearing-in. THE MOVEMENT CONTINUES - THE WORK BEGINS!
— Donald J. Trump (@realDonaldTrump)January 20, 2017
އެމެރިކާގެ ރައީސްކަމަށް އިންތިޚާބުވެފައިވާ، ޑޮނަލްޑް ޓްރަމްޕް، ރައީސްކަމުގެ ހުވާކުރެއްވުމުގެ ވަގުތު މިހާރު މިވަނީ ކުޑަތަން ވެފައި. ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ އުމުރުފުޅުން 70 އަހަރުގެ ޓްރަމްޕް އެމެރިކާގެ 45 ވަނަ ރައީސްކަމުގެ ހުވާކުރައްވުމުގެ ރަސްމިއްޔާތު އޮންނާނީ އެމެރިކާ ގަޑިން މިއަދު 11:00ގައި.
Thank you for a wonderful evening in Washington, D.C.#Inaugurationpic.twitter.com/a6xpFQTHj5
— Donald J. Trump (@realDonaldTrump)January 20, 2017
ރައީސްކަމުގެ ހުވާ ކުރައްވަން ތައްޔާރުވަމުން ގެންދަވާ ޑޮނަލްޑް ޓްރަމްޕުގެ އަނބިކަނބަލަކާއި، ހަަތަރު ދަރިކަލުންނާއި އަށް ކާފަދަރިކަލުން ތިއްބަވާ. އެމެރިކާގެ އެންމެ މުއްސަނދި އާއިލާތަކުގެ ތެރޭގައި ހިމެނޭ ޓްރަމްޕް އާއިލާއަކީ މިހާރު މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ އެއް އާއިލާކަމަށް ބުނެވިދާނެ.
ސްލޮވީނިއާއަށް އުފަން މެލާނިއާ ޓްރަމްޕަކީ ބޭރު ގައުމަކަށް އުފަން އެމެރިކާގެ ދެވަނަ ފަސްޓް ލޭޑީ އެމަގާމު ފުރަތަމަ ހޯއްދެވި އަންހެން ބޭކަނބަލަކީ 1825ން 1829ށް ވެރިކަން ކުރެއްވި ޖޯން ކުއިންސީ އެޑަމްސްގެ އަނބިކަނބަލުން ލުއިސާ އެޑަމްސް. އެކަމަނާގެ އުފަން ގައުމަކީ އިނގިރޭސިވިލާތް.





