20 Jan 2017, 19:29
ދިހަ މިލިއަން ރުފިޔާއަށްވުރެ މަދުން އާމްދަނީ ލިބޭ ފަރާތްތައް، ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް (ބީޕީޓީ) ބަޔާން ހުށަހަޅާއިރު އޮޑިޓް ރިޕޯޓް ހުށަހަޅަން ނުޖެހޭގޮތަށް ހަމަޖައްސައިފިއެވެ.
ކުރިން ހަމަޖައްސާފައިވާގޮތަށް އޮޑިޓް ހުށައަޅަން ނުޖެހެނީ ފަސް މިލިއަން ރުފިޔާއަށްވުރެ މަދުން އާމްދަނީ ލިބޭ ފަރާތްތަކަށެވެ.
މީރާއިން އިއްޔެ ނެރުނު ޓެކްސް ރޫލިންގައި ވާގޮތުން 2015 ވަނަ އަހަރު ޖުމުލަ އާމްދަނީ 10 މިލިއަން ރުފިޔާއަށްވުރެ މަދުން ލިބުނު ފަރާތްތަކުން، ވިދިގެން އަންނަ އެއްވެސް ޓެކްސް އަހަރެއްގައި އެ އަދަދު 10 މިލިއަނަށްވުރެ އިތުރު ނުވާނަމަ، އޮޑިޓް ރިޕޯޓެއް ހުށަހަޅާކަށް ނުޖެހޭނެއެވެ.
މީރާއިން ބުނީ އެއީ، ކުދި ވިޔަފާރިތަކަށް މީރާއިން ދެމުން ގެންދާ ލުޔެއް ކަމަށެވެ.
މީރާއިން މިދިޔަ ހަފްތާގައި ވަނީ އަހަރީ އާމްދަނީ 10 މިލިއަން ރުފިޔާއަށް ވުރެ އިތުރު ނުވާ ވިޔަފާރިތަކުން "ކޭޝް ބޭސިސް" ބޭނުން ކުރުމުގެ އިހްތިޔާރު ޓެކްސްދައްކާ ފަރާތްތަކަށް ދޭގޮތަށް ގަވައިދަށް ބަދަލު ގެނެސްފައެވެ.