މަސްވެރިންނަށް ދައުލަތުން ދޭން ޖެހޭ ސަބްސިޑީ ދެވެން ދެން ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ފަރާތްތަކުގެ މުސާރައިގެ 75 ޕަސަންޓް ކެނޑުމަށާއި، އެ ކަނޑާބައިން މަސްވެރިންގެ ސަބްސިޑީ ދިނުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.

މަޖިލީހުގައި އިދިކޮޅު ގައުމީ ޕާޓީ ތަމްސީލު ކުރައްވާ ހަމައެކަނި މެމްބަރު ހުށަހެޅުއްވި އެ ގަރާރުގައި ބުނަނީ،
މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ފާއިތުވި ދެ އަހަރު އެކަށީގެންވާ މަސައްކަތެއްކޮށްފައިނުވާ ކަމަށެވެ. އަދި އެ ސަބްސިޑީ ނުދީ ސަރުކާރުން ހިފަހައްޓާފައި ވަނީ ބަޖެޓުގައި ފައިސާ ނެތުމުން ކަމަށް ބުނާއިރު، އެތައް ބައިވަރު ސިޔާސީ މަގާމުތަކެއް އުފައްދާ ސަރުކާރުން ގެންދަނީ އެފަރާތްތަކަށް ބޮޑު މުސާރަ ދެމުން ކަމަށް ވެސް އެ ގަރާރުގައި ބުނެފައިވެ އެވެ.

"އެހެންކަމުން މަސްވެރިކަންކުރާ ފަރާތްތަކަށް ދައުލަތުން ކޮންމެ އަހަރަކު ދޭ ތެލުގެ ސަބްސިޑީ މިހިނދުން މިހިނދަށް ދިނުމަށާއި އަދި އެ ސަބްސިޑީ ދެވެންދެން ސަރުކާރުގެ ސިޔާސީ މަގާމުތައް ފުރުއްވާ ފަރާތްތަކުގެ މުސާރައިގެ 75 ޕަސަންޓް ކެނޑުމަށާއި އަދި އެގޮތުން ކަނޑާބައި މަސްވެރިންގެ ސަބްސިޑީގެ ގޮތުގައި ދިނުމަށް ސަރުކާރަށް ގޮވާލުމުގެ ގޮތުން މި ގަރާރު ފާސްކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ އެވެ،" އެގަރާރުގައިވެ އެވެ.

މުދަލާއި ހިދުމަތުގެ އަގު އިންތިހާއަށް ބޮޑުވެ، މަސްވެރިކަން ހީނަރުވެ މަސްވެރިންނަށް މަހަށް ފުރޭނެ ގޮތް ނެތް މި ދަނޑިވަޅުގައި ލިބޭ މަދު ފައިސާކޮޅުން ތެލުގެ ހަރަދު ކަނޑައި، ލޯނު އަދާކުރެވޭނެ ގޮތެއް ނެތުމުން އޮޑިވެރިންނާއި މަސްވެރި އާއިލާތަކުގެ ހާލަތު ހީނުކުރާހާ ދަށަށް ގޮސްފައިވާ ކަމަށް ވެސް އެގަރާރުގައި ބުނެފައިވެ އެވެ. އަދި ތެލުގެ ސަބްސިޑީ ނުދީ ހިފެހެއްޓުމުން މަސްވެރިންނަށް ތަހައްމަލުނުކުރެވޭ ވަރުގެ ބޮޑު ހަރަދުތަކަކާއި އިތުރު ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

މަސްވެރިންނަށް ސަބްސިޑީގެ ގޮތުގައި ބަޖެޓުގައި ހިމަނާފައިވާ 100 މިލިއަން ރުފިޔާ މިހާތަނަށް ދޫކޮށްފައިނުވަނީ އެފައިސާ ނުދީ ފިނޭންސް މިނިސްޓްރީން ހިފަހައްޓާފައިވާތީ އެވެ. އެ ސަބްސިޑީ ދޫކުރުމުގެ ހުރިހާ އަމަލީ މަސައްކަތްތަކެއް ކުރުމަށް ފިޝަރީޒް މިނިސްޓްރީން ތައްޔާރުވެފައިވީ ނަމަވެސް، ފިނޭންސް މިނިސްޓްރީން ވަނީ "މާލީ ހާލަތު ތަން ނުދޭ" ކަމަށް ބުނެ އެ ފައިސާ މިވަގުތު ދޫކުރެވެން ނެތް ކަމަށް ބުނެފަ އެވެ.

އެ ސަބްސިޑީ ދޫނުކުރާ މައްސަލާގައި ގިނަ މަސްވެރި އާއިލާތަކުން ވެސް ދަނީ އެކަމާ ޝަކުވާކުރަމުންނެވެ. ނަމަވެސް، އަދިވެސް ސަބްސިޑީ ދޫކުރާނެ އިރެއް ސަރުކާރުން ނުބުނެ އެވެ.

އެ ސަބްސިޑީ 21 ދުވަހުގެ ތެރޭ ދޫކުރަން ނުފަށައިފި ނަމަ އެ މައްސަލަ މަސްވެރިންގެ ހައްގުގައި ކޯޓަށް ވައްދާނެ ކަމުގެ އިންޒާރު ގައުމީ ޕާޓީން ވަނީ ދީފަ އެވެ.