20 Jan 2017, 19:18
އެމެރިކާގެ ރައީސްކަމުގެ މަގާމާ ޑޮނަލްޓް ޓްރަމްޕް ހަވާލުވެވަޑައިގަތުމުގެ ވަގުތު މިދަނީ ކުޑަތަން ވަމުންނެވެ. ޓްރަމްޕު ރައީސްކަމާ ހަވާލުވުމާއެކު އެމެރިކާގެ މުޖްތަމައު ވަރަށްބޮޑަށް ބައިބައިވެ އެތެރޭގެ ހަމަނުޖެހުންތަކާއި ގަޑުބަޑުތައް އިތުރުވެ ދާޚިލީ އެއްބައިވަންތަކަމަށް ބޮޑު ލޮޅުމެއް އަރާނެކަމަށް އެމެރިކާގެ ގިނަ ބަޔަކު ދެކެންފަށައިފިއެވެ.
މިދިޔަ ހަފްތާގައި އެމެރިކާގައި ނެގި ޚިޔާލު ހޯދުމުގެ ސާވޭއަކުން ހާމަވާގޮތުގައި ޔޫރަޕުން ހިޖްރަކުރި އެމެރިކާގެ ދޮންނަސްލުގެ މީހުންނާއި އެއަށްފަހު އެމެރިކާއަށް ހިޖްރަކޮށްގެންއުޅޭ އެކި ގައުމުތަކުގެ މީހުންނާ ދެމެދު ޒަމާނުއްސުރެ އޮތް މަސްލަހަތު ފުށުއެރުމުގެ ކަންތައް ޓްރަމްޕްގެ ވެރިކަމުގައި ވަރަށްބޮޑަށް އިތުވެގެންދާނެއެވެ. އަދި އެކަން ދާޚިލީ ބޮޑު މައްސަލައަކަށްވެ އެއްކޮޅުން އެމެރިކާގެ ދޮންމީހުންނާއި މުހާޖިރުންނާ ދެމެދު، އަނެއްކޮޅުން މުއްސަނދިންނާއި ފަގީރުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާނެކަމަށް އެމެރިކާގެ ގިނަ ބަޔަކު ވަނީ ދެކެންފަށާފައެވެ.
މި ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 86 އިންސައްތަ މީހުންވަނީ ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާގެ އެތެރޭގެ ހަމަނުޖެހުންތައް ބޮޑުވެ އެކަމުގެ އަސަރު އެމެރިކާގެ އިގްތިސާދަށާއި ދުނިޔޭގައި އެމެރިކާ އަދާކުރާ ދައުރަށް ކުރާނެކަން ގަބޫލުކުރާކަން ހާމަކޮށް އެކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޓްރަމްޕާ އިދިކޮޅު މުޒާހަރާތައް
އެމެރިކާގެ ރައީސްކަމުގެ މަގާމާ ޓްރަމްޕް މިއަދުގެ ވަގުތެއްގައި ހަވާލުވެވަޑައިގަންނަވާއިރު އެމެރިކާގެ ފަހުގެ ތާރީޚުގައި އެމެރިކާގެ މުޖްތަމައު ބައިބައި ނުވާމިންވަރަށް ޓްރަމްޕް އިންތިޚާބުވި ފަހުން އެމެރިކާ ބައިވެފައިވާކަންވެސް އެމެރިކާގެ ގިނަބަޔަކު ގަބޫލުކުރެއެވެ.
ޓްރަމްޕާ އިދިކޮޅު ފަރާތްތަކުން، އޭނާއަކީ ނުބައިމީހެއްކަމަށް ސިފަކޮށް އޭނާ ހުވައިކުރުމުގެ ރަސްމިއްޔާތަށް ހުރަސްއެޅުމަށްޓަކައި މުޒާހަރާތައް ކުރަމުންގެންދާއިރު މި މުޒާހަރާތައް ހަމަނުޖެހުންތަކަކަށް ބަދަލުވެ ތަންތަނުގައި ހުޅުޖަހާ ހިސާބަށް ކަންތައްތައް ހިނގައިދާނެކަމުގެ ބިރު އެބައޮތްކަމަށް އާންމުންގެ އިތުރުން އެމެރިކާގެ ސަލާމަތާބެހޭ އިދާރާތަކުންވެސް ދެކެއެވެ. މިއާއެކު އެ އިދާރާތަކުންވަނީ ހިނގައިފާނެ ކޮންމެ ހަމަނުޖެހުމަކާ ކުރިމަތިލުމަށް ތައްޔާރަށް އޮތްކަންވެސް ހާމަކޮށްފައެވެ.
ޓްރަމްޕާ އިދިކޮޅު ފަރާތްތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާގެ ދޮންމީހުން ކަޅުމީހުންނާ ދެކޮޅަށް ގެންގުޅޭ ނަސްލީ އިމްތިޔާޒާ ދެކޮޅު ފަރާތްތަކާއި އެމެރިކާއަށް ހިޖްރަކޮށްގެން އުޅޭ އެހެންގައުމުތަކުގެ މީހުންގެތެރޭގައި ހިމެނޭ އެކްޓިވިސްޓުންނާއި އެމެރިކާގެ ހަތިޔާރުގެ އިންޑަސްޓްރީއާ ގުޅިފައިވާ ކުންފުނިތަކުގެ ވެރިންގެ ސަޕޯޓަރުންނާއި އެއިން ބައި ލިބޭ ފަރާތްތަކެވެ.

ޓްރަމްޕްގެ އާއިލާ
ޓްރަމްޕް ވިދާޅުވެފައިވާގޮތުން އޭނާގެ ވެރިކަމުގައި އެމެރިކާއަށް ހިޖްރަކުރާ މީހުންނާމެދު ހަރުކަށި ސިޔާސަތެއް ގެންގުޅޭނެއެވެ. އަދި ދުނިޔޭގެ ގައުމުތަކުގައި ހަނގުރާމައާއި ތަޅާފޮޅުންތައް އުފެއްދުމަށާއި ދުނިޔޭގެ ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އޭނާގެ ވެރިކަމުގައި އެމެރިކާ ނުވަންނާނެއެވެ. މީގެއިތުރުން ދުނިޔޭގައި ފުލުހެއްގެ ދައުރު އަދާކޮށް އެހެންގައުމުތަކަށް އަރައިގަތުމުގެ ހަރުކަށި ސިޔާސަތުތަކެއްވެސް އޭނާގެ ވެރިކަމުގައި ނުގެންގުޅުއްވާނެއެވެ.
މިއީ ދުނިޔޭގެ ގައުމުތަކުގައި ހަނގުރާމައާއި ތަޅާފޮޅުންތައް އުފައްދައިގެން އެތަންތަނަށް ބޮޑުއަގުގައި ހަތިޔާރުތައް ވިއްކަމުންގެންދާ އެމެރިކާގެ ކުންފުނިތަކަށާއި އެކުންފުނިތަކަށް ނިސްބަތްވާ މީހުންނަށާއި އެއިން ބޮޑެތި ނަފާތައް ހޯދައިގެން ތަނަވަހުގައި އުޅޭ މީހުންނަށް ކެތްކުރެވޭފަދަ ކަމެއްނޫނެވެ.
އަނެއްކޮޅުން އެމެރިކާއަކީ ހަމައެކަނި ދޮންމީހުންގެ ގައުމަކަށް ހަދައިގެން ދޮންމީހުންނަށް އިސްކަން ދިނުމުގެ ސިޔާސަތުތަކެއް ގެންގުޅޭނެ ކަމުގެ އިޝާރާތްތަކެއް ޓްރަމްޕް ދެއްވާފައިވާތީ މިއީ އެމެރިކާގެ އެހެން ނަސްލުތަކުގެ މީހުންނަށް ކެތްކުރެވޭވަރުގެ ކަމަކަށްނުވާނެއެވެ. ޓްރަމްޕާ ދެކޮޅަށް އެތަށް ހާސްބަޔަކު މުޒާހަރާތައް ކުރަމުން ގެންދާއިރު އޭނާގެ ދިފާއުގައި އޭނާއަށް ތާއީދުކުރާ ފަރާތްތަކުންވެސް މިހާރުވަނީ މަގުތަކަށް ނުކުމެފައެވެ.
މިފަރާތްތަކުގެ ތެރޭގައި އެމެރިކާގެ ދޮންމީހުންގެ ނަސްލީ އިމްތިޔާޒަށް ތާއީދުކުރާ ފަރާތްތަކާއި އެމެރިކާ ބޭރުގައުމުތަކުގައި ކުރާ ހަނގުރާމަތަކާ އިދިކޮޅު ފަރާތްތައް ހިމެނެއެވެ. ޓްރަމްޕް ވަނީ އޭނާގެ ވެރިކަމުގައި އިސްކަންދޭނީ އެމެރިކާގެ އެތެރޭގެ ކަންކަން ރަނގަނޅު ކުރުމަށާއި އެމެރިކާގެ އެތެރޭގެ ކުރިއެރުމާއި ތަރައްގީއަށް ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެމެރިކާ ދުނިޔޭގައި އަދާކުރަން ފަށާފައިވާ ފުލުހެއްގެ ދައުރު އަދާކުރަމުން ގެންދިޔުމުގެ ސަބަބުންނާއި އެހެންގައުމުތަކަށް އަރައިގަތުމުގެ ހަރުކަށި ސިޔާސަތުތައް ގެންގުޅެމުން ދިޔުމުގެ ނަތީޖާއަކަށް ވެގެންދިޔައީ އެމެރިކާގެ އެތެރެ އިހްމާލްކޮށްލުމަށްފަހު ބޭރުގެ ހަނގުރާމަތަކަށް އިސްކަން ދިނުމެވެ. ފާއިތުވި ފަސްދޮޅަހަކަށް އަހަރު އެމެރިކާގައި ވެރިކަން ކުރެއްވި ގިނަ ރައީސުން ގެންގުޅުއްވާފައިވަނީ މި ސަޔާސަތުތަކެވެ.
މިކަމުގެ ނަތީޖާއަކީ އެމެރިކާގެ އެތެރޭގެ އިންފްރާސްޓްރަކްޗަރ ބައުވެ އެމެރިކާ ތަރައްގީވާންޖެހޭ މިންވަރާ ގާތްކުރާމިންވަރަށްވެސް އެމެރިކާގެ އެތެރޭގެ ކަންކަން ތަރައްގީ ނުވުންކަމަށް އެމެރިކާގެ ގިނަބަޔަކު ދެކެއެވެ. މީގެއިތުރުން އެމެރިކާގެ އެތަށް މިލިޔަންބަޔަކު ފަގީރު ހާލަތަށްވެއްޓިގެން ދިޔުމާއި މުއްސަނދިން އާދަޔާ ޚިލާފަށް މުއްސަނދިވެ ފަގީރުންގެ އަދަދު އިތުރުވެ އަދި ފަގީރުން އިތުރަށް ފަގީރުވާ ބާވަތުގެ ގައުމަކަށް އެމެރިކާ ވެފައިވަނީވެސް މިކަމުގެ ސަބަބުން ކަމަށް ހަނގުރާމައާ އިދިކޮޅު އެމެރިކާގެ ރައްޔިތުން ދެކެއެވެ.

ބްލެއަރ ހައުސް
ދެވަނަ ބޮޑުހަނގުރާމައަށްފަހު ދުނިޔޭގައި ހިނގި ދާޚިލީ އަދި ޚާރިޖީ ކޮންމެ ހަނގުރާމައެއްގެ އެއްކޮޅުގައި އެ ހަނގުރާމައަށް ދަރުއަޅަން އޮންނަ މައިގަނޑު ގައުމަކީ އެމެރިކާއެވެ. ދެވަނަ ބޮޑުހަނގުރާމައަށްފަހު ދުނިޔޭގައި އެމެރިކާ ހިންގި ހަނގުރާމަތަކުގައި 10 މިލިޔަނެއްހާ މީހުން މަރުވެ ފަނާވެގެން ގޮސްފައިވާކަމަށް ކަމާބެހޭ ދިރާސާތައްބުނާއިރު މިހަނގުރާމަތަކުގައި އެމެރިކާގެ އެތަށް ހާސްބަޔަކުވެސް މަރުވެފައިވެއެވެ. މިހަނގުރާމަތަކަށް އެމެރިކާގެ ޚާޒާނާއިން މަދުވެގެން ހަތަރު ޓްރިލިޔަން ޑޮލަރު ޚަރަދު ކޮށްފައިވާކަމަށް އަންދާޒީ ހިސާބުތަކުން ދައްކައެވެ.
އެމެރިކާގެ ރައީސްކަމުގެ ހުވާ ރާއްޖޭގެ ގަޑިން މިރޭގެ ވަގުތެއްގައި ކުރެއްވުމަށް ހަމަޖެހިފައިވާއިރު ޓްރަމްޕާއި އޭނާގެ އާއިލާ ރޭގައިވަނީ ވޮޝިންޓަނަށް ވަޑައިގެންފައެވެ. ޓްރަމްޕް ވެރިކަމުގެ ހުވާކުރައްވަން ތައްޔާރުވެ ވަޑައިގެންނަވާއިރު އެމެރިކާގެ ތާރީޚުގައިވެސް ރައްޔިތުންގެ ތާއީދު އެންމެ ކުޑަ ރައީސްކަމުގެ ގޮތުގައި ޓްރަމްޕް ދަނީ ސިފަވަމުންނެވެ.

ކެޕިޓޯލް އިމާރާތް
އެމެރިކާގެ ރައީސްކަމަށް އިންތިޚާބުވެފައިވާ ބޭފުޅަކު ވެރިކަމުގެ ހުވާކުރައްވުމާ ދެކޮޅަށް އެމެރިކާގެ ރައްޔިތުންގެ އެތަށް ހާސްބަޔަކު މަގުތަކަށް ނުކުމެ މިހާބޮޑު މުޒާހަރާތަކެއް ކުރުމަކީ އެމެރިކާގެ ތާރީޚުގައިވެސް މިހާތަނަށް ފެނިފައިވާކަމެއް ނޫނެވެ. އެމެރިކާގެ ސާޅީސް ފަސްވަނަ ރައީސްގެ ހައިސިއްޔަތުން ޓްރަމްޕް ވެރިކަމުގެ ހުވާކުރައްވާނީ އެމެރިކާގެ ކޮންގްރެސްގެ އިމާރާތްކަމަށްވާ ކެޕިޓޯލް ހިލް ގައެވެ. ކެޕިޓޯލަށް ޓްރަމްޕާއި އޭނާގެ އަނބިކަނބަލުން މެލަނިޔާ ވަޑައިގަތުމުގެ ކުރިން އެދެބޭފުޅުން ބްލެއަރ ހައުސްގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއި ފަސްޓްލޭޑީ މިޝޭލް އޮބާމާ އާއެކު ބިލެއްމީރުކޮށްލެއްވުމެއްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
ޓްރަމްޕާއި އޭނާގެ އަނބިކަނބަލުން މިހާރު ތިއްބެވީ ވައިޓް ހައުސްގެ ކުރިމަތީގައި ހުންނަ އެމެރިކާގެ ރަސްމީ ގެސްޓް ހައުސް އެއްކަމަށްވާ ބްލެއަރ ހައުސް ގައެވެ. ވެރިކަމާ ހަވާލެ ވަޑައިގަންނަވާތާ ދެތިން ދުވަހުގެ ތެރޭގައި މުހިއްމު ނިންމުންތަކެއް ނިންމަވާނެ ކަމަށް ޓްރަމްޕްވަނީ ވިދާޅުވެފައެވެ. ޓްރަމްޕް ނިންމަވާ ނިންމެވުންތަކުގެ ތެރޭގައި އޮބާމާގެ ސަރުކާރުން ފާއިތުވި އަހަރު ނިންމާފައިވާ ގިނަ ނިންމުންތައް މުޅިން އެކޮޅުކޮޅުން ޖަހާލާ ވަރުގެ ނިންމުންތައް ހިމެނޭނެ ކަމަށް ޓްރަމްޕްގެ ޓީމުންވަނީ ހާމަކޮށްފައެވެ.