20 Jan 2017, 13:40
މިނިވަން ޗެމްޕިއަންޝިޕްގައި ބައިވެރިވާން ބޭނުންވާ ރަށްތަކަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެފްއޭއެމްއިން ބުނީ، މާޗް މަހުގެ 15 ވަނަ ދުވަހު ފަށާ އެ މުބާރާތުގައި ބޭނުންވާ ރަށްތަކުން މިމަހުގެ 29 ވަނަ ދުވަހުގެ ކުރިން އެ އެސޯސިއޭޝަނަށް އެކަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެފްއޭއެމްއަށް ހުށަހަޅާ ބައިވެރިވުމަށް އެދޭ ލިޔުމުގައި އެ ރަށެއްގެ ފުޓްބޯޅަ ޓީމެއްގެ މައުލޫމާތާއި ކައުންސިލުން ގުޅޭނެ ފަރާތެއްގެ ނަމާއި ފޯން ނަންބަރު ހާމަކުރެއްވުމަށް ވެސް އެ އެސޯސިއޭޝަނުން އެދެއެވެ.
މިނިވަން ޗެމްޕިއަންޝިޕްގައި އަތޮޅަކުން ދެ ޓީމަށްވުރެ ގިނަ ޓީމު ބައިވެރިވާނަމަ، އެ އަތޮޅު މުބާރާތުގެ މެޗުތައް ކުޅެވޭނީ ހަމަޖެއްސާފައިވާ ރަށެއްގައެވެ. ޒޯން މުބާރާތްތުގެ މެޗުތައް ކުރިއަށްދާނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. މުބާރާތް ފަށާ ދުވަހުން ފެށިގެން އެ އަތޮޅެއްގެ އަތޮޅު މުބާރާތާއި ޒޯން މުބާރާތް އެއް މަސް ދުވަސް ތެރޭގައި ކުޅެ ނިންމާލެވޭނެއެވެ.
އެކި އަތޮޅުތަކުގައި މުބާރާތް ފަށާ ތާރީހެއް، މުބާރާތުގައި ޓީމުތައް ބައިވެރިވެ ނިމުމުން ތާރީހެއް އިއުލާންކުރާނެ ކަމަށް އެފްއޭއެމްއިން ބުނެއެވެ. ކޮންމެ ޓީމެއްގެ ލިސްޓުގައި 21 އަހަރުންދަށުގެ ހަތް ކުޅުންތެރިން ހިމަނަންޖެހެއެވެ.