23 Jun 2011, 14:07
ވޮޝިންގޓަން : އަފްޣާނިސްތާނުން އެމެރިކާ ސިފައިން ފޭބުމުގެ ޕްލޭނެއް ރައީސް ބަރަކް އޮބާމާ އިއުލާން ކުރައްވައިފި އެވެ.
ވައިޓް ހައުސްގެ އޯވަލް އޮފީހުގައި އިންނަވައިގެން ޓީވީ މެދުވެރިކޮށް އެމެރިކާގެ ރައްޔިތުންނަށް މިއަދު ދެއްވި ހިތާބެއްގައި އޮބާމާ ވިދާޅުވީ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުމުގެ ކަންތައް އަންނަ ޖުލައި މަހު ފަށާނެ ކަމަށާއި މިއަހަރުގެ ޑިސެމްބަރު ނިމުމުގެ ކުރިން 10 ހާސް އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލޭނެ ކަމުގަ އެވެ.
އަދި 2012 ވަނަ އަހަރުގެ ހޫނުމުސުން ފޭށޭއިރު 33 ހާސް އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބާނެ ކަމަށާއި އަންނަ އަހަރުގެ ހޫނު މުސުމަށްފަހު އެމެރިކާ ސިިފައިން އަފްޣާނިސްތާނުގައި ހަނގުރާމައިގެ އެއްވެސް ހަރަކާތެއް ނުހިންގާނެ ކަމަށް އޮބާމާ ވިދާޅުވި އެވެ. އަދި އެތާރީހަށްފަހު އަފްޣާނިސްތާނުގައި ތިބޭނީ ހަމައެކަނި އަފްޣާން ސިފައިންނަށް ތަމްރީން ދިނުމަށް ބޭނުންވާ އަސްކަރީ މުދައްރިބުން ކަމަށްވެސް އޮބާމާ ވިދާޅުވި އެވެ.
އިރާގާއި އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމާއި އަނިޔާވެރި ކަމަށް ނަން މަޝްހޫރު އެމެރިކާގެ ގުއަންޓަނާމޯ ޖަލު ބަންދުކުރުމަކީ އޮބާމާގެ އިންތިހާބީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އިރާގުން ފޭބި ނަމަވެސް ގުއަންޓަނާމޯ ޖަލު ބަންދުކުރުމުގައި އޮބާމާވަނީ ނާމާކިޔާބުވެފަ އެވެ.
އިރާގާއި އަފްޣާނިސްތާނުން އެމެރިކާގެ ސިފައިން ބޭލުމަށް އޮބާމާ ނިންމަވާފައިވަނީ އެމެރިކާއާ ދެކޮޅަށް އެދެޤައުމުގައި ހަނގުރާމަ ކުރަމުން ގެންދާ ހަނގުރާމަވެރިން ބަލިކޮށްލުމުގައި ނާކާމިޔާބު ވުމުންނާއި އެދެހަނގުރާމައިގެ ހަރަދުތަކުގެ ސަބަބުން އެމެރިކާގެ އިޤްތިސާދު ހީނަރުވެ އެމެރިކާގެ ބާރުކުޑަވަމުންދާ ދިޔުން ހުއްޓުވުމުގެ މަގުސަދްގައި ކަމަށް މުހައްލިލުން ވިދާޅުވެ އެވެ.
އެެމެރިކާގައި މިހާރު އެއްލައްކައަށްވުރެ ގިނަ އެމެރިކާ ސިފައިން ހަނގުރާމަ ކުރަމުން ގެންދެ އެވެ. ނަމަވެސް އަފްޣާން ހަނގުރާމައަށް 10 އަހަރު ވީއިރުވެސް ތާލިބާނުން ބަލިކުރުމުގައި އެމެރިކާ ވަނީ ނާކާމިޔާބުވެފަ އެވެ. އަދި އެންމެފަހުން އެމެރިކާ މިހާރު ގެންދަނީ ތާލިބާނުންނާއެކު ސުލްޙައިގެ ވާހަކަތައްވެސް ދައްކަމުންނެވެ. (އަލްޖަޒީރާ)