އެމެރިކާގެ 45 ވަނަ ރައީސްކަމުގެ ހުވާ ކުރައްވަން ތައްޔާރުވަމުން ގެންދަވާ ޑޮނަލްޑް ޓްރަމްޕުގެ އަނބިކަނބަލަކާއި، ހަަތަރު ދަރިކަލުންނާއި އަށް ކާފަދަރިކަލުން ތިއްބަވަ އެވެ. އެމެރިކާގެ އެންމެ މުއްސަނދި އާއިލާތަކުގެ ތެރޭގައި ހިމެނޭ ޓްރަމްޕް އާއިލާއަކީ މިހާރު މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ އެއް އާއިލާކަމަށް ބުނެވިދާނެ އެވެ. އެއާއިލާގެ މެމްބަރުންނަށް އަވަސް ކަޅިއަކުން ބަލާލާއިރު:

މެލާނިއާ ޓްރަމްޕް

ސްލޮވީނިއާއަށް އުފަން މެލާނިއާ ޓްރަމްޕަކީ ބޭރު ގައުމަކަށް އުފަން އެމެރިކާގެ ދެވަނަ ފަސްޓް ލޭޑީ އެވެ. އެމަގާމު ފުރަތަމަ ހޯއްދެވި އަންހެން ބޭކަނބަލަކީ 1825ން 1829ށް ވެރިކަން ކުރެއްވި ޖޯން ކުއިންސީ އެޑަމްސްގެ އަނބިކަނބަލުން ލުއިސާ އެޑަމްސް އެވެ. އެކަމަނާގެ އުފަން ގައުމަކީ އިނގިރޭސިވިލާތެވެ.

ރިޔާސީ ކެމްޕެއިން ތެރޭގައި މެލާނިއާ މާގިނަ ތަގުރީރުތައް ނުދެއްވި ނަމަވެސް ރިޕަބްލިކަން ކޮންވެންޝަންގައި އޭނާ ދެއްވި ތަގުރީރަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބިގެން ދިޔަ އެވެ. އެއީ އެ ތަގުރީރާއި މިޝޭލް އޮބާމާ ދެއްވި ތަގުރީރަކާ ހުރި އެއްގޮތް ކަމުންނެވެ. އަދި އެމެރިކާގައި މިޝޭލް އޮބާމާގެ މަގުބޫލުކަމާ އަޅާ ބަލާއިރު، އާއްމުންގެ މެދުގައި މެލާނިއާގެ މަގުބޫލުކަން ވަރަށް ކުޑަކަން ފާހަގަ ކުރެވެ އެވެ.

ކޮންމެއަކަސް މެލާނިއާ ވަނީ މުޅި ކެމްޕެއިން ތެރޭގައި އޭނާއަށާއި ޓްރަމްޕަށް ލިބުނު ފާޑު ކިޔުންތަކާ އެކުވެސް ޓްރަމްޕުގެ ފަހަތުގައި ހުޝިޔާރުވެ ހުންނަވާފަ އެވެ. އަދި ޓްރަމްޕް، އަންހެނުންނާ ބެހޭ ގޮތުން ދަށު ދަރަޖައިގެ ވާހަކަތަކެއް ދައްކަވާ އަޑު އިވިގެންދާ ރިކޯޑިންއެއް ލީކުވުމާ ގުޅިގެން އެއީ ފިރިހެނުންގެ ބަސްމޮށުންތެރިކަން ހުންނަ ގޮތް ކަމަށް ވިދާޅުވެ ޓްރަމްޕް ދިފާއު ކުރައްވާފަ އެވެ.

ފަސް ގައުމެއްގެ ބަހުން ފަރިތަކަމާ އެކު ވާހަކަ ދައްކަން އެނގިވަޑައިގަންނަވާ މެލާނިއާ ވަނީ އޭނާ ބޭނުން ވަނީ ޖެކީ ކެނެޑީ ފަދަ ފަސްޓް ލޭޑީއަކަށް ވާން ކަމަށް ވިދާޅުވެފަ އެވެ. އަދި ވެރިކަމުގެ ދައުރުގައި އިންޓަނެޓު މެދުވެރިކޮށް ބުލީ ކުރުން ހުއްޓުވައި ފަގީރު އަންހެނުންނަށް އެހީވާން ބޭނުން ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް މެލާނިއާ ވައިޓްހައުސްއަށް ބަދަލުވާނީ ދަރިފުޅު ބެރޮން ޓްރަމްޕު މިއަހަރު ކިޔަވަމުންދާ ގްރޭޑް ނިމުމުން ކަމަށް ޓްރަމްޕް އާއިލާއިން ވަނީ ބުނެފަ އެވެ.

އިވަންކާ ޓްރަމްޕް

އުމުރުން 35 އަހަރުގެ އިވަންކާ އަކީ ޓްރަމްޕް އޯގަނައިޒޭޝަނުގެ ވައިސް ޕްރެޒިޑެންޓެއްގެ އިތުރުން ތިން ކުދިންގެ މަންމައެއްވެސްމެ އެވެ. އަދި ގިނަ ބަޔަކު ދެކޭ ގޮތުގައި އޭނާ އަކީ ޓްރަމްޕްގެ 'ފޭވަރިޓް' ދަރިފުޅުވެސްމެ އެވެ.

ޓްރަމްޕުގެ ސަރުކާރުގައި އިވަންކާއަށް ރަސްމީ ހައިސިއްޔަތެއް އަދި ދީފައި ނުވި ނަމަވެސް ފިރިކަލުން ޖެރަޑް ކުޝްނާ ވަނީ ޓްރަމްޕުގެ އިސް މުޝީރަކަށް އައްޔަންކޮށްފަ އެވެ. އެހެންކަމުން ވިޔަފާރީގެ މަސްލަހަތަށް ފުށޫ އަރާފާނެތީ އިވަންކާ ވަނީ ޓްރަމްޕް އޯގަނައިޒޭޝަންގެ ވައިސް ޕްރެޒިޑެންޓު ކަމުންނާއި އޭނާގެ އަމިއްލަ ފެޝަން ބްރޭންޑުން އިސްތިއުފާ ދެއްވަން ނިންމާފައި ކަމަށް ދާދި ފަހުން ހާމަކުރައްވާފަ އެވެ.

އަދި މިހާރު އެއާއިލާ ދިރިއުޅެމުންދާ ނިއު ޔޯކުން ވޮޝިންޓަނަށް ބަދަލުވުމަށް ފަހު އިވަންކާ އުޅުއްވާނީ ދަރިންގެ ކަންތައްތައް ބެލެހެއްޓެވުމަށް ކަމަށް އެކަމަނާގެ ފޭސްބުކް ޕޯސްޓުގައިވެ އެވެ.

ޖެރަޑް ކުޝްނާ

ދެހާސްނުވަ ވަނަ އަހަރު އިވަންކާއާ ކައިވެނީގެ ގޮތުން ގުޅުނު ކުޝްނާ ވަނީ ޓްރަމްޕުގެ ސަރުކާރުގައި އެންމެ ނުފޫޒުގަދަ އެއް މަގާމަށް އައްޔަންކޮށްފަ އެވެ.

އެމެރިކާގެ އެންމެ ބޮޑު އެއް ރިއަލްއެސްޓޭޓް ކުންފުނީގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި ކުޝްނާ އިސް މުޝީރުކަަށް އައްޔަން ކުރުމަށް ޓްރަމްޕް ނިންމެވުމާ ގުޅިގެން ޑިމޮކްރަޓިކް ޕާޓީން ވަނީ އޭނާ އެމަގާމަށް އައްޔަން ކުރުމުން މަސްލަހަތަށް ފުށޫ އަރާފާނެ ކަމަށް ބުނެފަ އެވެ. އަދި އެއީ ސަރުކާރުގެ އޮފިޝަލަކު އޭނާގެ އާއިލާގެ މެމްބަރުންނަށް މަގާމުތައް ދިނުމާ ބެހޭ ގާނޫނާ ހިލާފު ކަމެއް ކަމަށް ވެސް ބުނެފަ އެވެ.

ނަމަވެސް ޓްރަމްޕްގެ ޓީމުން ވަނީ ސަރުކާރުގެ މަގާމުތައް އާއިލާގެ މެމްބަރުންނަށް ދިނުން ހުއްޓުވާ ގާނޫނުން ވައިޓް ހައުސްގެ މަގާމުތައް އިސްތިސްނާވާ ކަމަށް ބުނެފަ އެވެ.

ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ކުޝްނާ ޓްރަމްޕަށް އިރުޝާދު ދެއްވާނީ މެދުއިރުމަތީގެ މައްސަލަތަކާ ބެހޭ ގޮތުންނެވެ. ހާއްސަކޮށް ފަލަސްތީން އަދި އިސްރާއީލްގެ މައްސަލައާ ބެހޭ ގޮތުންނެވެ. ކުޝްނާއަކީ ޔަހޫދީއެއް ކަމުން، ދެ ގައުމުގެ މައްސައިގައި ފަލަސްތީނު ކޮޅަށް ބުރަވާ ބައެއް ފަރާތްތަކުން ވަނީ ނުތަނަވަސްކަން ހާމަކޮށްފަ އެވެ.

ޑޮނަލްޑް ޖޫނިއާ އަދި އެރިކް ޓްރަމްޕް

ޓްރަމްޕް ވެރިކަމާ ހަވާލުވެ ވަޑައިގަތުމާ ގުޅިގެން ޓްރަމްޕް އޯގަނައިޒޭޝަން ހިންގުން ހަވާލުކޮށްފައި ވަނީ ޑޮނަލްޑް ޖޫނިއާ އާއި އެރިކް ޓްރަމްޕަށެވެ.

ކޮއްކޮ އިވަންކާއާ އެއްފަދައިން 39 އަހަރުގެ ޑޮނަލްޑް ޖޫނިއާ ތައުލީމު ހާސިލު ކުރެއްވީ ވާޓަން ސްކޫލް އޮފް ފައިނޭންސް އިންނެވެ. ބައްޕާފުޅު ޓްރަމްޕަކީ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ސިފަ ކުރައްވާފައިވާ ޑޮނަލްޑް ޖޫނިއާ ވެސް މުސްތަގުބަލުގައި ސިޔާސީ ދާއިރާއިން ފެނިގެންދާނެ ކަމަށް ބައެއް ފަރާތްތަކުން ވަނީ ލަފާކޮށްފަ އެވެ.

އިވަންކާ އާއި ޑޮނަލްޑް ޖޫނިއާގެ ކޮއްކޮ، އެރިކްއަކީ 'އެރިކް ޓްރަމްޕް ފައުންޑޭޝަން'ގެ ބާނީ އެވެ. ނަމަވެސް ބައްޕާފުޅު ޓްރަމްޕް ވެރިކަމަށް އަރާ ވަޑައިގަތުމުން މަސްލަހަތަށް ފުށޫ އަރާފާނެތީ، ޓްރަމްޕް ވެރިކަމުގައި ހުންނަވާ އިރު އެފައުންޑޭޝަނުން ފަންޑުރެއިޒް ނުކުރާނެ ކަމަށް އެރިކް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

ދެހާސްފަސް ވަނަ އަހަރު ކައިވެނި ކުރެއްވި ޑޮނަލްޑް ޖޫނިއާ އާއި އަނބިކަނބަލުން ވެނެސާ ޓްރަމްޕަށް ފަސް ބޭފުޅުން ލިބިލައްވާފައިވާ އިރު އެރިކް އަދި ލާރާ ޓްރަމްޕު ކައިވެނި ކުރެއްވީ 2014 ވަނަ އަހަރެވެ.

ޓިފަނީ އަދި ބެރޮން

ޓްރަމްޕުގެ ދެ ވަނަ ކައިވެނިން ލިބިލެއްވި ހަމައެކަނި ދަރިފުޅު ކަމަށްވާ ޓިފަނީ ޓްރަމްޕުގެ އުމުރުން މިހާރު 23 އަހަރެވެ. ޔުނިވާސިޓީ އޮފް ޕެންސިލްވޭނިއާ އިން ތައުލީމު ހާސިލު ކުރެއްވި ޓިފަނީ މިހާރު ގެންދަވަނީ ހާވާޑް ލޯ ސްކޫލުން ޖާގައެއް ހޯދުމަށް މަސައްކަތް ކުރައްވަމުން ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

މިއުޒިކުގެ ދާއިރާއަށް މީގެ ކުރިން ޝައުގުވެރިކަން ފާޅުކުރެއްވި ޓިފަނީ ވަނީ 2011 ވަނަ އަހަރު 'ލައިކް އަ ބާޑް' ކިޔާ ލަވައެއް ރިލީޒްކުރައްވާފަ އެވެ. އަދި ރިޔާސީ ކެމްޕެއިން ތެރޭގައި އެވީޑިއޯ ގިނަ ބައެއްގެ ސަމާލުކަމަށް އައިސް، އެއް މިލިއަނަށް ވުރެ ގިނަ މީހުން ޔޫޓިއުބުން އެލަވަ އަޑުއަހާފައިވެ އެވެ.

މެލާނިއާ އާއި ޓްރަމްޕްގެ ހަމައެކަނި ދަރިފުޅަށް މިހާރު 10 އަހަރެވެ. ޕްރައިވެޓް ސްކޫލަކުން ތައުލީމު ހާސިލު ކުރަމުންދާ ބެރޮން ވައިޓްހައުސްއަށް ބަދަލުވާނީ މިހާރު ކުރިއަށްދާ ޓާމް ނިމުމުން ކަަމަށް ޓްރަމްޕް އާއިލާއިން ވަނީ ބުނެފަ އެވެ.

މާލާ މޭޕްލްސް އަދި އިވާނާ

ޓްރަމްޕް އެންމެ ފުރަތަމަ ކައިވެނިބައްލަވައިގެންނެވި އިވާނާ ޓްރަމްޕަކީ ޗެކްރިޕަބްލިކަށް އުފަން ވިޔަފާރިވެރިއެއްގެ އިތުރުން ކުރީގެ މޮޑެލްއެކެވެ. އިވަންކާ، އެރިކް އަދި ޑޮނަލްޑް ޖޫނިއާ އަކީ އިވާނާގެ ތިން ބޭފުޅުންނެވެ.

ޓްރަމްޕްގެ ދެވަނަ އަނބިކަނބަލުން މާލާ މާޕްލްސް އާ ޓްރަމްޕް ލޯބީގެ ގޮތުން ގުޅިވަޑައިގަތީ އިވާނާއާ ކައިވެނިބައްލަވައިގެން ހުންނަވަނިކޮށެވެ. އޭގެ ފަހުން އިވާނާ ވަރިކުރެއްވުމަށް ފަހު މާލާ މާޕްލްސްއާ ކައިވެނި ބައްލަވައިގެންނެވި ނަމަވެސް ހަ އަހަރު ފަހުން އެކައިވެނި ވެސް ނިމުނީ ވަރިންނެވެ.

ޓްރަމްޕަކީ ދެ ފަހަރަށް ވަރިވެފައިވާ އެމެރިކާގެ ފުރަތަމަ ރައީސެވެ.