20 Jan 2017, 12:38
ލިޔުނީ: އާއިދާ އަބްދުލް ހަކީމް
އެކުވެރިކަމުގެ ދެ މެޗު ކުޅުމަށް ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމް އިއްޔެ ބަހުރެއިންއަށް ފުރައިފިއެވެ.
ގައުމީ ޓީމާއިއެކު މިދަތުރުގައި ބައިވެރިވާ އެފްއޭއެމްގެ ނައިބްރައީސާ އައިޝަތު ނާޒިމާ ސަން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަންހެން ޓީމްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއާއި އަންނަ އަންގާރަ ދުވަހު ކަމަށެވެ.
ނާޒިމާ ވިދާޅުވީ ދެ މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ ބަޙްރެއިންގެ ޤައުމީ ޓީމާއެކު ކަމަށެވެ. ބަހްރެއިންނާއި އެކު ކުޅޭ ދެމެޗަކީވެސް ފީފާ ރޭންކިންގެ ދެމެޗެވެ.
މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ގައުމީ އަންހެން ޓީމް ބަޙްެރެއިންގައި ފަރިތަކުރުންތައް ކުރިއަށްގެންދާނެކަމަށް ވެސް ނާޒިމާ ވިދާޅުވިއެވެ. މިދަތުރަކީ ބަޙްރެއިންގެ ދަޢުވަތަކަށް ކުރާ ދަތުރެއްކަމަށާއި، އަދި އަންހެން ޓީމްގެ ކުރިއެރުމަށްޓަކައި އެފްއޭއެމްއިން މިއަހަރު ގިނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ނިމިދިޔަ ހަތަރު ވަނަ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޤައުމީ އަންހެން ޓީމްވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.