23 Jun 2011, 13:30
ކަނޑުމަގުން ރާއްޖެ އެތެރެ ކުރި ތިން ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި މާލޭގައި ހިންގާ އޮފީހެއްގެ ތެރެއިން އަތުލައިގަނެ، އެ އެއްޗެހި އެތެރެކުރި ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޑްރަގް ޑިޕާޓްމަންޓްގެ ހެޑް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޖިނާހު މިއަދު ވިދާޅުވީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އަންގާރަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ދެ ކިލޯއަށްވުރެ ގިނަ ހަޝިޝް އޮއިލްއާއި ބައި ކިލޯގެ ހެރޮއިން ހޯދާފައިވަނީ "ގޯލްޑަން އެލޮއީ ޕުރައިވެޓް ލިމިޓެޑް" ނަމުގައި ހިންގާ ކުންފުންޏެއްގެ އޮފީސްތެރެއިން ކަމަށެވެ. އެތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 1.7 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ވެސް ޖިނާހު ވިދާޅުވި އެވެ.
ޖިނާހު ވިދާޅުވި ގޮތުގައި، އެ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އެ ކުންފުނީގެ ދެ ހިއްސާދާރުން ކަމަށްވާ ރ. މަޑުއްވަރީ މުޝްތަރީގޭ، ހުސެން ސޮބާހް، 27، އަދި ގދ. ނަޑެއްލާ، ޗަމަން، މުހައްމަދު އަސްވަދު، 29، އެވެ. އެ ދެމީހުން ހައްޔަރު ކުރީ ޔޫއެން ބިލްޑިން ކައިރިން ކަމަށާއި ހައްޔަރުކުރަން އުޅުނު ވަގުތު ސޮބާހު ވަނީ އޭނާ ލައިގެން ހުރި ޓީޝާޓްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ތަކެއް މަގުމައްޗަށް އުކާލައިފަ ކަމަށް ވެސް ޖިނާޙު ވިދާޅުވި އެވެ.
އެދެމީހުންގެ ވެސް މަސްތުވާތަކެއްޗާއި މާރާމާރީގެ ކުށުގެ ރެކޯޑް އޮންނަ ކަމަށް ވެސް ޖިނާހު ވިދާޅުވި އެވެ.
ޖިނާހު ވިދާޅުވި ގޮތުގައި، މަސްތުވާތަކެތި ފެނުނު އޮފީސް ހުޅުވާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް އެދެމީހުން ގެންގޮސް ޗެކުކުރިއިރު އެމީހުން އަތުން ފެނުނު ތަޅުދަނޑިފައްޗެއް ބޭނުންކޮށްގެންނެވެ. އެތަން ޗެކުކުރީ އެދެމީހުންގެ ހާޒިރުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމަސްތުވާތަކެތި ފުލުހުން އަތުލައިގެންފައި ވަނީ އެތަކެތި ބަންދު ވެސް ނުކުރެވި ހުއްޓާ އެންމެ ފުރަތަމަ ސްޓޭޖްގައި ކަމަށެވެ. އަދި އިތުރަށް ޖިނާހު ވިދާޅުވި އެވެ: "އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ ބޯޓަކުން މި އެއްޗެހި )މަސްތުވާތަކެތި( ބާލައި ކަނޑުމައްޗަށް ދޫކޮށްލި ކަމަށް. އެއީ އެމީހުން ކަނޑައަޅާ ހިސާބަކަށް. އެއްޗެހި ނަގައިގެން މާލެ ގެންނަނީ ޑިންގީ އެއްގައި ގޮސް،" ޖިނާޙު ވިދާޅުވި އެވެ.
ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް އޮފީސް ރަޖިސްޓްރީ ކޮށްފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ. އެ ކުންފުނީގެ މަގުސަދުގެ ތެރޭ ހިމެނެނީ އިމްޕޯޓު އެކްސްޕޯޓުގެ ވިޔަފާރި ކުރުމާއި އިމާރާތް ކުރުމުގެ ވިޔަފާރި ކުރުމާއި ދަތުރުފަތުރުގެ ހިދުމަތް ދިނުމާއި ދަތުރު ރާވާ ހިންގުމާއި ގެސްޓް ހައުސް އަދި ސަފާރީ ހިންގުމާއި އޮޕަރޭޓް ކުރުމާއި ހޮޓާއި ކެފޭ ރެސްޓޯރެންޓް ތައް ހިންގުމާއި މެނޭޖް ކުރުމާއި މަސްވެރިކަމާ ދަނޑުވެރި ކަމާއި ގުޅުން ހުރި ވިޔަފާރި ކުރުމެވެ.
މި ވިޔަފާރި އާއި މަސްތުވާތަކެއްޗާ ހުރި ގުޅުން ހޯދަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.