20 Jan 2017, 00:05
ނިމިދިޔަ އަހަރު ރާއްޖެ އަށް ޒިޔާރަތްކޮށްފައި ވަނީ 1.3 މިލިއަން ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމު ކުރި މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖެއަށް 1,286,135 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. އެއީ 2015 ވަނަ އަހަރަށްވުރެ 4.2 ޕަސެންޓްގެ ކުރިއެރުމެކެވެ. ދެހާސް ފަނަރަ ވަނަ އަހަރު ރާއްޖެ އައިސްފައި ވަނީ 1,234,248 ފަތުރުވެރިންނެވެ.
"ވިޒިޓް މޯލްޑިވްސް އިޔާ"ގެ ނަމުގައި މިދިޔަ އަހަރު 1.5 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ސަރުކާރުން ލަފާކުރިޔަސް، ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާގެ މާކެޓް ވަރަށް ބޮޑަށް ދަށްވުމުން ސަރުކާރުން ކަނޑައެޅި އަދަދު ވަނީ 1.4 މިލިއަން ޓޫރިސްޓުންނަށް ދަށްކޮށްފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މެދު އަދި އިރުމަތީ ޔޫރަޕްގެ ގައުމުތަކުން މިދިޔަ އަހަރު 575,176 ޓޫރިސްޓުން ޒިޔާރަތް ކުރިއިރު، އުތުރު ޔޫރަޕުން 132,626 ޓޫރިސްޓުން އަދި ދެކުނު ޔޫރަޕުން 109,326 ޓޫރިސްޓުން ރާއްޖެ އައިސްފައިވެއެވެ.
އޭގެ އިތުރުން، ހުޅަނގު ޔޫރަޕުން 213,006 ޓޫރިސްޓުން ނިމިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކުރިއިރު، މެޑިޓެރީނިއަން ގައުމުތަކުން ރާއްޖެއަށް 15,664 ޓޫރިސްޓުން އައިސްފައިވެއެވެ.
ޔޫރަޕުން އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން 101،843 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. އެއީ 2015 ވަނަ އަހަރަށްވުރެ 9068 ޓޫރިސްޓުންގެ އިތުރުވުމެކެވެ.
މިދިޔަ އަހަރު ވެސް އެއް ގައުމަކުން އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ ޗައިނާއިންނެވެ.
ނަމަވެސް މިދިޔަ އަހަރުގެ ނިޔަލަށް ޗައިނާ އިން އައި ޖުމްލަ 324,326 ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު، އެއީ 2015 ވަނަ އަހަރަށްވުރެ 9.8 ޕަސެންޓް ދަށްވުމެކެވެ. އެ އަހަރު ޗައިނާއިން ރާއްޖެ އައި 359,514 ފަތުރުވެރިންނެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން މެދު އަދި އިރުމަތީ ޔޫރަޕްގެ ގައުމުތަކުންނާއި އެފްރިކާ އަދި އެމެރިކާ އިން ރާއްޖެ އައި ފަތުރުވެރިން ވެސް ވަނީ އިތުރުވެފަ އެވެ.