އުމުރުން އަހަރެއް ނުވަނީސް ދެލޮލަށް ކެންސަރު ޖެހި ދެ ލޯވެސް ވަނީ ނަގާފައެވެ. އެއާއެކު ފެނުމުގެ ނަސީބުން ވަނީ މަރުހޫމުވެފައެވެ. ތުއްތުއިރު ކުރިމަތިވި ބޮޑު ބައްޔާއި ދިން ބޮޑު ފަރުވާގެ ސަބަބުން އަޑެއްނީވެއެވެ. ނުވެއް ހިނގެއެވެ. ރަނގަޅަށް ނުކެވެއެވެ. ދިރިއުޅުން ވަނީ ވޭނެއްގެ ތެރޭގައެވެ. މިއަދުވެސް އޮތީ ބަލިހާލުގައެވެ. މިއީ ނ.ހޮޅުދޫ، ރޮބިންވިލާ ޝަރީފާ ހުސައިންނާއި ނ.ވެލިދޫ، ކެވެލި އަބްދުﷲ ޒަކީގެ ތިން ވަނަ ދަރިފުޅު ކަމަށްވާ އުމުރުން ހަ އަހަރުގެ އައިމިނަތު އާނާ އަބްދުﷲ ގެ ނިކަމެތި ހާލެވެ.

އެދެމަފިރިންނަށް ދެ ވަނަ ކުއްޖެއް ލިބުނުތާ 12 އަހަރު ފަހުން ލިބުނު އާނާ އައިޖީއެމްއެޗަށް އުފަންވުމާ ހަމައަށް ވެސް އެއްވެސް މައްސަލައެއް ފާހަގައެއް ނުކުރެވެއެވެ. ޔޫރިން އިންފެކްޝަނެއް އުފެދުން ނޫން އެހެން މައްސަލައެއް ދިމައެއްނުވެއެވެ. ނަމަވެސް އޭރުވެސް ދަރިފުޅު މަޑުމަޑުން އޮންނަކަން ފާހަގަ ކުރެވުނެވެ.

ވިހައިގެން ރަށަށް ދިއުމުން ތުއްތު ދަރިފުޅަށް ބަލާލުމަށްފަހު ޝަރީފާގެ މަންމަ ވަނީ ތުއްތު ކުއްޖާ ލޮލުގަ މައްސަލައެއް އުޅޭކަން ފާހަގަކޮށްފަ އެވެ. އެހެން މީހުންގެ ލޮލާއި ތަފާތު ވާހަކަ މާމަ އެދުވަހުވެސް ބުންޏެވެ. ނަމަވެސް އެހާތަނަށް ޑޮކްޓަރަކުވެސް އެފަދަ ކަމެއް ފާހަގަކޮށްފައި ނެތުމުން އެކަން ގަބޫލްކުރަން ބޭނުންނުވިއެވެ.

"މަންމަ ބުނީ އާނާ ލޮލެއް ރަނގަޅެއް ނޫނޭ، އެކަމަކު ވަރަށް ސާފުކޮށް ހުންނަނީ އެއްވެސް ތަފާތެއް ނުހުރޭ އޭރަކު، އެކަމަކު މަންމަ ބުނަނީ އެހެން، ބޭރުން އައިބެއް ނެތް، ދެން ހަފްތާއެއް ފަހުން އެކަން އަޅުގަނޑަށް ވެސް ފާހަގަވި،" ޝަރީފާ ބުންޏެވެ.

އާނާއަށް ދުވަސްވާ ވަރަކުން ލޮލުން ތަފާތެއް ފެންނަން ފެށިއެވެ. ޝަރީފާއަށް އެކަން ބޮޑު ކަމަކަށްވެ ހާއްސަ ސަމާލުކަމެއްދީ އެކަން ބަލަން ފެށިއެވެ. އާނާ އަށް ދެ މަސްވީިއިރުވެސް ކަންކަމަކަށް ސަމާލުކަމެއް ނުދެއެވެ. މުޅިންހެން އިންނަނީ އިސްޖަހަިއގެން މާޔޫސީ ގޮތަކަށެވެ. ފަހުން ފަހުން ވަރަށް ރޮއެ ހަދަން ފެށިއެވެ.

"ދެން ޑޮކްޓަރަށް ދެއްކުމުން ބުނީ ބޭބީ ރަނގަޅޭ، ހަމަ ފޮނުވަނީ ބޭބީ ރަނގަޅޭ ބުނެ، އެކަމަކު އަޅުގަނޑު ޑޮކްޓަރަށް ދައްކަމުން ދަނީ، އެކަމަކުވެސް ރަނގަޅޭ ބުނެ ފޮނުވާލަނީ" ޝަރީފާ ބުންޏެވެ.

ވެލިދޫގައި ދިރިއުޅޭ ޝަރީފާ އޭނާގެ ދަރިފުޅު ލޮލުގެ މައްސަލަތައް ފާހަގަވެ ހަތަރު ވަނަ ފަހަރު ދެއްކުމުން މާލެ ގޮސް ލޮލުގެ ޑޮކްޓަރަކަށް ދައްކަން އިރުޝާދު ދިނެވެ. އެދުވަހުވެސް އެހާ ސީރިއަސް ކަމެއް ނޫން ކަމަށް ޑޮކްޓަރު ބުންޏެވެ. މާލެ ނާދެވި އުޅެނީސް އާނާ ލޯ ނުހުޅުވާތީ ޑޮކްޓަރަށް ދެއްކިއެވެ. އެ ދުވަހު ޑޮކްޓަރު ބުނީ ލޮލު ރޯގާއެއް ކަމަށެެވެ. ޑޮކްޓަރު އާނާގެ ލޮލަށް އެޅުމަށް ފެނެއް ދިނެވެ. އެފެން އެޅުމާއެކު އާނާގެ ލޯ ދުޅަވެ އެއް ލޯ ވަރަށް ބޮޑަށް ބޭރަށް ނުކުތެވެ.

އެހެންދިމާވުމުން އެމަޖެންސީގައި އާނާ ގޮވައިގެން މާލެއައެވެ. އައިޖީއެމްއެޗުން ފަރުވާދިނުމުން ޑޮކްޓަރުން ލަފާދިނީ އިންޑިއާގެ މަދޫރާއީއަށް ދިއުމަށެވެ. އާނާ އިންޑިއާއަށް ބޭސް ފަރުވާއަށް ގޮސް ފަރުވާ ފަށާފައި ވަނީ 2010 ވަނަ އަހަރުގެ ނޮވެމްބަރު 23 ވަނަ ދުވަހުއެވެ. އިންޑިއާ ޑޮކްޓަރުން ބަލާފައި ބުނީ އެއް އަހަރު ނުވާ އާނާ ދެލޮލުގައި ޓިއުމަރެއް އުފެދި، ފަރުވާ ނުދެވި ލަސްވެފައިވުމުން ދެލޮލަށްވެސް ކެންސަރުގެ އަސަރުކޮށްފައިވާ ކަމަށެވެ.

"ޑޮކްޓަރުން ބުނީ ކަނާތު ލޯ ބޭނުމެއް ނެތީ، ހަލާކުވެގެން ގޮސްފައޭ، އެކަމަކު ވާތުލޯގައި ކެންސަރު ހުއްޓަސް އެލޯ ސަލާމަތްކުރެވޭތޯ ބަލާނަމޭ، ދެން ކީމޯ ތެރަޕީ ފެށީ،" އާނާގެ ފަރުވާ ފެށުނުގޮތް ކިޔައިދެމުން މަންމަ ބުންޏެވެ.

ތުއްތު އާނާއަށް ކީމޯ ތެރަޕީ ދޭން ފެށުމާއެކު ހަށިގަނޑުގެ ވަރުދަށްވެ ވަރަށް ބޮޑަށް ބަލިވިއެވެ. އެފަހަރު ނުވަ މަސް ވަންދެން އިންޑިއާގައި މަޑުކުރިއެވެ. ނުވަ މަސް ފަހުން ރާއްޖެ އައިސް ވެލިދުއަށް ގޮސް އުޅުމުގެ ތެރެއިން އާނާއަށް ފިޓް ޖެހުނެވެ. މާލެ ގެނެސް ފަރުވާދީގެން ފިޓް ރަނގަޅުވިއިރު އާނާވަނީ ޕެރަލައިޒްވެފައެވެ.

"ދެން މެޝިނުގެ އެހީގައި އިންޑިއާއަށް އައީ، މަދޫރާއިން ބުނީ ލޮލުން ސިކުނޑިއަށް ދާ ނާރުގައި ތިން ޓިއުމަރު ހުރިކަމަށް، އެހެންވެ ޓްރިވެންޑުރަމަށް ދިއުމަށް، އާރުސީސީން ރޭޑިއޭޝަންދޭން ފެށީދެން،" ޝަރީފާ ބުންޏެވެ.

އެގޮތަށް ފަރުވާ ދެެމުން ދިއުމަށްފަހު ޑޮކްޓަރުން ބުނީ ސަލާމަތުން އިން ލޯ ވެސް ބޭނުން ނުކުރެވޭނެ ކަމަށެވެ. އެ ލޯ ނުނަގައިފިނަމަ އާނާގެ ހަށިގަނޑަށް ކެންސަރު ފެތުރިދާނެކަމުގެ ބިރު އޮތުމުން ޑޮކްޓަރުން ވަނީ އާނާގެ ދެލޯވެސް ނަގާފައެވެ.

"ވަރަށް ދެރަވި ދެލޯވެސް ނަގަން ޖެހެމުން، ވަރަށް ދެރަވި، ލޮލުގަ އިންނާނީ އާޓީފިޝަލް ދޭތިކޮޅު މިހާރު ލައްވާލާފަ،" ހިތްދަތިވެފައިވާ އާނާގެ މަންމަ ބުންޏެވެ.

އާނާއަށް ފަރުވާދިނުމަށް ބައްޕަގެ ބުރަ މަސައްކަތާއި އާއިލާއެހީއާއެކު ވަނީ 27 ފަހަރު އިންޑިއާއަށް ގޮސް ފަރުވާ ދީފަ އެވެ. އާސަންދަ ލިބުނު ނަމަވެސް އާސަންދަ ބޭނުން ކުރެވުނީ އެންމެ ފަހަރެއްގަ އެވެ. އެމަޖެންސީކޮށް ފުރަން ޖެހޭތީ އާސަންދައަށްވުރެ އަމިއްލަ އަތުން ހޭދަވަނީ ކުރަންޖެހިފަ އެވެ. އާނާގެ ހަށިގަނޑުގައި މިހާރު ކެންސަރުގެ އަސަރެއްނެތެވެ. ނަމަވެސް އަދިވެސް އަހަރަކު އެއް ފަހަރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހެއެވެ.

މިއަހަރު ހަތް އަހަރުވާ އާނާ މިހާރު އެނދުން ތެދުވެ ހަދައެވެ. ނަމަވެސް ކޮޅަށް ހުންނަން ނޭނގޭއިރު ވާހަކަ ދައްކައެއް ވެސް ނޫޅެވެ އެވެ. ޑޮކްޓަރުން ބުނަނީ ތުއްތު އިރު ދިން ބޮޑު ފަރުވާގެ ސަބަބުން ސިކުނޑި މަސައްކަތް ނުކުރަނީ ކަމަށެވެ.

"އުންމީދު ކުރަނީ ހިނގާލާ ވާހަކަ ދައްކާނެ ދުވަހެއް، އަބަދު ހިތައް އަރަނީ އެހެން، އަބަދު އެކަމާ ވިސްނޭ،" އުންމީދުތައް އަސަރާއެކު ކިޔައިދެމުން ޝަރީފާ ބުންޏެވެ.

އެއާއިލާގެ އެދުމަކީ އާނާ ހިނގާލައި ވާހަކަ ދައްކާލާ އަޑު އަހާލުމެވެ. މިހާތަނަށް އެހީތެރިވި ފަރާތްތަކަށް ނިހާޔަތައް ޝުކުރުކުރަމުން ޝަރީފާ އެތައް ބައެއްގެ އެހީތެރި ކަމަށް އަދިވެސް އެދެ އެވެ. އާނާއަށް ހިނގަން އަދި ވާހަކަ ދެއްކުމުގެ ފަރުވާއަށް މުޖުތަމައުގެ އެހީއަށް އާދޭހާއެކު އޭނާ އެދެއެވެ.

"މިކަން ކިޔަވާފައި ތިބޭ މީހުން ތިބޭނު، އެމީހުން އެހީވެދެއްވާ، އެހެން މީހުންގެ އެހީތެރިކަން ވަރަށް ބޭނުން އާނާ ރަނގަޅުކުރަން، ހުރިހާ ވާހަކަ ކިޔައިނުދެވުނަސް މަންމާއޭ ގޮވާލަން، ނޫނީ ބަނޑުހައިވީމަ ކާން ބުނާނެ އިރެއް ބުނާނީ،" ޝަރީފާ ބުންޏެވެ.

އާނާގެ ބައްޕަ އާއި އާއިލާގެ އެހީތެރިކަމާއެކު އާނާއަށް މިހާތަނަށް ފަރުވާދެމުން ދިޔަ ނަމަވެސް މިހާރު ދޭ ފަރުވާގެ އިތުރުން ރަނގަޅު ފަރުވާއަކަށް ބޮޑު ހޭދައެއް ކުރަންޖެހެއެވެ. އެ އާއިލާގެ ބޭނުމަކީ މިސަރަހައްދު ނޫން ނަމަވެސް އެހެން ސަރަހައްދަކަށް ގޮސްގެން ނަމަވެސް އާނާއަށް ފަރުވާދިނުމެވެ. އެކަމަށް ބޭނުން ވަނީ ދީލަތި އެހީއެކެވެ.

ވަރަށް ދެރަވި ދެލޯވެސް ނަގަން ޖެހެމުން، ވަރަށް ދެރަވި، ލޮލުގަ އިންނާނީ އާޓީފިޝަލް ދޭތިކޮޅު މިހާރު ލައްވާލާފަ،އާނާގެ މަންމަ، ޝަރީފާ ހުސައިން

އާނާއަށް އެހީވުމަށް:

އާނާ މަންމަ ޝަރީފާ 7641115

އާނާ ބައްޕަ ޒަކީ 7836273

އެކައުންޓް ނަމްބަރު:

އަބްދުﷲ ޒަކީ އެކައުންޓް: 7705320376101

ނޯޓް: ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެ އެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް9992747ނުވަތަ9982747އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.