ރިޔާދު (ޖެނުއަރީ 20): އާ އަހަރު ފެށުނު ފަހުން ފުރަތަމަ ފަހަރަށް ސައުދީ އަރަބިއާގައި މަރުގެ ހުކުމް ތަންފީޒުކޮށްފި އެވެ.

މަމްދޫހު އަލް އަންޒީ ނަމަކަށް ކިޔާ މީހެއްގެ މައްޗަށް އަންގާރަ ދުވަހު މަރުގެ ހުކުމް ތަންފީޒު ކުރީ ސައުދީ ރައްޔިތެއްގެ ގަޔަށް ބަޑި ޖަހާ މަރާލިކަން ކޯޓުގައި ސާބިތުވުމުން ކަމަށް އެގައުމުގެ އިންޓީރިއާ މިނިސްޓްރީން ބުންޏެވެ.

އަންޒީގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރީ ސައުދީ އާއި އިރާގާ ގުޅޭ ބޯޑަރު ކައިރީ އޮންނަ އަރާރު ސިޓީގެ ޖަލެއްގައި އެވެ.

ދެހާސްފަނަރަ ވަނަ އަހަރު ސައުދީ އަރަބިއާއިން ވަނީ 158 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފަ އެވެ. އެއީ 1995ގައި 192 މީހަކަށް މަރުގެ އަދަބު ދިން ފަހުން އެގައުމުން އެންމެ ގިނައިން މަރުގެ އަދަބު ދިން އަހަރެވެ.

އަދި މިދިޔަ އަހަރު ސައުދީން ވަނީ 153 މީހަކަށް މަރުގެ އަދަބު ދީފަ އެވެ. އޭގެ ތެރޭގައި ސައުދީ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއް ކަމަށްވާ ތުރްކީ ބިން ސައުދް އަލް ކާބިރު ވެސް ހިމެނެ އެވެ.

އެގައުމުގައި އާއްމުކޮށް މަރުގެ ހުކުމް ތަންފީޒު ކުރަނީ ކަނޑިއަކުން ޖަހައި ކަރު ބުރިކޮށްގެންނެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި ސައުދީ އަރަބިއާއާ އަޅާ ބަލާއިރު އިރާނާއި ޗައިނާއިން މަރުގެ އަދަބު ދޭ މިންވަރު މާ ގިނަ އެވެ. އަދި ޗައިނާގައި މަރުގެ އަދަބު ދިނުމަށް ފަހު ބައެއް ފަހަރު އެކަން ސިއްރު ކުރުމުގެ ސަބަބުން ޗައިނާގައި މަރުގެ އަދަބު ދޭ މިންވަރު ޔަގީން ކުރަން ދަތި ކަމަށްވެސް އެޖަމާއަތްތަކުން ފާހަގަ ކުރެ އެވެ. (އޭއެފްޕީ)