19 Jan 2017, 17:33
ބަންޖުލް (ޖެނުއަރީ 19): ގެމްބިއާގެ ރައީސް ޔަހުޔާ ޖަމޭހް ވެރިކަން ދޫކުރައްވަން ދެކޮޅު ހެއްދެވުމުގެ ސަބަބުން އެ ގައުމުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އެޑަމާ ބަރޯ ވެރިކަމުގެ ހުވާ ކުރައްވާނީ ސެނެގާލްގައި ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ބަރޯގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ޝެއާކޮށްފައިވާ ޕޯސްޓުތަކުގައިވާ ގޮތުން މިއަދު ހަވީރު އޭނާ ވެރިކަމުގެ ހުވާ ކުރައްވާނީ ސެނެގާލްގައި ހުންނަ ގެމްބިއާ އެމްބަސީގަ އެވެ.
ބަރޯ ވެރިކަމުގެ ހުވާ ކުރެއްވުން ބާއްވަން ހަމައްޖައްސާފައި އޮތީ އިއްޔެގަ އެވެ. ނަމަވެސް މިދިޔަ މަހު އޮތް ގެމްބިއާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރައްވާނެ ކަމަށް ވިދާޅުވި ރައީސް ޖަމޭހު ވަނީ އެގައުމުގައި ކުއްލި ހާލަތު އިއުލާން ކުރައްވާފަ އެވެ. އަދި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ އެމަނިކުފާނަށް ވެރިކަމުގައި ހުރެވޭނެ މުއްދަތު ތިން މަހަށް އިތުރުކޮށްފަ އެވެ.
ހުޅަނގު އެފްރިކާގެ ގައުމުތަކުން ދަނީ ޖަމޭހް ވެރިކަމުން އިސްތިއުފާ ދެއްވުމަށް ގޮވާލަމުންނެވެ. އަދި އެގޮތަށް އަމަލު ނުކުރައްވައިފި ނަމަ ގަދަ ބާރުން ވެރިކަން ބަދަލު ކުރާނެ ކަމުގެ އިންޒާރު އެސަރަހައްދުގެ ގައުމުތަކުން ވަނީ ދީފަ އެވެ. އަދި ވެރިކަން ބަދަލު ކުރުމަށް ސެނެގާލްގެ އަސްކަރީ ފައުޖުތައް ދެ ގައުމު ގުޅޭ ބޯޑަރު ކައިރީ ތައްޔާރަށް ތިބި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
އަދި ގެމްބިއާގައި ހުންނެވުމުން ފުރާނައަށް ނުރައްކާވެދާނެތީ ބަރޯ ވެސް ސެނެގާލްގައި ހުންނަވާތާ ހަފްތާއެއް ވެއްޖެ އެވެ.
ގެމްބިއާގައި ހަމަނުޖެހުން އުފެދުމުގެ ބިރު އޮތުމުން އެގައުމުގެ ގާތްގަނޑަކަށް 26،000 މީހުން ވަނީ ސެނެގާލް އިން ހިމާޔަތް ހޯދާފަ އެވެ. (ބީބީސީ)