19 Jan 2017, 15:20
އިންޑިއާގެ ޓެކްސް ނިޒާމު ރިފޯމުކޮށް، ފުރަތަމަ ފަހަރަށް ނަގާ ޖީއެސްޓީ ނެގޭ ވަރު ވާނީ މިއަހަރުގެ ޖުލައި މަހުން ފެށިގެން ކަމަށް އެގައުމުގެ ފިނޭންސް މިނިސްޓަރު އަރުން ޖައިތުލީ ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ހުރިހާ ސްޓޭޓެއްގައިވެސް ވިއްކާ މުދަލާއި ޚިދުމަތްތަކުން އެއް ހަމައަކުން ޓެކްސް ނެގުމަށް އެގައުމުގެ ގާނޫނު ހަދާ އެވެ.
އިންޑިއާގެ ސަރުކާރުން ވަނީ، ޖީއެސްޓީ ކައުންސިލްގެ ނަމުގައި ޚާއްސަ ކައުންސިލެއް އުފައްދައި، ޖީއެސްޓީ ނެގުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ރޭވުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައެވެ. އެ ކައުންސިލްގައި ހިމެނެނީ އިންޑިއާގެ ޔޫނިއަން ފިނޭންސް މިނިސްޓަރު އަރުން ޖައިތުލީއާއި، އިންޑިއާގެ ސްޓޭޓުތަކުގެ ފިނެންސް މިނިސްޓަރުންނެވެ.
އިންޑިއާއިން އަމާޒުކުރަމުން ދަނީ މިއަހަރުގެ އޭޕްރިލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖީއެސްޓީ ނިޒާމު ތައާރަފު ކުރާށެވެ. އެހެން ނަމަވެސް، ޖީއެސްޓީ ކައުންސިލުގެ ބައްދަލުވުމަކަށް ފަހު އިންޑިއާގެ ފިނޭންސް މިނިސްޓަރު އަރުން ޖައިތުލީ މިއަދު ވިދާޅުވި ގޮތުގައި، އޭޕްރިލް މަހު މިކަން ފެށުމަކީ އުނދަގޫ ކަމަކަށް ވާނެއެވެ. އަދި ބޮޑަށް ބެލެވެނީ، ނިޒާމު ތައްޔާރުކޮށް، ޖީއެސްޓީ ނަގަން ފެށޭނީ ޖުލައި މަހުން ފެށިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މިވަގުތު ކަނޑައަޅަންޖެހޭ ކަންކަމަކީ، ޓެކްސް ނެގުމަށް ސްޓޭޓުތަކުގެ އިހްތިސާސް ހިނގާ ސަރަހައްދުތައް ކަނޑައެޅުން ކަމަށެވެ.
މިހާރު އިންޑިއާގައި ޓެކްސް ނިޒާމު އޮތް ގޮތުން، އިންޑިއާގެ މަރުކަޒީ ސަރުކާރާއި ސްޓޭޓުތަކުގެ ލާމަރުކަޒީ ސަރުކާރުތަކުގައި އެކިއެކި ޓެކްސްތައް ނަގައެވެ. އެހެން ނަމަވެސް އަލަށް ތައާރަފުކުރާ ޓެކްސް ނިޒާމުގައި، ޖީއެސްޓީ ގާނޫނު ތަންފީޒު ކުރަން ފެށުމުން، މިހާރު ސްޓޭޓުތަކާއި އިންޑިއާގެ ޔޫނިއަން ސަރުކާރުން ނަގާ 17 ޓެކްސްއެއް އުވިގެން ދާނެއެވެ. އޮނަތިރީސް ސްޓޭޓު ހިމެނޭ އިންޑިއާގައި ވަކި ސްޓޭޓެއްގައި ވަކި ވަރަކަށް ޓެކްސް ނެގުން ފަދަ ބޭއިންސާފު ޕްރެކްޓިސްތައް ހުއްޓި، ހުރިހާ ރައްޔިތުންގެ އަތުން ވެސް އެއްވަރަކަށް ޓެކްސް ނެގެން ފެށޭނެއެވެ.
އިންޑިއާގެ ޖީއެސްޓީ ކައުންސިލުން ނިންމާފައިވަނީ، ހަތަރު ރޭޓެއްގައި މުދަލުން ޖީއެސްޓީ ނެގުމަށެވެ. އެއީ ފަސް ޕަސަންޓު، 12 ޕަސަންޓު، 18 ޕަސަންޓު އަދި 28 ފަސަންޓެވެ. މީގެ ތެރެއިން ކާބޯތަކެއްޗާއި އާންމު ދިރިއުޅުމުގައި ބޭނުންކުރާ ތަކެތި ޓެކްސް ކުރެވޭނީ ފަސް ޕަސަންޓުންނެވެ. އަދި ލަގްޒަރީ އައިޓެމްސްއާއި ބަނގުރަލާއި ދުންފަތުގެ ބާވަތްތައް ފަދަ ތަކެތި ޓެކްސް ކުރެވޭނީ 28 ޕަސަންޓުން ކަމަށް ބެލެވެއެވެ.
ފިނޭންސް މިނިސްޓަރު ޖައިތުލީ ވިދާޅުވެފައިވާ ގޮތުން، އިންފްލޭޝަން ރޭޓު ބެލުމަށް ހަދާ ކޮންޒިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި)ގައި ހިމެނޭ މުދަލުގެ ބާވަތްތަކުގެ ދެބައިކުޅަ އެއްބައި އެއްވެސް ގޮތަކަށް ޓެކްސް ނުކުރެވޭނެއެވެ. ސަބަބެއްގެ ގޮތުގައި މިނިސްޓަރު ވިދާޅުވީ، ފަގީރުން ޓެކްހުން ހިމާޔަތް ކުރުމެވެ.
މީގެ އިތުރުން، ޚިދުމަތްތަކުގެ ޓެކްސް އުޅޭނީ 15 ޕަސަންޓާއި 18 ޕަސަންޓާ ދެމެދުގައެވެ.
މުޅި އިންޑިއާގައި އާލަމީ ޓެކްހެއް އެއްވަރަކަށް ނަގަން ފެށުން ވެގެން ދާނީ ވިޔަފާރި ކުންފުނިތަކަށް ލިބޭ ފަސޭހައަކަށެވެ. މިހާރު އޮތް ގޮތުން ކުންފުނިތައް ޖެހެނީ އެކި ސްޓޭޓުތަކުގައި އޮންނަ ޓެކްސް ގާނޫނުތަކަށް އަހުލުވެރިވެ ހެދުމެވެ. އެހެން ނަމަވެސް އަންނަ އަހަރުގެ އޭޕްރިލް މަސް ފެށުމާ އެކު، ހުރިހާ ފަރާތަކުންވެސް އަމަލުކުރަންޖެހޭނީ އެއް ޓެކްސް ނިޒާމަކަށެވެ.
އިންޑިއާގައި ޖީއެސްޓީ ނަގަން ފެށުމުން އިންޑިއާގެ އެކިއެކި ސްޓޭޓުތަކުގެ ދެމެދުގައި ދަތުރުފަތުރުގެ އަގު ހެޔޮވެގެން ދާނެއެވެ. ބައެއް ސްޓޭޓުތަކުގެ ބޯޑަރުތަކުގައި ޗެކްޕޮއިންޓު ބަހައްޓައި، ސްޓޭޓަށް ވަނުމަށް ވަކި ވަރަކަށް ފައިސާ ދައްކަން ޖެހޭ ޖެހުން ވެސް ނިމުމަކަށް އަންނާނެއެވެ.