ގދ. ތިނަދު އަށް މަސްތުވާތަކެތި ގެންދިޔަ މީހަކު އުމުރަށް ޖަލަށް ލުމާ އެކު 100،000 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

ގދ. ތިނަދޫ ރޯމަރުގޭ ޝަމާއިލް އަފީފްގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ 2014 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުގެ ރޭ 7:15ގައި "ހަވަރު ބޯޓު"ން ތިނަދޫ އަށް މަސްތުވާތަކެތި ގެންދިޔަކަން ޝަރީއަތަށް ސާބިތުވުމުންނެވެ.

ކްރިމިނަލް ކޯޓުން އަންގާރަ ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ ހަވަރު ބޯޓުން ފައިބައިގެން ދިޔަ މީހެއްގެ ސައިކަލް ފަހަތުގައި ޝަމާއިލް ދަނިކޮށް އެ ރަށު އެސްޓީއޯ ގުދަން ކުރިމަތިން ފުލުހުން އޭނާ ހުއްޓުވައި ޗެކްކުރި އިރު، އޭނާގެ ޖީބުން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

އޭނާގެ ޖީބުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 8.0699 ގްރާމް ޑައިމޯފިން (ހެރޮއިން) ހުރިކަމަށް ތަހުލީލު ރިޕޯޓުން ދައްކާ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

ޖޫރިމަނާގެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވެސް އެ ހުކުމްގައި އޭނާ އަށް ވަނީ އަންގައިފަ އެވެ.