19 Jan 2017, 15:15
ރާއްޖެއަށް ދެމުން އަންނަ އިންޓަނެޓް ހިދުމަތަށްދޭ ޑިސްޓްރިބިއުޓެޑް ޑިނަޔަލް އޮފް ސާވިސް (ޑީޑޮސް) އެޓޭކްތަކުގެ ސަބަބުން ދިރާގު ކަސްޓަމަރުންނަށް ޚިދުމަތް ލިބިގަތުމުގައި ދިމާވި އުނދަގޫތަކުގެ ބަދަލުގައި އަންނަ މަހުގެ ބިލުން ޚާއްސަ ޑިސްކައުންޓެއް ދޭން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕީއާރް މުހައްމަދު މިރުޝާން ހަސަން "ސަން" އަށް ވިދާޅުވީ ޑީޑޮސް އެޓޭކުތަކުގެ މިންވަރު މިހާރު ވަރަށް ދަށްކުރެވިފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ކުރުމަށް އަންނަނީ ދުނިޔޭގެ ފެންވަރުގައި ހޯދާލެވޭ ކުންފުނިތަކުގެ ތެރެއިން ކުންފުންޏަކާ އެކު ކަމަށް އޭނާ ވިދާޅުވި އެވެ.
"އަބަދު ވެސް އެފަދަ ހަމަލާތަކެއް އާދޭ. އެކަމަކު މިފަހަރު އައި އެޓޭކްތަކުގެ މެގްނިޓިޓިއުޑް މާ ބޮޑީ. ކަސްޓަމަރުންނަށް ވެސް އެނގޭނެ މިހާރު ކުރިއަށް ވުރެ ރަނގަޅުކަން. އެކަމަކު މިކަހަލަ ޑީޑޮސް ހަމަލާތައް އެކި ފަހަރު އަންނަނީ އެކި ގޮތަށް ވީމާ އެކަން ހައްލުކުރަން ވަގުތުތަކެއް ނަގަނީ. އެހެން ވީމަ ނޭނގޭނެ އެހެން ދަންނަވާކަށް އެއްކޮށް ރަނގަޅުވާނީ ކޮން އިރަކު ކަމެއް. އަޅުގަނޑުމެން މިދަނީ މިކަހަލަ ކަންތައްތަކަށް ދުނިޔޭގައި ވެސް އެންމެ މޮޅު އެއް ކުންފުންޏާ އެކު މަސައްކަތް ކުރަމުން. އެއީ އެމެރިކާ ކުންފުންޏެއް،" މިރުޝާން ވިދާޅުވި އެވެ.
މިރުޝާން ވިދާޅުވި ގޮތުގައި އެ ހަމަލާތަކުގެ ސަބަބުން ދިމާވި މައްސަލަ އެންމެ ބޮޑަށް ދިމާވީ ޕޯސްޓްޕެއިޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ކަމަށާއި އެހެން ކަމުން އެ ފަރާތްތަކަށް ޑިސްކައުންޓް ދޭން ވަނީ ނިންމައިފަ އެވެ.
ރާއްޖޭގައި މުވާސަލާތީ ޚިދުމަތްދޭ ދެ ކުންފުންޏަށް ވެސް ވަނީ ޑީޑޮސް ހަމަލާތައް އަމާޒުވެ އިންޓަނެޓު ޚިދުމަތަށް ބުރޫ އަރައިފަ އެވެ. މި މައްސަލައިގެ ސަބަބުން އެ ދެ ކުންފުނީގެ ކަސްޓަމަރުންނަށް ވެސް ވަނީ ތަކުލީފުތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.