19 Jan 2017, 14:04
މީގެ ހަތަރު އަހަރު ކުރިން ވިލިމާލޭގައި އަންހެން ކުއްޖަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލި މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ގ. ރެޑްކޮރަލް، މުހައްމަދު އަބްދުއް ޝަކޫރުގެ މައްޗަށް ދައުލަތުން އުފުލި ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.
އެ އަންހެން ކުއްޖާ ރޭޕްކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގަ އެވެ.
އުމުރުން 16 އަހަރުގެ އެ ކުއްޖާ ތަހުގީގަށް ދިން ބަޔާނުގައި ބުނެފައި ވަނީ ވިލިމާލެ މަގުމަތިން ފިރިހެން ކޮއްކޮއާ އެކު އޭނާ ދަނިކޮށް ގެއަކަށް ވައްދައި އޭނާ ރޭޕްކުރީ ކަމަށެވެ. އަދި ރޭޕްކުރީ އޭނާގެ ފިރިހެން ކޮއްކޮ އެހެން ކޮޓަރިއަކަށް ލުމަށް ފަހު ކަމަށް ވެސް އެ އަންހެން ކުއްޖާ ވަނީ ބުނެފަ އެވެ.
އެކުއްޖާ ރޭޕްކުރީ އަބްދުއްޝަކޫރު ކަމަށް ބުނެ އެކުއްޖާ ތަހުގީގަށް ބަޔާންދިން ނަމަވެސް އޭނާ ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކި ގަރީނާއިން، ދައުވާގައި ބަޔާންކޮށްފައިވާ ކުށުގެ އަމަލު، އަބްދުއްޝަކޫރު ކޮށްފައިވާކަން، ޝަރީއަތަށް ސާބިތުކުރުމަށް ޓަކައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށް ހެކިބަސް ލިބިފައިނުވާ ކަމަށެވެ.
"..... ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި، އެ މީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީއަތަށް ސާބިތުނުކުރެވޭ ނަމަ އެމީހަކީ ކުށެއް ނެތް މީހެއްކަމުގައި ބެލުމުގެ ހައްގު ލިބިގެންވާ ކަމަށް ބަޔާންކޮށްފައި އޮންނާތީ، މާލެ، ގ.ރެޑްކޮރަލް މުހައްމަދު އަބްދުއްޝަކޫރުގެ މައްޗަށް ދައުލަތުން ކުޅަ ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއްހިންގުމުގެ ކުށުގެ މިދައުވާ ޝަރީއަތަށް ސާބިތުނުވާކަމަށް ހުކުމްކޮށް މިޤަޟިއްޔާ ނިންމީ އެވެ،" ކްރިމިނަލް ކޯޓުން އިއްވި ހުކުމްގައިވެ އެވެ.