މެޖިސްޓްރޭޓް ކޯޓުތަކުގައި ޝަރީއަތް ކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމާ ބެހޭ ގޮތުން އެ ތަންތަނުގެ އިސްވެރިންގެ މަޝްވަރާ ބައްދަލުވުމެއް މިއަދު ބަނޑޮސް އައިލެންޑް ރިސޯޓުގައި ފައްޓާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފި އެވެ.

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވަވާ "އިސް މެޖިސްޓްރޭޓުންގެ ބައްދަލުވުން 2011" މިއަދު ބަނޑޮސް އައިލެންޑުގައި ފަށާ އިރު މި ބައްދަލުވުމުގެ މައިގަނޑު މަގުސަދުތަކަކީ މެޖިސްޓްރޭޓް ކޯޓުތަކުގައި ޝަރީއަތް ކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމާ ބެހޭ ގޮތުން މަޝްވަރާކުރުމާއި އެކި ކޯޓުތަކުގައި ޝަރީއަތުގެ މަރުޙަލާތައް ގެންދިޔުމުގައި ހުރި ތަފާތުތައް ފާހަގަކޮށް އެކަންތައް އެއްގޮތް ކުރުމާ ބެހޭ ގޮތުން މަޝްވަރާކުރުމާއި އަދި ޝަރްއީ ދާއިރާއާ ގުޅުން ހުރި އެހެނިހެން ދާއިރާތަކާ އެކު މަޝްވަރާތައް ބޭވުން ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ބުނެ އެވެ.

ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަހުމަދު ފާއިޒު ހުސައިން ވެސް ބައިވެރިވެވަޑައިގަންނަވާ މި ބައްދަލުވުމުގައި މެޖިސްޓްރޭޓް ކޯޓުތަކުގެ އިސް މެޖިސްޓްރޭޓުން ނުވަތަ އިސް މެޖިސްޓްރޭޓުންގެ ބަދަލުވުމަށް ވަޑައިގަންނަވާ ބޭފުޅުންގެ އިތުރުން، މާލޭގެ ކޯޓުތަކުގެ އިސް ފަނޑިޔާރުން/ގާޒީންނާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިސް ބޭފުޅުންނާއި ޕްރޮސެކިޔުޓާ ޖެނެރަލާއި އެޓަނީ ޖެނެރަލާއި އަދި މޯލްޑިވްސް ޕޮލިސް ސަވިސަސްގެ މަންދޫބުން ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖޫޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުންޏެވެ.

މިބައްދަލުވުން އޮންނާނީ މިއަދު ހަވީރު 4:30 އިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ހަމައަށް ކަމަށް އެ ޑިޕާޓްމަންޓުން ބުނެ އެވެ.