ދުނިޔޭގެ އިގުތިޞާދަށާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކަށް އެންމެ ހަލުވިކޮށް އިޖާބަދޭ ނުވަތަ އެންމެ ތަހުޒީބު ސިޓީގެ ލަގަބު އިންޑިއާގެ ބެންގަލޫރަށް ދީފި އެވެ.

ރެއަލް ސްޓޭޓް ފާމެއް ކަމަށްވާ ޖޯންސް ލާންގް ލަސެލް އިން ހަދާފައިވާ ސިޓީ މޮމެންޓަމް އިންޑެކްސް 2017ގެ އެއް ވަނަ ބެންގަލޫރު ހޯދާފައި ވަނީ މިދިޔަ އަހަރު އެއް ވަނައިގައި އޮތް އިނގިރޭސިވިލާތުގެ ލަންޑަން ފަހަތަށް ޖައްސާލުމަށް ފަހު އެވެ. އެރިޕޯޓު މިހާރު ދަނީ ސުވިޒަލޭންޑުގައި ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމްގައި މަޝްވަރާ ކުރަމުންނެވެ.

އެރިޕޯޓުގެ މަގުސަދަކީ ދުނިޔޭގެ އިގުތިޞާދަށާއި ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާ އެއްވަރަށް ހިފަހައްޓާލެވޭ ސިޓީތައް ބެލުމެވެ. ދެހާސްފަނަރަ ވަނަ އަހަރު އެ ލިސްޓަށް ބެންގަލޫރު އެރި އިރު އޮތީ 12 ވަނައިގައެވެ. އަދި މިިދިޔަ އަހަރު އޮތީ ހަތަރު ވަނައިގައެވެ.

އެ ލިސްޓުގައި 134 ސިޓީއެއް ރޭންކުކޮށްފައި ވަނީ 42 ކަމަކަށް ބަލައިފައެވެ. އެގޮތުން ބަލާފައިވާ ކަންތައްތަކުގެ ތެރޭގައި ސިޓީގެ އުފެއްދުންތެރިކަމާއި، ކޯޕަރޭޓް މައި އޮފީސްތައް ހުންނަ މިންވަރާއި، ކޮމާޝަލް ރެއަލް ސްޓޭޓާއި ކުއްޔަށް އަންނަ ބަދަލުތަކާއި އާބާދީ ހިމެނެ އެވެ. މީގެ އިތުރުން އެ ލިސްޓުގައި ހިމެނުމަށް ބަލާ ކަންތައްތަކުގެ ތެރޭގައި ސިޓީން އާ އީޖާދުތައް އުފައްދާ މިންވަރާއި، ތައުލީމުގެ ފެންވަރާއި، ތިމާވެށީގެ ހާލަތު ހިމެނެ އެވެ.

ދުނިޔޭގެ އެންމެ ތަހުޒީބުވެފައިވާ ސިޓީތަކުގެ ލިސްޓުގެ ދެވަނަ އާއި ތިން ވަނަ ވިއެޓްނާމްގެ ހޯ ޗީ މިން ސިޓީ އާއި އެމެރިކާގެ ސިލިކަން ވެލީ ހޯދި އިރު ހަތަރު ވަނަ އާއި ފަސް ވަނައިގައި އޮތީ ޗައިނާގެ ޝަންހާއީ އާއި އިންޑިއާގެ ހައިދަރުއާބާދެވެ. އަދި މިއަހަރު ލަންޑަނަށް ލިބުނީ ލިސްޓުގެ ހަ ވަނައެވެ. (ހިންދޫ)