ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ރަނގަޅުވެ، ކުރިޔަށް އޮތް ތިން އަހަރު ދުވަސް ތެރޭގައި ރާއްޖޭގެ އިގްތިސާދު އެވަރޭޖްކޮށް 4.3 ޕަސަންޓަށް ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފި އެވެ.

ވޯލްޑް ބޭންކުން އާންމުކޮށްފައިވާ ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސް ރިޕޯޓު ބުނާ ގޮތުން، 2016 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު 3.5 ޕަސަންޓަށް ކުރިއަރާފައިވެ އެވެ. މި ކުރިއެރުމަށް މެދުވެރިވި ސަބަބަކީ ކޮންސްޓްރަކްޝަން ސިނާއަތާއި، އާންމު ސަރުކާރުން ޕަބްލިކް އިންފްރާސްޓްރަކްޗަރަށް ކުރި ހޭދަތައް އިތުރުވުމުން ކަމަށް ވޯލްޑް ބޭންކުން ބުނެ އެވެ.

އެހެން ނަމަވެސް އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަށް ފަންޑު ހޯދުމަށް ބޮޑެތި އަދަދުން ލޯނު ނަގާފައިވާތީ، ރާއްޖޭގެ ދަރަނި މައްޗަށް ގޮސްފައިވާ ކަމަށް އެ ރިޕޯޓުގައި ފާހަގަކުރެ އެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ، 2016 ވަނަ އަހަރު ހީނަރުވި، ރާއްޖޭގެ ފަތުރުވެރިކަން މިއަހަރުގެ ތެރޭގައި ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މިއަހަރުން ފެށިގެން 2019 އާ ހަމައަށް، އެވަރޭޖްކޮށް އަހަރަކު 4.3 ޕަސަންޓުން ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެ އެވެ.

އެ ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި، ރާއްޖޭގެ އިގްތިސާދަށް ހުރި ގޮންޖެހުންތަކާއި ކުރިމަތިވެދާނެ ނުރައްކާތައް ހިމެނެ އެވެ. އެގޮތުން، ރާއްޖޭގެ ދަރަނި އިތުރުވުމާއި ގައުމީ ސަލާމަތުގެ މައްސަލަތަކާއި ސިޔާސީ ހަލަބޮލިކަމަކީ ރާއްޖޭގެ އިގްތިސާދަށް އޮތް ނުރައްކަލެއް ކަމަށް ވޯލްޑް ބޭންކުން ފާހަގަކުރެ އެވެ.

މީގެ އިތުރުން، ދެކުނު އޭޝިއާގެ އެހެނިހެން ގައުމުތަކުގެ އިގްތިސާދުގައި ހުރި މައްސަލަތައް ވެސް ފާހަގަކޮށް، ވޯލްޑް ބޭންކުން ބުނީ އެފަދަ ކަންކަން ސަރަހައްދީ މައްސަލަތަކަށްވެ، އެކަންކަމަށް ހައްލު ނުހޯދިއްޖެ ނަމަ ރިސްކު ޕްރީމިއަމް ބޮޑުވެ، މަޝްރޫއުތަކަށް ފައިނޭންސް ހޯދުމުގެ އަގު ވެސް ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ވޯލްޑް ބޭންކުން ލަފާކުރަނީ، މި އަހަރު ރާއްޖޭގެ ޖީޑީޕީއަށް 3.9 ޕަސަންޓުގެ ކުރިއެރުމެއް ލިބޭނެ ކަމަށެވެ. އަދި 2018 އަދި 2019 ވަނަ އަހަރު، 4.6 ޕަސަންޓުން ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަރާނެ ކަމަށް ވެސް ވޯލްޑް ބޭންކުން ލަފާކުރެ އެވެ.