23 Jun 2011, 12:56
ޖުޑިޝަލް ސާވިސް ކޮމިޝަން [ޖޭއެސްސީ]ގެ މެންބަރު ކަމަށް ހައިކޯޓުން ކަނޑައަޅާފައި ހުންނަ ފަނޑިޔާރު އަބްދުލްޣަނީ އެ މަގާމުން އިސްތިއުފާދެއްވާފައިވާ ކަމަށް އެ ކޯޓުން މިއަދު ބުނެފި އެވެ.
ހައި ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ކޯޓުން ޖޭއެސްސީ އަށް ކަނޑައަޅާފައި ހުންނަ ފަނޑިޔާރު އެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށާއި އެކޮމިޝަނަށް އެކޯޓުން ދެން ކަނޑައަޅާނެ މެންބަރަކު ހޮވުމާ ބެހޭ ގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އޮފިޝަލް ނުދެއްވަ އެވެ.
ފަނޑިޔާރު އަބްދުލްޣަނީއާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި އޭނާ އެ މަގާމުން އިސްތިޢުފާދެއްވީ އޭނާ އެ މަގާމަށް އިންތިހާބު ކުރި އިރު ގާނޫނުގައި ބުނާ އަދަދަށް ކޯޓަށް ފަނޑިޔާރުން ހަމަވުމުގެ ކުރިން ކަމަށެވެ. އަދި ޤަނޫނުން ބުނާ އަދަދު މިހާރު ހަމަވެފައިވާތީ ނުވަ ފަނޑިޔާރުންގެ ތެރެއިން ބޭފުޅަކު ޖޭއެސްސީ އަށް އިންތިހާބްކުރުމަށް ކަމަށެވެ.
ޣަނީ އެމަގާމުން އިސްތިއުފާ ދެއްވައި ރައީސް އޮފީހަށް ވަނީ މިދިޔަ ހޯމަ ދުވަހު ސިޓީ ފޮނުއްވައިފަ އެވެ.
ހައިކޯޓުން ޖޭއެސްސީ އަށް ކަނޑައަޅާފައި ހުންނަވާ މެމްބަރު އިސްތިއުފާ ދެއްވުމުން ޖޭއެސްސީގައި މިހާރު ތިއްބަވާނީ ސުޕްރީމް ކޯޓުން، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ދަށު ކޯޓުތަކުން، ފަނޑިޔާރު އަބްދުﷲ ދީދީ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި މަޖިލީހުގެ މެމްބަރު ގާސިމް އިބްރާހީމާއި ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒާއި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ފަހުމީ ހަސަނާއި އާންމުންގެ ފަރާތުން ޝުއައިބު އަބްދުއްރަހްމާނުގެ އިތުރުން ވަކީލުންގެ ތެރެއިން އަހުމަދު ރަޝީދެވެ.
އެކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެންބަރުގެ މަގާމު ވެސް މިހާރު ވަނީ ހުސްވެފަ އެވެ.